ގަސްތުގައި މީހަކު މެރުމުގެ ކުށް ކުރީ އުމުރުން 18 އަހަރު ނުވާ ކުއްޖެއް ކަމަށް ވާނަމަ އެކުއްޖާއަށް މަރުގެ އަދަބު ނުދެވޭގޮތް ހަދަން ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ސަރުކާރު ފަރާތުން ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި އެވެ.
އުމުރުން 18 އަހަރު ފުރުމަށް ފަހުގައި ވެސް، އުމުރުން 18 އަހަރު ވުމުގެ ކުރިން ކޮށްފައިވާ ކުށެއް ޝަރީއަތަށް ސާބިތުވިޔަސް، އެ ކުށަކަށް މަރުގެ އަދަބު ނުދެވޭ ގޮތަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އިއްޔެ އެވެ. މި ބިލަށް ގެނެވެނު އިސްލާހުތަކާއެކު މަޖިލީހުން ފާސްކޮށްފައިވަނީ، އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ އިއްތިފާގުންނެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ބައެއް މާއްދާތައް އިތުރު ކުރުމަށާއި އެ ގާނޫނުން ބައެއް މާއްދާތައް އުނިކުރުން އަދި ބައެއް މާއްދާތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖީހާންވަނީ ހުށައަޅުއްވާފަ އެވެ.
އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ، އެއްވެސް ގާނޫނެއްގައި މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށެއް ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވި ނަމަވެސް، އެ ކުއްޖަކަށް މަރުގެ އަދަބު ނުދެވޭ މާއްދާ އެވެ. އަދި މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށެއް ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވާ ހާލަތުގައި އެ ކުށަށް ކަނޑައެޅިފައިވާ ދެން އޮތް އެންމެ ބޮޑު އަދަބެއްގެ ހަތަރު ބައިކުޅަ ތިން ބަޔަށް ވުރެ ބޮޑު ނޫން އަދަބަކަށް ބަދަލު ކުރަންޖެހޭނެ ކަމަށް ވެސް ޖީހާން ވަނީ ހުށަހަޅުއްވައިފަ އެވެ.
ބިލުގައި އިތުރަށް ބުނެފައި ވަނީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ ކުއްޖަކު ބަންދުގައި ބަހައްޓަން ނިންމާ ހާލަތުގައި އެމައްސަލައިގެ އެންމެހާ ކަންކަމަށާއި ކުއްޖާގެ ހާލަތަށް ރިއާޔަތް ކުރުމަށް ފަހު އެކުއްޖާ ގޭގައި ބަންދު ކުރުމުގެ އިހުތިޔާރު މައްސަލަ ބަލާ ގާޒީއަށް ލިބިގެންވާ ކަމަށެވެ.
އަދި ބަންދުގެ މުއްދަތު އިތުރު ކުރާނަމަވެސް ހަމަ އެފަދައިން އަމަލު ކުރުމުގެ އިހުތިޔާރު ގާޒީއަށް ދޭން އިސްލާހުގައި ހިމަނާފައިވެ އެވެ.
މަޖިލީހުގެ ޖަލްސާގައި އެ ބިލު ފާސްކުރުމުގެ ކުރިން، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށެއް ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވާ ހާލަތުގައި އެ ކުށަށް ކަނޑައެޅިފައިވާ ދެން އޮތް އެންމެ ބޮޑު އަދަބެއްގެ ތިން ބައިކުޅަ ދެ ބަޔަށް ވުރެ ބޮޑު ނޫން އަދަބަކަށް ބަދަލު ކުރަންޖެހޭ ގޮތަށް ވަނީ މެންބަރުންގެ އަގުލަބިއްޔަތުން ބަދަލުކޮށްފައި އެވެ.