twitterviber whatsapp telegramfacebookyoutube instagram
26th April 2024

އެއްވެސް ސަރުކާރަކުން ހދ އަތޮޅުގައި ފަތުރުވެރިކަމުގެ ފުރުސަތު ފަހިކޮށްދީފައެއް ނުވޭ: މޮސްޓާ

ޚަދީޖާ އާދަމް
Nov 24, 2020
7

ފަތުރުވެރިކަމަށް 50 އަަހަރު ފުރިގެންދާއިރު ހދ އަތޮޅުގައި ރިސޯޓެއް ނެތްކަމަށާއި ހދ ގައި ފަތުރުވެރިކަން ތަރައްގީކުރަން އެއްވެސް ސަރުކާރުން މަސައްކަތް ނުކުރާކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެ އެވެ.

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ 21 ވަނަ ޖަލްސާގައި ޓޫރިޒަމް ގާނޫނަށް ސަރުކާރުން ހުށައެޅި އިސްލާހުގެ ބިލަށް ވާހަކަ ދައްކަވަމުން މޮސްޓާ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރިގެންދާއިރު ހދ އަތޮޅުގައި ރިސޯޓެއް ނެތް ކަމަށާއި، ރިސޯޓުގެ ނަމުގައި ހިންގާ ހޮނޑާފުށި މުވައްޒަފުންނަށް ސާރވިސް ޗާޖު ނުދޭކަމަށެވެ.

ހދ އަތޮޅުގައި ހުރި ރީތި ރަށްތައް މާލޭގެ މުއްސަނދިން ނަގައިގެން ބޭނުން ކުރަނީ ޕްރައިވެޓް ރަށްތަކުގައި ގޮތުގައި ކަމަށާއި އެތަންތަނުގައި ރިސޯޓު ތަރައްގީ ނުކުރާކަމަށް މޮސްޓާ ވިދާޅުވި އެވެ.

"ހދ ހުރި ރީތި ރަށްތައް މާލޭގެ މުއްސަނދިން ނަގައިގެން ރިސޯޓެއް ނުހަދާ އެތަންތާކު، ޕްރައިވެޓް އައިލެންޑް ހަދައިގެން ރާއްޖޭގެ އެންމެ މުއްސަނދި އެއް ވިޔަފާރިވެރިޔާ އެތަނުގައި ޕްރިވެޓް އައިލެންޑެއް ހަދައިގެން ނާޗަރަންގީ ކުޅެން ބޭނުން ކުރަނީ"

ނޮޅިވަރަންފަރުގައި 14 ހެކްޓަރުގެ ބިމެއް މުއްސަންޖަކަށް ދޫކޮށްގައި އޮންނަތާ 12 އަހަރު ކަމަށާއި އެހެންނަމަވެސް އެތަނުގައި އަކައެއްވެސް ޖަހާލާފައި ނުވާކަމަށާއި 2008 ވަނަ އަހަރުން ފެށިގެން އެ ބިން ސަރުކާރަށް ސަނާ ކިޔާ ފަރާތްތަކަށް ބަހަމުން ގެންދާއިރު ރަށުގެ ރައްޔިތުންނަަކަށް އެ ތަނުން ވަޒީފާއެއް ނުލިބޭތަނުގައި އެ ބިމުގައި އިތުރު މަސައްކަތެއްވެސް ނުކުރެވޭކަމަށް މޮސްޓާ ވިދާޅުވި އެވެ.

ހަތާވީސް ހާސް މީހުންގެ އާބާދީ އޮތް ތިލަދުންމައްޗަށް އަތޮޅުގައި ފަތުރުވެރިކަން ނެތްތާ 50 އަހަރު ވެގެންދާއިރު ފަތުރުވެރިކަމުގައި ހދ އަތޮޅުގެ ރައްޔިތުންގެ ހިއްސާ ކުޑަ ނޫންކަމަށާއި ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ހދ އަތޮޅުގެ މީހުން މަދު ނުވާނެ ކަމަށް ވެސް މޮސްޓާ ވިދާޅުވި އެވެ.

އަދި އެ ރައްޔިތުންވެސް އަމިއްލަ އަތޮޅުގައި ތިބެގެން، އާއިލާ ކައިރީގައި ތިބެގެން ވަޒީފާގެ ފުރުސަތު ލިބޭނެގޮތެއް ބޭނުންވާ ކަމަށާއި ނަމަވެސް އެއްވެސް ސަރުކާރުން މި ފުރުސަތު ފަހިކޮށްދީފައި ނުވާކަމަށެވެ.

"ވޭތުވެ ދިޔަ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރަކާއި އަޅުގަނޑު އަމިއްލަ ގޮތުން ބައްދަލުކުރިން، ބައްދަލުކޮށްފައި ހދ ގައި ރިސޯޓެއް ނެތް ވާހަކަ ބުނީމަ ބުނީ ހދ އަތޮޅުގައި ރިސޯޓެއް ނެތް ހެއްޔޭ، މިއީ ޓޫރިޒަމް މިނިސްޓަރެއްގެ ފެންވަރު"

މީގެ އިތުރުން މޮސްޓާ ވިދާޅުވީ ދެން ދައްކާ އުޒުރަކީ ހދ އަތޮޅަށް ދަތުރުފަތުރު އުދަނގު ވާހަކަ ކަމަށާއި، ހދ އަށް ދަތުރު ފަތުރު އުދަނގުނަމަ ހއ ރިސޯޓުތަކާއި ގދ ގައި ވެސް ރިސޯޓުތައް ހިންގަމުންދާއިރު ގދ އާއި ހދ ގެ ދުރުމިން މާލެއާއި ވާނީ އެއްވަރުކަމަށެވެ.

"ހދ އަށް ދަތުރު ފަތުރު އުނދަގުނަމަ ކީއްވެހޭ ހއ 3 ރިސޯޓު ގދ ގައި އެބަހުރި ދުނިޔޭގެ އެންމެ އަގުބޮޑު ބްރޭންޑްތައް، ހދ އެެކޭ ހއ އެކޭ ދުރުމިން ވަކި ތަފާތެއް ނުވާނެ، އެހެންވީމަ ސަރުކާރުން ކޮށްދޭކަށް ބޭނުންމެއްނުވޭ ހދ އަށް މިކަންތައްތަކެއް"

ހދ އަތޮޅުގައި ހުރި ރީތި ރަށްތައް މާލޭގައި މުއްސަނދިން ހުރީ ވިއްކާފަ ކަމަށާއި އެތަންތަން ތަރައްގީ ކުރަމުން ނުދާކަން ތަކުރާރުކޮށް މޮސްޓާ ފާހަގަ ކުރެއްވިއެވެ. އަދި އެކަންކަން ސަރުކާރުތަކަށް ވަރިހަަމަ ވަނީ ހދ އަތޮޅުން ވޯޓު ލިބޭތީކަމަށާއި، މިކަންކަމަށް ހައްލު ހޯދައިދޭން މޮސްޓާ ގޮވާލެއްވި އެވެ.

ހދ އަތޮޅު ތަރައްގީ ކުރަން ސަރުކާރަށް ވަނީ ވަރަށް ބޮޑު ކަމަކަށް ކަމަށާއި ރިސޯޓެއް އިއުލާން ކުރަން ދަނީ "މިއުޅެނީ މިއުޅެނީ" އުސޫލުން ކަމަށްވެސް މޮސްޓާ ވިދާޅުވިއެވެ. އެއްވެސް ސަރުކާރަކުން ހދ އަށް މިކަންކަން ހައްލު ކޮށްދޭން މަސައްކަތް ކޮށްދީފަ ނެތްކަމަށާއި ޓޫރިޒަމްގެ ބިލުން ތިލަދުންމަތީގެ ރައްޔިތުންނަށް ކުރާނެ އެއްވެސް ފައިދާއެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355