twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކަރަންޓީނުވާން ޖެހޭ މުއްދަތު ކުރުކުރަނީ

ނަބީލާ އިސްމާޢީލް
Dec 1, 2020
1

ކޮވިޑް-19ގެ ހާލަތުގައި މާލެއިން އަތޮޅުތެރެއަށް ހޯމްކަރަންޓީނުވުމަށް ގޮސް ކަރަންޓީނުގައި ހުންނަން ޖެހޭ މުއްދަތު 14 ދުވަހުން 10 ދުވަހަށް ކުރު ކުރަން ސަރުކާރުން ނިންމައިފި އެވެ.

އޮންލައިން ނޫސް އަވަސްގައިވާ ގޮތުގައި މި ބަދަލު ގެންނަން ނިންމާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވަޑައިގެން ރޭ ބޭއްވި ސިއްހީ ދާއިރާގެ އިސް ބޭފުޅުންގެ ބައްދަލުވުމެއްގަ އެވެ. ކޮންމެ ހޯމަ ދުވަހެއްގައި ރައީސް ބައިވެރިވަޑައި ގަންނަވާ މި ބައްދަލުވުމުގައި ސިއްހީ ދާއިރާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތައް ނިންމަވާ ލެއްވުމުގެ ގޮތުން ވަނީ ރާއްޖޭގެ ކަރަންޓީން މުއްދަތު 14 ދުވަހުން 10 ދުވަހަށް ކުރު ކުރަން ނިންމާފަ އެވެ.

މިކަން ހާމަކުރައްވާ ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ރައީސް އަބްދުﷲ ނަޝީދު (ކާނި އަބްދުﷲ) ވެސްވަނީ ޓްވީޓެއް ކުރައްވާފަ އެވެ. ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އާއި ރައީސް ސޯލިހު ޓެގް ކުރައްވައި ނަޝީދު ކުރެއްވި ޓުވީޓް، އެ ކޮމެޓީގައި އިންނަވާ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ރި-ޓުވީޓް ވެސް ކުރައްވާފައިވެ އެވެ.

ނަމަވެސް މި ބަދަލު ގެނައިކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

އެޗްޕީއޭގެ ތަރުޖަމާނު ޑރ ނަޒުލާ އޮންލައިން ނޫސް އަވަސްއަށް ވިދާޅުވެފައިވަނީ އެ ނިމުން ނިންމިކަން ނުވަތަ ނޫންކަން އެނގޭނީ ރަސްމީކޮށް އެކަން އެނައުންސް ކުރީމަ ކަމަށެވެ.

މިއަދު ވެސް ރާއްޖެއިން ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ އުމުރުން ދުވަސްވީ މީހަކު ވަނީ މަރުވެފަ އެވެ. އެއީ މި ބަލި ޖެހިގެން ރާއްޖެއިން މަރުވި 47 ވަނަ މީހާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355