twitterviber whatsapp telegramfacebookyoutube instagram
17th April 2024

ސަރުކާރަށް ދެ އަހަރުވީއިރު ކުޅުދުއްފުށީ އެއާޕޯޓްގެ ތަރައްގީއަށް "މޮހޮރެއް" ވެސް ޖަހާނުލެވުނު: މުޖޭ

އަބްދުލް ވާހިދު ޙަސަން
Nov 29, 2020
7

ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ދެ އަހަރު ވެގެންދިޔައިރު، ކުޅުދުއްފުށީ އެއާޕޯޓްގެ ތަރައްގީއަށް މިއަދާ ޖެހެންދެން އިތުރަށް އެންމެ މޮހޮރެއްވެސް ޖަހާނުލެވުނުކަމަށް ޕީޕީއެމް ކުޅުދުއްފުށީ، ސްޓެއަރިންގ ކޮމެޓީގެ ނައިބު ރައީސް އަހުމަދު މުޖުތަބާ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ނިމެނިކޮށް ހަދަން ފެށި އެ އެއާޕޯޓްގެ މުޅިން ނުނިމެނީސް އެމަނިކުފާނު ވަނީ ހުޅުވައިދެއްވާފަ އެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންވެސް އެ މަނިކުފާނަށް އަމާޒުވި އެވެ.

ރައީސް ޔާމީން މިނިވަންކުރަން ގޮވާލައި އިއްޔެ ކުޅުދުއްފުށީގައި ޕީޕީއެމުން ކުރިއަށްގެންދިޔަ އިހްތިޖާޖުގައި ވާހަކަދައްކަވަމުން، ޕީޕީއެމް ކުޅުދުއްފުށީގެ ސްޓެއަރިންގ ކޮމެޓީގެ ނައިބު ރައީސް އަހުމަދު މުޖުތަބާ ވިދާޅުވީ، ރައީސް ޔާމީން ވެރިކަމަށްވަޑައިނުގަތް ނަމަ ކުޅުދުއްފުށީގައި އެއާޕޯޓެއް ނޭޅުނީސް ކަމަށާއި މިސަރުކާރަށް ދެ އަހަރުވެގެންދިޔައިރުވެސް އެތަނުގެ ތަރައްގީއަށް އިތުރަށް އެންމެ މޮހޮރެއް، އިސްކުރެއްވެސް ޖަހާނުލެވުނު ކަމަށެވެ.

ކުޅުދުއްފުށި މިދެކޭ ތަރައްގީގެ ހަގީގީ ބާނީއަކީ ރައީސް ޔާމީން ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގައި ހިންގަން ފަށާފައިހުރި ތަރައްގީގެ މަޝްރޫއުތައް މިހާރު ހުއްޓިފައިވާކަމަށް ވިދާޅުވެ މުޖުތަބާ ވިދާޅުވި އެވެ.

"ގައުމު ބިނާކޮށްދެއްވުމަށްޓަކާ އެމަނިކުފާނު ކުރެއްވި ބުރަ މަސައްކަތްތަކުގެ ތެރޭގައި ކުޅުދުއްފުށީގެ މަގުތައް ދިޔައީ ރަނގަޅު ފެންވަރަކަށް ހަދަމުންގޮސް ވެރިކަން ނިމި. މިއަދު ގޮތުގައި މިއޮތީ "ދަތްޖާލުގެ" އަތަށް ވެރިކަން އަރާފަ. އަރާފަ އޮތްއިރުގައި ވެރިކަމަށް ދެ އަހަރު ވެގެންދިޔައިރުގައި ކުޅުދުއްފުށީގެ އެއްވެސް މަގެއްގައި މަސައްކަތެއް ކުރެވިއްޖެތޯ." ރައީސް ޔާމީންގެ ސަރުކާރުގެ އެމްއާރުޑީސީ ކުޅުދުއްފުށީ ސައިޓްގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމުގައި ހުންނެވި މުޖުތަބާ ވިދާޅުވި އެވެ.

މުޖުތަބާ ވިދާޅުވީ ފެނިގެން މިދިޔައީ މިދިޔަ ދެ އަހަރަކީ ތަރައްގީކުރަމުން އައި ގައުމެއް ކުއްލިޔަކަށް ފަސްގަނޑު ދަށަށް ފަސްދާނުލީ މަންޒަރުކަމަށެވެ. އޭނާ ވިދާޅުވީ، ދެ އަހަރު ދުވަހުގެ ތެރޭގައި އާ ކަމެއް ނުކުރެވުނުއިރު ކޮށްފައި ހުރިކަންކަންވެސް މިސަރުކާރަށް ނިންމާނުލެވުނު ކަމަށެވެ.

ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން މުޖުތަބާ ވިދާޅުވީ، ފެނިގެން މިދިޔައީ ތަރައްގީވެގެން އައި ގައުމެއްގެ ދައުލަތް އެއްކޮށް ބަޔަކު އަރާ ބަނޑުއަޅާލި މަންޒަރު ކަމަށާއި މުޅި ގައުމުގެ މާލިއްޔާ އެއްކޮށް ކާލައި ގައުމު އެއްކޮށް ވިއްކާލައިފި ކަމަށެވެ.

"އެ ބޭފުޅުންނަށް ވެރިކަން ދެވިއްޖެ، މަޖިލިސް ދެވިއްޖެ، ކުޅުދުއްފުށީ ކައުންސިލްވެސް އޮތީ އެމްޑީޕީއަށް. އެހެންވީމަ ކުރިއަށް އޮތް އިންތިހާބުގައި އެބޭފުޅުން ނުކުމެ އެމްޑީޕީއަށް ވޯޓްދޭށޭ ބުނާއިރުގަ. އެމްޑީޕީއަށް ކޯއްޗެއް ނެތިގެންތޯ މިހާރު ރައްޔިތުންނަށް ކަންތައް ނުކޮށްދެވިގެން މިއުޅެނީ. އަޅުގަނޑުމެން ވިސްނާލަން ޖެހޭ ކަމެއް." މުޖުތަބާ ވިދާޅުވި އެވެ.

އެހެންވީމަ ކުރިއަށް އޮތް އިންތިހާބުގައި ޕީޕީއެމްގެ ކެނޑިޑޭޓުންނަށް ވޯޓް ދޭން އެބަޖެހޭ ކަމަށާއި ރައްޔިތުންގެ ނިންމުންތައް ނިންމުމަށްޓަކާ ރައީސް ޔާމީނަށް ތާއީދުކުރާ ބޭފުޅުން ކައުންސިލަށް އިންތިހާބުކުރުމަށް އޭނާ ގޮވާލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355