ޝިޕިން އެޖެންޓުންގެ ގޮތުގައި ރެޖިސްޓްރީ ވެފައިވާ ކަމުގެ ލިޔުން ކަސްޓަމްސް އަށް ހުށަހަޅަން އެދެފިއެވެ.
ރެޖިސްޓްރީ ހުށައަޅަން އެންގީ ރާއްޖޭގައި ޝިޕިން އެޖެންޓުންނަށް ވެވޭނީ މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީގައި ރެޖިސްޓްރީ ވެގެން ކަމަށް ރާއްޖޭގައި ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާ ބެހޭ ގަވާއިދު ބުނެފައިވާތީ އެވެ.
މި ގަވާއިދުގެ ދަށުން ޝިޕިން އޭޖެންސީގެ ހިދުމަތްދޭ ކުންފުނިތަކުން، 30 ދުވަހުގެ ތެރޭގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީ ކުރަން ޖެހެއެވެ.
ކަސްޓަމްސް އިން ކުރި އިއުލާނެެއްގައި ބުނީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ ދަށުން އުޅަނދު ފަހަރުގެ އޭޖުންޓުންގެ ގޮތުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްގައި ރަޖިސްޓަރީކޮށް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން، 26 ނޮވެމްބަރުން ފެށިގެން 30 ދުވަހުގެ ތެރޭގައި ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީވެފައިވާ ފަރާތެއްކަން އަންގައިދޭ ލިއުން ހުށައަން އެދޭކަމަށެވެ.
މިދިޔަ މަހުގެ 26 ގައި ގެޒެޓު ކުރި އެ ގަވާއިދުގެ ދަށުން، މި މުއްދަތުގެ ފަހުން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީގައި ރަޖިސްޓަރީ ނުކޮށް އެއްވެސް ފަރާތަކުން ޝިޕިން އޭޖެންސީގެ ހިދުމަތް ދިނުމަކީ މަނާކަމެކެވެ.
މީގެ އިތުރުން 26 ނޮވެމްބަރުން ފެށިގެން 30 ދުވަހުގެ ފަހުން ކަސްޓަމްސްގެ އާންމު ގަވާއިދުގެ ދަށުން، އުޅަނދު ފަހަރުގެ އޭޖުންޓުންގެ ލައިސަންސް ހޯދުމަށާއި އުޅަނދު ފަހަރުގެ އޭޖުންޓުންގެ ލައިސަންސް އާކޮށްދިނުމަށް އެދި ކަސްޓަމްސްއަށް ހުށަހަޅާ ކުންފުނިތަކުންވެސް ރެޖިސްޓްރީ ހުށައަޅަން ޖެހޭނެއެވެ.