twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޓޫރިޒަމަށް ދޫކުރާ ރަށްތަކުގެ ކުލި އެކި ސަރަހައްދުތަކަށް ތަފާތުވާގޮތަށް ގާނޫނަށް ބަދަލުގެންނަން ހިމަނައިފި

Nov 25, 2020

ޓޫރިޒަމަށް ދޫކުރާ ރަށްރަށާއި ބިންތަކުގެ ކުލި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ތަފާތުވާ ގޮތަށް، ޓޫރިޒަމާ ބެހޭ ގާނޫނަށް ބަދަލު ގެނައުމުގެ ބިލުގައި ހިމަނައިފި އެވެ.

ޓޫރިޒަމާ ބެހޭ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލުގައި ބޮޑެތި ބަދަލުތަކެއް ހިމެނޭ އިރު ޓޫރިޒަމަށް ދޫކުރާ ތަންތަނުގެ ކުއްޔަށް ގެންނަ ގިނަ މެންބަރުން ވަނީ ބަހުސްގައި ވާހަކަ ދައްކަވާފައެވެ.

ނަމަވެސް އްޖޭގެ އުތުރާއި ދެކުނުން ޓޫރިޒަމްގެ ބޭނުމަށް ދޫކުރާ ތަންތަނުން ވަަރަށް ކުޑަ އަގެއް ނަގަން ސަރުކާރުން ބޭނުންވާކަމަށް ބިލުގައި ބުނެފައި ވެއެވެ.

ބިލުގައިވާ ގޮތުން ޓޫރިޒަމަށް ދޫކުރާ ބިންތަކުގައި މިން އަޅައިގެން އަކަމީޓަރަކަށް ވަކިވަރެއް ނަގާނީ ދެ ލައްކަ އަކަމީޓަރަށް ވުރެ ކުދި ބިންތަކަށެވެ. އެ ވަރުގެ ބިންތައް އެންމެ ކުޑަ ކުއްޔަކަށް ދޫކުރަން ހިމަނާގައި އޮތީ އައްޑު އާއި ފުވައްމުލަކުންނެވެ.

އެ ދެ ތަނުގައި އެވަރުގެ ބިންތައް ދޫކުރަން ހުށަހަޅާފައި އޮތީ އަކަމީޓަރަކަށް އަހަރަކު ދެ ޑޮލަރުގެ ރޭޓަކުން އަގު ނެގުމާ އެކު ނަގާނެ އެންމެ ބޮޑު ކުއްޔަކީ 250،000 ޑޮލަރަށް ހެދުމަށެެވެ. އެގޮތަށް ލިމިޓް ކުރަނީ ބިން ދޫކުރާ ސައިޒު ކަމެއް ނުވަތަ އެ އަދަދަށް ވުރެ އިތުރަށް ފައިސާ ދައްކަން ޖެހޭ ވަރުގެ ބިމަކުން ވެސް އެއަށްވުރެ އިތުރަށް ނުނެގުން ކަމެއް ބިލުން ސާފުވާކަށް ނެތެވެ.

އުތުރުން ހއ، ހދ. ގައި އެ ވަރުގެ ބިންތަކަށް ނަގަން ކަނޑައަޅާފައި އޮތީ އަކަމީޓަރަކަށް އަހަރަކު ހަތަރު ޑޮލަރެވެ. އެއާ އެކު ދެކުނެކޭ އެއްގޮތަށް އެންމެ ބޮޑުކޮށް ނަގާނެ އަދަދެއް އޮތީ ކަނޑައަޅައިފަ އެވެ. އެއީ އަހަރަކަށް ފަސް ލައްކަ ޑޮލަރެވެ.

ނ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށްް އެވަރުގެ ބިންތަކަށް ނަގަން ބިލުގައި އޮތީ އަކަމީޓަރަކަށް އަހަރަކަށް އަށް ޑޮލަރު ނެގުމާ އެކު އެންމެ ބޮޑު އަދަދު އެއް މިލިޔަން ޑޮލަރަށް ލިިމިޓްކުރުމަށެވެ. ދެން ހުރި އަތޮޅުތަކުގައި އަކަަމީޓަރަކަށް އަހަރަކަށް ހަ ޑޮލަރު ނެގުމާ އެކު އެންމެ ބޮޑު އަދަދަކީ 750،000 ޑޮލަރެވެ.

ދެ ލައްކަ އަކަމީޓަރުން ފެށިގެން ހަތަރު ލައްކަ އަކަމީޓަރާ ހަމައަށް ބިލުގައި ކުލި ކަނޑައަޅާފައި އޮތީ އަކަމީޓަރަަކަށް ވަކިވަރެއް ނަގާ ގޮތަކަށް ނޫނެވެ. އޭގެ ބަދަލުަގައި އޮތީ ކަނޑަައަޅާ ވަކި ވަރެއް، ކޮންމެ ތަނަކުން ވެސް ނެގުމަށެވެ.

އައްޑު އާއި ފުވައްމުލަކުގައި އެވަރުގެ ބިންތަކަށް ނަގަން އޮތީ އަހަރަކަށް ހަތަރު ލައްކަ ޑޮލަރެވެ. ހއ، ހދ. ގައި އަހަރަކަށް 750،000 ޑޮލަރެވެ. ނ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް އަހަރަކަށް 1.5 މިލިޔަން ޑޮލަރު އަދި ދެން ހުރި އަތޮޅުތަކުގައި އަހަރަކަށް 1.1 މިލިޔަން ޑޮލަރެވެ.

ބިލުގައިވާ ގޮތުން ޓޫރިޒަމަށް ދޫކުރާ ބިންތަކުގެ ތެރެއިން ހަތަރު ލައްކަ އަކަމީޓަރަށް ވުރެ ބޮޑެތި ބިންތަކަށް ވެސް އަގު ނަގާނީ އަކަމީޓަރަކަށް ވަކިވަރެއް ނަގާ އުސޫލަކުން ނޫނެވެ. އެވަރުގެ ބިންތަކަށް ވެސް ނަގަން އޮތީ އެކި ސަރަހައްދުތަކަށް ތަފާތުވާ ފިކްސްޑް ރޭޓެކެވެ.

އައްޑު އާއި ފުވައްމުލަކުން ހަތަރު ލައްކަ އަކަމީޓަރަށް ވުރެ ބޮޑެތި ބިންތައް ދޫކުރަން އޮތީ އަހަރަކު އަށް ލައްކަ ޑޮލަރަށެވެ. ހއ އާއި ހދ. ގައި އަހަރަކަށް އެއް މިލިޔަން ޑޮލަރެވެ. ނ. އިން ފެށިގެން ދ. އާ ހަމައަށް އަހަރަކު ދެ މިލިޔަން ޑޮލަރު އަދި އެހެން އަތޮޅުތަކުގައި 1.5 މިލިޔަން ޑޮލަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355