ކޮވިޑް-19 އާއި ގުޅިގެން ލަސްކުރި ލޯކަލް ކައުންސިލް ކައުންސިލް އިންތިހާބު އަންނަ އަހަރު މާޗުގައި ބޭއްވޭނީ ޑިސެންބަރު 15 ގެ ކުރިން
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ހުއްދަ ލިބިގެން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
އިންތިހާބު ފަސްކޮށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރަން މަޖިލީހުން ފާސްކޮށް މިދިޔަ ޖޫން މަހު އަމަލުކުރަން ފެށި ގާނޫނު ބުނާގޮތުން އަހަރެއްހާ ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަން ޖެހެ އެވެ. ނަމަވެސް އިންތިހާބު އިއުލާންކޮށް މަސައްކަތްތައް އިލެކްޝަންސް ކޮމިޝަނަށް ކުރިއަށް ގެންދެވޭނީ އެކަން އެޗްޕީއޭ އިން އާއްމުކޮށް އިއުލާންކުރުމުން ކަމަށް ގާނޫނުގައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ޝަރީފް ވިދާޅުވީ އެ ކޮމިޝަނުން މިހާރު ވަނީ ގާނޫނުގައި ކަނޑަައަޅާފައިވާ އިންތިޚާބާ ގުޅޭ އިންތިޒާމްތަކަށް ތާރީޚްތައް ކަނޑައަޅައިފަ އެވެ. އޭގެތެރޭގައި ވޯޓާސް ލިސްޓް އިއުލާންކުރުމާއި ޝަކުވާ ފުރުސަތާ އެކު ރީ ރަޖިސްޓްރޭޝަން ހުޅުވުމާއި ކެމްޕޭންކުރުމާއި ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން ފަދަ ކަންކަން ހިމެނެ އެވެ. އެހެން ނަމަވެސް އަންނަ މަހުގެ 15ގެ ކުރިން އެ ކޮމިޝަނަށް ހުއްދަ ލިބެން ޖެހޭ ކަމަށާއި އެ މުއްދަތުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނެތް ކަމަށް އިއުލާން ނުކުރިޔަސް އިންތިހާބުގެ މަސައްކަތް ކުރިއަށް ގެންދެވިދާނެ ކަން އިއުލާންކުރަން ޖެހޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.
މަޖިލީހުން ފާސްކޮށްފައިވާ އިންތިހާބާ ބެހޭ ހާއްސަ ގާނޫނުގައި ބުނެފައިވާ ގޮތުގައި އިންތިޚާބު ބާއްވާނީ އިންތިޚާބު ފަސްކުރިއިރު ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ލިސްޓަށެވެ. އަލުން ފުރުސަތު ހުޅުވައެއް ނުލާނެ އެވެ. އެކަމަކު ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 18 އަހަރު ފުރުނު ގާތްގަނޑަކަށް 5،000 މީހުންނަށް ވޯޓުލުމު ފުރުސަތު ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
ކައުންސިލް އިންތިޚާބަށް ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން 4،172 އަށް ވުރެން ގިނަ މީހުން ކުރިމަތިލާފައިވާއިރު، މިހާތަނަށް 71 އަށް ވުރެން ގިނަ ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ނަގައިފަ އެވެ.