twitterviber whatsapp telegramfacebookyoutube instagram
28th March 2024

ތިލަދެކުނު ވެށި ޓުއާގެ ނަމުގައި ދަތުރުތަކެއް ފަށަން އަތޮޅު ކައުންސިލުން ތައްޔާރުވެއްޖެ

ނަބީލާ އިސްމާޢީލް
Dec 2, 2020
3

ތިލަދުންމަތީގެ ބައެއް ރަށްތަކަށް ލޯންޗު ދަތުރުތަކެއް ފަށަން ހދ. އަތޮޅު ކައުންސިލުން ތައްޔާރުވެއްޖެ އެވެ.

ހދ. އަތޮޅު ކައުންސިލުން މިއަދު އިއުލާނު ކުރި ގޮތުގައި ހއ އަދި ހދ ބައެއް ރަށްރަށް ބަލާލުމުގެ ފުރުސަތު ފަހިކޮށް ދިނުމަށް، "ތިލަދެކުނު ވެށިޓުއަރ" ގެ ނަމުގައި ކޮންމެ ހަފްތާ ބަންދެއްގައި ދަތުރުތަކެއް ފެށުމަށް އެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

މި ދަތުރުތައް ފެށުމަށް ފާސްކޮށްފައިވަނީ މިއަދު އޮތް އެ ކައުންސިލްގެ 162 ވަނަ އާންމު ބައްދަލަވުމުގައި ބައިވެރިވި 4 މެމްބަރުންގެ އިއްތިފާގުންނެވެ.

އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ވަސީމް ކޭއޯއަށް ވިދާޅުވީ، މިދަތުރުތަކުގެ މައިގަނޑު ބޭނުމަކީ ތާރީހީ ގޮތުންނާއި ގުދުރަތީގޮތުން ރީތި އަދި ވިޔަފާރީގެ ބޭނުންމަށް މީހުންދާން ބޭނުންވާ ރަށްތަކަށް ފަސޭހައިން ދަތުރުކުރުމަށް ފަހިކޮށްދިނުން ކަމަށެވެ. ޓުއަރގައި ވަކި ރަށްތަކެއް ހާއްސަކޮށްފައިވީނަމަވެސް ކުރިއަށްއޮތްތަނުގައި ރައްޔިތުންގެ ހިޔާލާއެކު ލިސްޓަށް ރަށްތައް އިތުރުކުރެވޭނެ ކަމަށެވެ.

ހަފްތާ ބަންދުގައި ރަށްތަކަށް ދަތުރު ދެވޭނެ ގޮތްވެސް ކުރިއަށް އޮތްތަނުގައި ފަހިވެގެންދާނެ ކަމަށާއި އެ ކަންކަން ބަދަލުގެންނާނީ ރައްޔިތުންގެ ހިޔާލާއެކު ކަމަށްވެސް ވަސީމް ވިދާޅުވި އެވެ.

މިވަގުތަށް ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު ވަކި ރަށަކަށް ނުވަތަ ދެ ރަށަކަށް، އަތޮޅު ކައުންސިލްގެ މާރެސް ލޯންޗު ދަތުރު ކުރުމަށްހަމަޖެހިފައިވާއިރު، މިދަތުރު ތަކުގެ ޝެޑިއުލް ކޮންމެ މަހަކުވެސް އެ ކައުންސިލުން އާންމު ކުރުމަށް ވަނީ ހަމަޖެހިފަ ކަމަށެވެ.

އަދި ދަތުރުތަކުގެ ޓިކެޓް އަގުތަކާއި ޓިކެޓް ގަންނާނެގޮތް ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށް ކައުންސިލުން ބުނެ އެވެ. އަދި ދަތުރުތައް ކުރުމަށް މިހާރު ހަމަޖެހިފައިވާ ރަށްރަށަކީ، މަކުނުދޫ، ހަނިމާދޫ، ބާރަށް، އިހަވަންދޫ، ހޯރަފުށި، އުތީމު، ކެލާ، ވަށަފަރު، އަދި ދިއްދޫއެވެ.

މި ޓުއާރގެ ފުރަތަމަ ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވާ ހޮނިހިރު ދުވަހު ހޯރަފުށި އަދި އިހަވަންދޫއަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355