twitterviber whatsapp telegramfacebookyoutube instagram
28th March 2024

16 ޓީމާއެކު ހޭންޑްބޯޅަ މުބާރާތް ފަށައިފި

ނަބީލާ އިސްމާޢީލް
Dec 2, 2020

ކުޅުދުއްފުށީ ސިޓީ ޒޯން ސްޓޭޑިއަމް އާއި ޑަބްލިއު ސްޕޯޓްސް އެކަޑެމީ (ޑަބްލިއުއެސްއޭ) ގުޅިގެން މުޅި ރާއްޖެއަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލި ހޭންޑްބޯލް މުބާރާތް 16 ޓީމާއި އެކު އިއްޔެ ހަވީރު ފަށައިފި އެވެ.

މިދިޔަ މަހު 25 ވަނަ ދުވަހު ފަށާގޮތަށް މުބާރާތް އިއުލާނު ކުރި ނަމަވެސް ގިނަ ޓީމުތަކެއްގެ އެދުމުގެ މަތިން ޕްރެކްޓިސް އަށް ވަގުތު ދިނުމުގެ ގޮތުން މުބާރާތް ލަސްކޮށްލުމަށްފަހު މުބާރާތް ފަށާފައިވަނީ އިއްޔެ ހަވީރު އެވެ.

ޑަބްލިއުއެސްއޭގެ ފަރާތުން ކޭއޯއަށް މައުލޫމާތު ދެމުން ބުނީ ދެޑިވިޝަނަކަށް ހުޅުވާލި މި މުބާރާތުގައި ބައިވެރިވެފައިވަނީ ފިރިހެން 7ޓީމާއި އަންްހެން 9 ޓީމު ކަމަށެވެ. އަންހެން ޓީމުތަކުގެ ތެރޭގައި ރަށުން ބޭރު އެއް ޓީމު ހިމެނެ އެވެ.

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ޓާފް ދަނޑުގައި ކުރިއަށްދާ މިމުބާރާތުގެ މެޗުތަށް ހަވީރާއި ރޭގަނޑުވެސް ކުރިއަށްދެ އެވެ.

އެގޮތުން އިއްޔެ ފުރަތަމަ ކުޅެފައިވަނީ އަންހެން ޑިވިޝަންގެ، ޓީމް ސްޓާއާއި ޝޭޑް އެވެ. މި މެޗު 4-4 އަކުން ވަނީ އެއްވަރުވެފަ އެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ޝޭޑްގެ ނަސީމާ އިބްރާހިމް އެވެ.

އިއްޔެ ހަވީރު މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ފިރިހެން ޑިވިޝަނުގެ މެޗެކެވެ. އެ މެޗުގައި ޓީމް އަލްފާ އާއި މިނި ޒިގްޒެގު ބައްދަލުކޮށް 5-14 އިން މެޗު ކާމިޔާބުކުރީ ޓީމް އަލްފާ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް އަލްފާގެ ހުސައިން އަބްދު ރަޝީދެވެ.

ރޭގަ ވެސް ވަނީ މުބާރާތުގެ 3 މެޗު ކުޅެފަ އެވެ. ފުރަތަމަ މެޗުގައި އަންހެން ޑިވިޝަންގެ ސްޓެމިނަ އާއި ފެމެލީ ބޭކަރީ ބައްދަލުކޮށް 1-17 އިން މެޗު ކާމިޔާބު ކުރީ ފެމެލީ ބޭކަރީ އެވެ. އަންހެން ޑިވިޝަންގެ ދެ ވަނަ މެޗުގައި ފައިވް އާއި ފަޔަރ ބާރޑް ބައްދަލުކޮށް 9-5 ން މެޗު ކާމިޔާބު ކުރީ ފައިވް އެވެ. ރޭގެ ފަހު މެޗުގައި ބައްދަލު ކުރީ ފިރިހެން ޑިވިޝަންގެ ފެމެލީ ބޭކަރީ އާއި ޒިގްޒެގެވެ. މި މެޗު 6-17 އިން ކާމިޔާބު ކުރީ ފެމެލީ ބޭކަރީ އެވެ.

މިއަދު ހަވީރު އާއި މިރޭވެސް މި މުބާރާތުގެ މެޗުތައް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މިއަަދު 15:45 ގައި ކުޅޭނީ ނޮޅިވަރަމް ޓީމާއި ޓީމް ޔުނިކް ފުރެޑް އެވެ.

ބީޗް ހޭންޑްބޯލް ފިޔަވައި މި ފަދަ ހޭންޑްބޯޅަ މުބާރާތެއް ޑަބްލިއުއެސްއޭއިން ބާއްވާ މިއީ ފުރަތަމަ ފަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355