twitterviber whatsapp telegramfacebookyoutube instagram
17th May 2024

ކުޑަކުދިންނަށް މަރުގެ އަދަބުނުދެވޭގޮތަށް އިސްލާހު ހުށައަޅައިފި

އަބްދުލް ވާހިދު ޙަސަން
Nov 29, 2020

ގަސްތުގައި މީހަކު މެރުމުގެ ކުށް ކުރީ އުމުރުން 18 އަހަރު ނުވާ ކުއްޖެއް ކަމަށް ވާނަމަ އެކުއްޖާއަށް މަރުގެ އަދަބު ނުދެވޭގޮތް ހަދަން ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު އިސްލާހު ހުށަހަޅައިފި އެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ބައެއް މާއްދާތައް އިތުރު ކުރުމަށާއި އެ ގާނޫނުން ބައެއް މާއްދާތައް އުނިކުރުން އަދި ބައެއް މާއްދާތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖީހާންވަނީ ހުށައަޅުއްވާފަ އެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ގިނަ އިސްލަހުތަކެއް ހުށައަޅުއްވާފައިވާއިރު އޭގެތެރެއިން އެއް މާއްދާއަކީ ކުޑަކުއްޖަކު މީހަކު މެރުމުގެ ކުށް ކޮށްފި ނަމަވެސް އެކުދިންނަށް މަރުގެ އަދަބު ނުދެވޭގޮތަށް ގާނޫނު އިސްލާހު ކުރުމަށް ހުށަހެޅި މާއްދާ އެވެ.

އެގޮތުން އުމުރުން 18 އަހަރުވުމަށް ފަހުގައިވެސް އުމުރުން 18 އަހަރު ފުރުމުގެ ކުރިން ކުއްޖަކު ކޮށްފައިވާކަމަށް ޝަރީއަތަށް ސާބިތުވާ ކުށަކާއި ގުޅިގެން މަރުގެ އަދަބު ދީގެން ނުވާނެ ކަމަށް އިސްލާހުގައި ވެއެވެ.

އަދި އެއްވެސް ގާނޫނެއްގައި މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށެއް ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވާ ހާލަތުގައި އެ ކުށަށް ކަނޑައެޅިފައިވާ ދެން އޮތް އެންމެ ބޮޑު އަދަބެއްގެ ހަތަރު ބައިކުޅަ ތިން ބަޔަށް ވުރެ ބޮޑު ނޫން އަދަބަކަށް ބަދަލު ކުރަން ވާނެ ކަމަށާއި އޭގެއިތުރުން ކުށުގެ ތުހުމަތުގައި ބަންދުކުރާ ކުދިން ގޭ ބަންދުގައި ބެހެއްޓުމަށް ބާރުއަޅައި ގާނޫނު އިސްލާޙު ކުރަންވެސް ވަނީ ހުށަހަޅާފަ އެވެ.

ބިލުގައި ބުނެފައިވަނީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ ކުއްޖަކު ބަންދުގައި ބަހައްޓަން ނިންމާ ހާލަތުގައި އެމައްސަލައިގެ އެންމެހާ ކަންކަމަށާއި ކުއްޖާގެ ހާލަތަށް ރިއާޔަތް ކުރުމަށް ފަހު އެކުއްޖާ ގޭގައި ބަންދު ކުރުމުގެ އިހުތިޔާރު މައްސަލަ ބަލާ ގާޒީއަށް ލިބިގެންވާ ކަމަށެވެ. އަދި ބަންދުގެ މުއްދަތު އިތުރު ކުރާނަމަވެސް ހަމަ އެފަދައިން އަމަލު ކުރުމުގެ އިހުތިޔާރު ގާޒީއަށް ދޭން އިސްލާހުގައި ހިމަނާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355