ޑަބްލިއު ސްޕޯޓްސް އެކަޑަމީއާއި ކުޅުދުއްފުށި ސިޓީ ޕޮލިސް ސްޓޭޝަން ގުޅިގެން ކުޅުދުއްފުށީގައި ކުރިއަށް ގެންދާ ވޮލީބޯލް ކޯޗިން ކޭމްޕް އިއްޔެ ފަށައިފި އެވެ.
20 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މިކޭމްޕް އިއްޔެ އޭއީސީގެ ކުޅޭ ބިމުގައި ފަށާފައިވާއިރު ޖުމްލަ 84 ދަރިވަރުން މިކޭމްޕްގައި ބައިވެރިވެ އެވެ. ދެޖިންސުގެ 12 އަހަރުން މަތީގެ ސްކޫލް ކުދިންނަށް ހުޅުވާލައިގެން ކުރިއަށް ގެންދެވޭ މިކޭމްޕްގައި ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވާނީ ގައުމީ ފެންވަރުގެ ކޯޗުންނެވެ. އަދި ކުރީގެ ވޮލީބޯލް ގައުމީ ޓީމުގެ ކުޅުންތެރިޔާ ސޯދިގު މޫސާ މިކޭމްޕްގައި ކޯޗުކަން ކޮށްދޭނެ އެވެ.
ކޭއޯއަށް މައުލޫމާތު ދެއްވަމުން ޑަބްލިއުއެސްއޭގެ ބޯޑު މެމްބަރު އަދި ވޮލީބޯލް ކޯޑިނޭޓަރު އާދަމް އަހްމަދު ވިދާޅުވީ މިކޭމްޕް ބޭއްވުމުގެ މަގުސަދަކީ ކުޅުދުއްފުށީގެ ވޮލީބޯޅަ ކުރިއެރުވުމެވެ. އަދި މިހާރު ވޮލީއަކީ ރާއްޖޭގެ ލެވަލްއަށް ބަލާއިރު އެންމެ ފައިދާ ބޮޑު ކުޅިވަރުކަމާއި ރަނގަޅު ހިސާބަކަށް ދެއްވިއްްޖެނަމަ އެންމެ ބޮޑު އަގުގައި ކުޅުންތެރިން ގެންނަނީ ވޮލީގައި ކަމަށެވެ.
އެހެންކަމުން އެވިސްނުމުގައި ކުޅުދުއްފުށީގައި ފެންވަރު ރަނގަޅު ވޮލީ ކުޅުންތެރިން އުފެއްދުމަކީ މިކޭމްޕްގެ އެންމެ ބޮޑު މަގުސަދުކަމަށް އޭނާ ބުންޏެވެ. މިކޭމްޕްގައި ބޭނުން ކުރާ ދެ ވޮލީ ކޯޓަކީ އޭއީސީގެ ސްޕޯޓްސް ގްރައުންޑްގައި ޑަބްލިއު ސްޕޯޓްސް އެކަޑަމީން ތައްޔާރުކޮށްފައިވާ ދެވޮލީ ކޯޓެވެ.
ކުޅުދުއްފުށީގައި ރަސްމީ ވޮލީކޯޓެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އާދަމް އަހްމަދު ވިދާޅުވީ "މިހާރުވެސް އަދި ކުރިއަށް އޮތްތާ ވީހާވެސް އަވަހަކަށް ޒަމާނީ ފެންވަރުގެ ދެކޯޓު ރެޑީކުރަން ފަށާފައި އިނީ، އެކޯޓު އަވަހަށް ލިބޭނެ ގޮތެއް ބޭނުމީ، އޭރަށް މިއަށްވުރެވެސް ފުޅާކޮށް މިކަން ކުރިއަށް ގެންދެވޭނެ ގިނަ ކޯޓު ލިބުން ވަރަކަށް، އަޅުގަނޑުމެންނަށް ކޯޓު މަދުވަނީ، ކޯޓު ހެދުމަކީ ވަރަށް ބޮޑު ހަރަދެއް ހިނގާ ކަމެއް، ބިންވެސް ބޭނުންވޭ، އޭއީސީގައި މި އަސްލު ވޮލީއަކަށް ހާއްސަ ބިމެއް ނޫން، ފުޓްބޯޅަ ދަނޑު ހަލާކުކޮށްލާފަ މިހެދުނީ ވަގުތީ ކޯޓެއް." އާދަމް އަހްމަދު ވިދާޅުވި އެވެ.