twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޝިޕިން އެޖެންސީ ގަވައިދަށް އަމަލުކުރަން ފަށައިފި

Nov 28, 2020

ޝިޕިން އެޖެންސީއާބެހޭ ގަވާއިދު އަލުން އެކުލަވާލުމަށްފަހު އެ ގަވާއިދަށް އަމަލުކުރަން ފަށައިފި އެވެ.

މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު އިންކޯޓާރމްސްގެ ދަށުން ޝިޕިން އެޖެންޓާއި ކޮންސައިނީއާއި އެއްބަސްވެފައިވާ ހިދުމަތުގެ އަގުގެ އިތުރަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެއްވެސް ކަމަކަށް ކޮންސައިނީގެ އަތުން އެއްވެސް ފީއެއް ނުވަތަ ޗާޖެއް ނަގައިގެން ނުވާނެ ކަމަށްވެސް އެ ގަވާއިދުގައި ބުނެފައިވެ އެވެ.

އަލުން އެކުލަވައިލުމަށްފަހު އިއްޔެ ގެޒެޓުކުރި ގަވާއިދުގައި ބުނާ ގޮތުން ލައިސެންސް ލިބޭނީ ދިވެހި ކުންފުނިތަކަށެވެ. ޝިޕިން އެޖެންސީގެ ލައިސެންސް ދޫކުރާނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ހަތަރުވަނަ މާއްދާގެ (ހ) އަދި (ށ)ގައި ބުނާ ކުންފުނި ނުވަތަ ޕާޓްނަޝިޕެއްގެ ގޮތުގައި ރަޖިސްޓްރީކޮށްގެން ހިންގާ ފަރާތްތަކަށެވެ.

އެ ފަރާތްތަކަކީ ލައިސެންސް ދޫކުރާ މުއްދަތް (ފަސް އަހަރު)ގެ ތެރޭގައި 100 ޕަސެންޓު ދިވެހި ހިއްސާދާރުން ހިމެނޭ ކުންފުންޏެއް ނުވަތަ ޕާޓްނަޝިޕަކަށް ވާންވާނެ ކަމަށްވެސް އެ ގަވާއިދުގައި ބުނެފައިވެ އެވެ. އަދި ލައިސެންސް ދޫކުރުމަށްފަހު އެހެން ފަރާތަކަށް އެ ލައިސެންސް ބަދަލު ނުކުރެވޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

ލައިސެންސް ފީގެ ގޮތުގައި ނަގަން ކަނޑައަޅާފައިވަނީ އަހަރަކަށް 100 ރުފިޔާގެ މަގުން، 500 ރުފިޔާ އެވެ. އަދި ޑެލިވަރީ އޯޑަރަށް ނަގާ ފީތައް ވެސް އެ ގަވާއިދުގައި ވަނީ ކަނޑައަޅާފަ އެވެ. ފުލް ކޮންޓެއިނަރެއް ނުވަތަ އެއަށްވުރެ ގިނަ ސީބީއެމް ހިމެނޭ ބީއެލްއަކަށް ނަގަނީ 771 ރުފިޔާ (50 ޑޮލަރު) އެވެ. އަދި ފުލް ކޮންޓެއިނަރަކަށްވުރެ މަދުން ސީބީއެމް ހިމެނޭ ބީއެލްއަކަށް ނަގާނީ 385.50 ރުފިޔާ (25 ޑޮލަރު) އެވެ.

މި ގަވާއިދުގައި ނުވަވަނަ މާއްދާ (އަގު ކޮންޓްރޯލު ކުރުން)އާ ހިލާފުވެއްޖެނަމަ، ފުރަތަމަ ފަހަރަށް 1000 ރުފިޔާ އަދި ދެވަނަ ފަހަރަށް 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ދެފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.

ގަވާއިދުގެ ނުވަވަނަ މާއްދާ ފިޔަވައި އެހެން މާއްދާއަކާ ހިލާފުވެއްޖެނަމަ، ފުރަތަމަ ފަހަރަށް 500 ރުފިޔާއާއި 5000 ރުފިޔާއާ ދެމެދުގެ އަދަދަކުން އަދި ތަކުރާރުވެއްޖެނަމަ 5000 ރުފިޔާއާއި 20،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355