ނުނިމި ހުރި މުހިންމު މަސައްކަތްތައް ނިންމުމަށްޓަކައި ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރު ދިގު ދައްމާލުމާއި ގުޅޭގޮތުން މިއަދު ވޯޓެއް ނަންގަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ވިދާޅުވީ މުހިއްމު މަސައްކަތްތައް ނިންމާލުމަށްޓަކައި މި ދައުރު އަންނަ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހާ ހަމައަށް ދިގު ދައްމާލުމަށް ގަސްދުކުރައްވާ ކަމުގަ އެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން ތިން ވަނަ ދައުރު ހިނގާނީ އޮގަސްޓް މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. ނަމަވެސް، ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ ބަޖެޓާއި، ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފަދަ މުހިއްމު މަސައްކަތްތައް ނިންމާލުމަށް ދައުރު ދިގުދައްމާލުމަކީ މުހިއްމު ކަމެއް ކަމަށެވެ.
މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރެވިފައިވަނީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ދިރާސާ ކުރުމަށްފަހު އެކުލަވާލި ކޮމިޓީ ރިޕޯޓަށް ބަހުސް ކުރުމާއި އިންތިގާލީ އިންސާފުގެ ބިލާއި ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާކޮށް އެކުލަވާލާފައިވާ ކޮމިޓީ ރިޕޯޓުތަކަށް ބަހުސް ކުރުމަށެވެ.