އެމްޕީއެލް ޑަބްލިއުއެސްއޭ އިންޓަރ އޮފީސް ބެޑްމިންޓަން ޗެމްޕިއަންޝިޕު 2022 ގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކުލަބް ކުޅުދުއްފުށި ސިޓީ ޕޮލިސް (ކޭސީޕީ)އިން ހޯދިއިރު އަންހެން ޑިވިޝަނުގެ ތަށި ދިރާގުން ހިއްލާލައިފި އެވެ.
މިއަދު މެންދުރުފަހު ކުޅެވުނު އަންހެން ޑިވިޝަނުގެ ފައިނަލުގައި ބައްދަލުކޮށްފައިވަނީ ކުލަބް އިމިގްރޭޝަނާއި ދިރާގެވެ. މިމެޗު ސީދާ 3 ގޭމުން ކާމިޔާބުކޮށްފައިވަނީ ދިރާގުންނެވެ. މެޗުގެ ފުރަތަމަ ގޭމުގައި ދިރާގުގެ ޝައުޒާ އިބްރާހިމާއި ޒުހުދާ ހަސަންގެ ޕެއާއިން ވަނީ އިމިގްރޭޝަނުގެ އައިޝަތު ޒޫނާއާއި ދީމާ ރަޝީދުގެ ޕެއާ 2 ސެޓު 1 ސެޓުން ބަލިކޮށްފަ އެވެ.
ދެވަނަ ގޭމުގައި ދިރާގުގެ މަރިޔަމް ޝަފާހަތު ވަނީ އިމިގްރޭޝަނުގެ ފަދުވާ ޒާހިރު ސީދާ 2 ސެޓުން ބަލިކޮށްފަ އެވެ. ފުރަތަމަ ސެޓު ޝަފާހަތު ގެންދިޔައީ 21 - 6 ންނެވެ. އަދި ދެވަނަ ސެޓު ގެންދިޔައީ 21 - 13 ންނެވެ. ތިންވަނަ ގޭމުގައި އިމިގްރޭޝަނުގެ ފަދުވާ ޒާހިރާ ދީމާ ރަޝީދުގެ ޕެއާ ސީދާ 2 ސެޓުން ދިރާގުގެ ޒުހުދާ ހުސެއިނާ އާމިނަތު އަލީގެ ޕެއާއިން ވަނީ ބަލިކޮށްފަ އެވެ.
މިރޭ ކުޅެވުނު ފިރިހެން ފައިނަލުގެ ތަށި ކޭސީޕީން ހިއްލާލީ ފޯރިގަދަ ގޭމުތަކަކަށްފަހު 4 ގޭމު 2 ގޭމުންނެވެ. މިމެޗުގައި ދެޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެވެ.
މެޗުގެ ފުރަތަމަ ގޭމު ޕޮލިހުގެ ވަސީމްއާއި ޖާވިޒުގެ ޕެއާއިން ހޯދީ ކަސްޓަމްސްގެ އިފްޒަލްއާއި ނަޝީދުގެ ޕެއާ ބަލިކޮށްގެންނެވެ. މިގޭމު އެޓީމުން ކާމިޔާބުކުރީ 2 ސެޓު 1 ސެޓުންނެވެ. ދެވަނަ ގޭމު ސީދާ 2 ސެޓުން ކަސްޓަމްސްގެ އަހްމަދު އަލީ ބަލިކޮށް ހޯދީ ކޭސީޕީގެ ވަސީމް އެވެ. އެހެންނަމަވެސް ތިންވަނަ ގޭމުގައި ކަސްޓަމްސްގެ މުހައްމަދު އާދަމްއާއި ނަޝީދުގެ ޕެއާއިން ވަނީ ޕޮލިހުގެ ޕެއާ ބަލިކޮށްފަ އެވެ.
ހަތަރުވަނަ ގޭމުގައި ކަސްޓަމްސްގެ އަލީ ރަޝީދު ވަނީ ޕޮލިހުގެ ހުޝާމް އަތުން 2 ސެޓު 1 ސެޓުން ބަލިވެފަ އެވެ. ފަސްވަނަ ގޭމުގައި ކަސްޓަމްސްގެ އިފްޒަލްއާއި މުހައްމަދު ލުތުފީގެ ޕެއާއިން ވަނީ ސީދާ 2 ސެޓުން ޕޮލިހުގެ ޕެއާ ބަލިކޮށްފަ އެވެ. ފަހު ގޭމުގައި ކޭސީޕީގެ ޖާވިޒް ވަނީ ސީދާ ދެ ސެޓުން ކަސްޓަމްސްގެ އިބްރާހިމް ޝަރީފް ބަލިކޮށްފަ އެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ރަނަރަޕް ޓީމަށް ވަނީ ފައިސާގެ އިނާމުގެ ގޮތުގައި 2000 ރުފިޔާ އަދި ޓްރޮފީ ހަވާލުކޮށްފަ އެވެ. އަދި ޗެމްޕިއަން ޓީމަށް ވަނީ 5000 ރުފިޔާގެ ފައިސާގެ އިނާމު އަދި ޓްރޮފީ ހަވާލުކޮށްފަ އެވެ.
އަންހެން ޑިވިޝަނުގެ ރަނަރަޕް ޓީމަށް ވަނީ 1500 ރުފިޔާގެ ފައިސާގެ އިނާމު އަދި ޓްރޮފީ ހަވާލުކޮށްފަ އެވެ. އަދި ޗެމްޕިއަން ޓީމަށް ވަނީ 4000 ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން ޓްރޮފީ ވަނީ ހަވާލުކޮށްފަ އެވެ.