twitterviber whatsapp telegramfacebookyoutube instagram
24th April 2024

ޝިޕިން އެޖެންސީގެ ގަވައިދު އަލުން އެކުލަވާލައިފި

ޚަދީޖާ އާދަމް
Nov 25, 2020

ދިވެހިރާއްޖޭގެ ޝިޕިން ގަވާއިދު އަލުން އެކުލަވާލައި ގެޒެޓްކުރަން ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މިދިޔަ ޖުލައި 16ގައި ޓްރާންސްޕޯޓް މިނިސްޓްރީން އާއްމުކޮށް، ދެ މަސް ފަހުން ސެޕްޓެމްބަރު 16 ގައި އުވައިލި "ދިވެހިރާއްޖޭގައި ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާ ބެހޭ ގަވާއިދަކީ" އެކި ނަންނަމުގައި އެޖެންސީތަކުން ފީތައް ނަގާތީ އެކަން ހައްލުކުރުމަށް ހެދި ގަވާއިދެއް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބުނެފަ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑަށް ކުރީގެ ގަވައިދު ހުށަނާޅުއްވައި، މިނިސްޓަރު އައިޝަތު ނަހުލާ އެ ގަވައިދު އުވައިލެއްވީ މަގާމުގެ ނުފޫޒުން ވަކި ބަޔަކަށް ފައިދާ ހޯދައިދިނުމުގެ ތުހުމަތާ އެކު ވިޔަފާރިވެރިންތަކެއް އޭނާއާ ދެކޮޅަށް އޭސީސީ އަށް ވެސް މައްސަލައެއް ހުށަހެޅި އެވެ. އެކަމަކު ޓްރާންސްޕޯޓު މިނިސްޓްރީން އޭރު ވެސް ބުނެފައި ވަނީ ގަވާއިދު އުވައިލީ މައްސަލަތަކެއް ހުރެގެން އަލުން އެކުލަވައިލާށެވެ.

މި ގަވާއިދުގެ މައްސަލައިގައި މިނިސްޓަރު ނަހުލާ އާއި އެ މިނިސްޓްރީގެ އިސް ބޭފުޅުންތަކެއް މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީ އަށް ހާޒިރުކޮށްފަ އެވެ. އެ ބައްދަލުވުމުގައި މިނިސްޓަރު ނަހުލާ ވިދާޅުވީ، ގަވައިއިދު ކުރިން އޮތީ ޝިޕިން އެޖެންސީތައް ނޫން ފަރާތްތައް ވެސް ރެގިއުލޭޓްކުރެވޭ ގޮތަށް ކަމަށެވެ.

މީގެ އިތުރުން ޝިޕިން އެޖެންޓުން ދޭ ޚިދުމަތްތަކާ ބެހޭ އެ ގަވާއިދުގައި ފްރައިޓް ފޯވާޑިންގެ ޚިދުމަތް ހިމަނާފައި އޮތުމުން އުނދަގޫތަކެއް ކުރިމަތިވި ކަމަށާއި އެ ގަވާއިދު ތަންފީޒުކުރަން ފެށުމުގެ ކުރިން އުވައިލީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ލަފައާ އެކުގައި ކަމަށްވެސް ނަހުލާ ވިދާޅުވި އެވެ.

ދިވެހިރާއްޖޭގައި ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާ ބެހޭ ގަވާއިދުގެ ދަށުން ހުރިހާ އެޖެންސީތައް ވެސް އެ އޮތޯރިޓީގައި ރަޖިސްޓަރީވާން ޖެހެ އެވެ. ރާއްޖޭގައި ޝިޕިން އެޖެންޓު ނުވަތަ ފުރައިޓު ފޯވާޑާސް ޑެލިވަރީ އޯޑަރު ދޫކުރުމަށް ޝިޕިން އެޖެންޓު ނުވަތަ ފްރައިޓް ފޯވާޑަރާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ކުރިން ނަގަމުން އައި އިތުރު އެއްވެސް ފީއެއް ނުނެގޭނެ އެވެ. ނަމަވެސް ކޮންސައިނީގެ އަތުން ފުރައިޓުގެ އިތުރަށް ފީއެއްގެ ގޮތުގައި ޑެލިވަރީ އޯޑަރަށް އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި ގިނަވެގެން 500ރ. ނެގޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބުނެފަ އެވެ. މީގެ އިތުރުން އެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ގަވައިދާ ހިލާފުވާ ފަރާތްތައް 10،000ރ. އިން ޖޫރިމަނާކުރާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355