twitterviber whatsapp telegramfacebookyoutube instagram
19th April 2024

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ހޭންޑްބޯލް ކޯޗިން ކޭމްޕް ނިންމާލައިފި

މުޙައްމަދު އަހުމަދު
Nov 8, 2021

ކުޅުދުއްފުށީ ސިޓީ ކައުންސިލް، ހޭންޑް ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ޑަބްލިއު ސްޕޯރޓްސް އެކަޑަމީ އަދި މިނިސްޓްރީ އޮފް ޔޫތް ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެން ކުރިއަށް ގެންދިޔަ ބީޗް ހޭންޑްބޯލް ކޯޗިން ކޭމްޕް ނިންމާލައިފި އެވެ.

މިކޭމްޕް ކުރިއަށް ގެންދިޔައީ 30 އޮކްޓޯބަރުން 06 ނޮވެމްބަރުގެ ނިޔަލަށެވެ. މިއީ ރާއްޖޭގެ ފުރަތަމަ ބީޗް ހޭންޑް ބޯލް ކޯޗިން ކޭމްޕެވެ. ރޭ ބޭއްވި ނިންމުމުގެ ރަސްމިއްޔާތުގައި ކޭމްޕްގެ ބައިވެރިންނަށް ވަނީ ސެޓްފިކެޓް ދީފަ އެވެ.

މިކޭމްޕްގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައިވަނީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފެވެ.މި ކޭމްޕް 30 ފަރާތަކުން ފުރިހަމަ ކޮށްފައިވެ އެވެ.

މޭޔަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި މުޅިންއަލަށް ދިވެހިރާއްޖޭގައި ކުރިއަށް ގެންދެވުނު ބީޗް ހޭންބޯލް ކޯޗުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ކުޅުދުއްފުށި ސިޓީގައި ކާމިޔާބުކަމާއެކު ނިންމާލެވުނުކަމީ މި ސިޓީގެ ރައްޔިތުންނަށް، ހާއްސަކޮށް ޒުވާނުންނަށް ލިބިގެންދިޔަ ނުހަނު ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ.

ވެރިކަންކުރާ މާލެ ދޫކޮށް އަތޮޅުތެރޭގައި މި ޕްރޮގްރާމް ކުރިއަށްގެންދިއުމުން ދޭހަވާކަމަކީ އަދުގެ ސަރުކާރުން އަތޮޅުތެރޭގެ ޒުވާނުންގެ ކުރިއެރުމަށް ދެއްވާ ހާއްސަ އަހަންމިއްޔަތުކަން ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ވަނީ މިކަމަށްޓަކައި ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފަށާއި ހޭންޑްބޯލް އެސޯސިއޭޝަންގެ އިސް ވެރިންނަށް ޝުކުރު އަދާކޮށްފަ އެވެ. އަދި މޭޔަރު ވަނީ މި ހަރަކާތް މިހާ ފުރިހަމަކޮށް ކުރިޔަށް ގެންދިއުމުގައި އެހީތެރިވެދެއްވި ޑަބްލިއު ސްޕޯޓްސް އެކަޑަމީގެ އިސްވެރިންނަށާއި އެންމެހާ މެންބަރުންނަށް ވެސް ޝުކުރު އަދާކޮށްފަ އެވެ.

"އަޅުގަނޑުގެ އުންމީދަކީ މި ކޯޗިން ކޯހުން ތަމްރީންވެގެން ނިކުތް ހުރިހާ ކޯޗުން، އެ ކޯޗުންނަށް ދަސްވި އެއްޗެއްގެ ބޭނުންހިފާ ކުޅުދުއްފުއްޓަށާއި މުޅި ދިވެހިރާއްޖެއަށް އޭގެ ލާބައާއި މަންފާކުރުން." މޭޔަރު ވިދާޅުވި އެވެ.

މިކޭމްޕްގައި ކިޔަވައިދިނީ ޕާކިސްތާންގެ ދެ ކޯޗުން ކަމަށްވާ ބާބަރު ސުލްތާނާއި މުހައްމަދު ޝުހައިބާއެވެ. ޕާކިސްތާންގެ މި ދެ ކޯޗުންނަކީ އެގައުމުގެ ގައުމީ ޓީމަށް ކުޅެ، ގޯލްޑް މެޑަލް އާއި ސިލްވާ މެޑަލް ހޯދާފައިވާ ދެ ކުޅުންތެރިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355