twitterviber whatsapp telegramfacebookyoutube instagram
25th April 2024

ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑު ރާއްޖެއަށް

ޚަދީޖާ އާދަމް
Nov 28, 2020

ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބިއްޖެ އެވެ.

މި އެވޯޑު ރާއްޖޭން ހާސިލްކުރީ ފަތުރުވެރިންގެ މެދުގައި މަގުބޫލު 22 މަންޒިލަކާ ވާދަކޮށްގެންނެވެ. މި އެވޯޑް ރާއްޖެއަށް ލިބުނުކަން އިއުލާން ކޮށްފައި ވަނީ ރޭ ވާޗުއަލްކޮށް ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް 2020ގެ ގްރޭންޑް ފިނާލޭ ހަފްލާގަ އެވެ.

ރާއްޖެއާ ވާދަކުރި އެހެން މަންޒިލްތަކުގެ ތެރޭގައި ދުބާއީ، މެލޭޝިޔާ، ސްޕެއިން، މޮރިޝިއަސް އަދި ސްރީލަންކާ ފަދަ މަގުބޫލް މަންޒިލްތައް ހިމެނެ އެވެ.

މި އެވޯޑް ލިބުމާ ގުޅިގެން އެމްއެމްޕީއާރުސީއިން ނެރުނު ބަޔާނެއް މެދުވެރި ކުރައްވައި ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، މި އެވޯޑް ލިބުމުން ހާމަވެގެންދަނީ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮންނަ މަގުބޫލުކަން ބޮޑުވެފައިވާ މިންވަރު ކަމަށާއި ބަލިމަޑުކަމުގެ މި ދަނޑިވަޅުގާ ވެސް ރާއްޖެއަށް ޒިޔާރަތް ކުރަން މީހުން ކެތްމަދުވެފައި ތިބި މިންވަރު ކަމަށެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ 40 ކެޓަގަރީއަކުން ރާއްޖެ ވަނީ ނޮމިނޭޓްވެފައިވާއިރު ގްރޭންޑް ފިނާލޭގައި ވަނީ ޑެސްޓިނޭޝަން ކެޓަގަރީގެ އަށް ކެޓަގަރީއަކުން ނޮމިނޭޓްވެފަ އެވެ. މީގެއިތުރުން 30 ކެޓަގަރީއަކުން ރާއްޖޭގެ 50 ރިސޯޓަކާއި ހޮޓާތައް ނޮމިނޭޓްވެފައިވެއެވެ.

ވޯލްޑް ކެޓަގަރީގެ ތިން ކެޓަގަރީއެއްގައި ރާއްޖޭގެ ތިން ރިސޯޓެއް ދުނިޔޭގެ އެންމެ މަތީ ފަންތީގެ ހިދުމަތްދޭ ތަންތަނާ ވަނީ ވާދަކޮށްފަ އެވެ. އަދި ޓުއަރިސްޓުންނަށް ހިދުމަތްދޭ ރާއްޖޭގެ ގިނަ ތަންތަނަށް ވަނީ އެވޯޑްތަކެއް ކާމިޔާބުކޮށްފަ އެވެ.

ނަވާރަސްތޭކަ ނުވަދިޔަ ތިނެއްގައި ދޭން ފެށި ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދޭ އެންމެ ޝަރަފުވެރި، މަޝްހޫރު އަދި އެންމެ އިތުބާރު ބޮޑު އެވޯޑެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355