twitterviber whatsapp telegramfacebookyoutube instagram
26th April 2024

ގާނޫނީ ކޮލަމް: ޖިނާއީ ކުށެއްގެ ތަޙްޤީޤަށް، ލޭގެ ސާމްޕަލްއެއް ދޭން އެންގީތަ؟

Dec 10, 2020

ޖިނާއީ ކުށެއްގެ ތަޙްޤީޤުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނައިރު، މައްސަލައިގެ ތަޙްޤީޤަށް ބޭނުންވާ ހެކި ހޯދުމަށްޓަކައި، ބަންދުގައި ހުންނަ މީހާގެ ސާމްޕަލް ދިނުމަށް ފުލުހުން އަންގަފާނެއެވެ. މިގޮތަށް ބަންދުގައި ހުންނަ މީހާގެ ސާމްޕަލްގެ ގޮތުގައި ފުލުހުންނަށް ނެގޭނީ ކޮން ކަހަލަ ސާމްޕަލްތަކެއްތޯއެވެ؟ ސާމްޕަލް ނެގުމުގައި ޢަމަލުކުރަންޖެހޭ ގޮތަކީ ކޮބައިތޯއެވެ؟ އަދި މަރުވެގެން ލައްގާފައިވާ މީހެއް ދެނެގަތުމަށް ފުލުހުންނަށް އެމީހެއްގެ ސާމްޕަލް ނެގިދާނެތޯއެވެ؟ މި ސުވާލުތަކަށް ޤާނޫނީ ނަޒަރަކުން ބަލާލަމާތޯއެވެ؟

ބަންދުގައި ހުންނަ މީހަކާ ގުޅޭގޮތުން ފުލުހުންނަށް ބާރުލިބޭ ކަންކަން

ބަންދުގައި ހުންނަ މީހަކީ ކާކުކަން ދެނެގަނެވޭނެ ނިޝާންތަކާއެކު ފޮޓޯ ނެގުމާއި، އެމީހެއްގެ އިނގިލީގެ ނިޝާނާއި، އޭނާގެ ހަށިގަނޑުގެ ބޭރުން ސާމްޕަލް ނެގުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ. އަދި އޭނާ ހުރީ މަސްތުވާތަކެތި ބޭނުންކޮށްގެންކަމަށް ތުޙުމަތުކުރެވޭ ޙާލަތުގައި، އޭނާގެ ކުޑަކަމުދާތަކެތީގެ ސާމްޕަލް ދިނުމަށް އަންގާ ޔޫރިން ޓެސްޓް ހެދުމާއި، އެމީހެއްގެ އިސްކޮޅާއި ބަރުދަން ބެލުމާއި، އެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނުއިރު ނުވަތަ ގެނައުމަށްފަހު އެމީހަކަށް އެއްވެސް ގެއްލުމެއް ނުވަތަ އަނިޔާއެއް ލިބިފައިވޭތޯ ބެލުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލް

ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލްތަކުގެ ތެރޭގައި، ނިޔަފައްޗާއި ނިޔަފަތީގެ ދަށުން ނެގޭ ސްވަބް ސާމްޕަލް، ކުޅު، ކުޑަކަމުދާތަކެތި އަދި ހަމުގައި ފެންނަން ހުންނަ ނިޝާންތަކުގެ ސާމްޕަލް ހިމެނިގެންވެއެވެ. އަދި ޖިންސީ ގުނަވަނާއި އެގުނަވަނުގެ ވަށައިގެންވާ ސަރަޙައްދު ފިޔަވައި އެހެނިހެން ސަރަޙައްދުތަކުން ނެގޭ އިސްތަށްޓާއި، ޖިންސީ ގުނަވަން ފިޔަވައި އެހެނިހެން ސަރަޙައްދުތަކުން ނެގޭ ސްވަބް ސާމްޕަލާއި، އަނގައިން ނެގޭ ސްވަބް ސާމްޕަލްވެސް ހިމެނޭނީ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލްގެ ތެރޭގައެވެ.

ތުޙުމަތުކުރެވޭ މީހާގެ ހަށިގަނޑުގެ ބޭރުން ސާމްޕަލެއް ނެގޭނީ އެމީހާގެ ރުހުމާއެކުގައެވެ. ރުހުން ނެތްނަމަ، ނެގޭނީ ކޯޓު އަމުރެއްގެ ދަށުންނެވެ. ނަމަވެސް ޖިނާއީ ބޮޑެތި ކުށްކުށާއި، ޖިންސީ ކުށުގެ ތުޙުމަތުގައި ހައްޔަރުކުރެވޭ މީހެއްގެ ޖިންސީ ގުނަވަން ބަލާފާސްކުރުމަށާއި، އެމީހެއްގެ ޖިންސީ ގުނަވަނުގެ ފޮޓޯ ނެގޭނީ ކޯޓު އަމުރެއްގެ ދަށުން އެކަންޏެވެ. އެއީ އެމީހަކު އެކަމަށް ރުހުން ދިންކަމުގައިވިޔަސްމެއެވެ.

ހަށިގަނޑުގެ އެތެރެއިން ނެގޭ ސާމްޕަލް

ހަށިގަނޑުގެ އެތެރެއިން ނެގޭ ސާމްޕަލްގެ ތެރޭގައި ލޭ، މަނި، ދަތްޕިލައިގެ ނިޝާން، މައިދާ (ބަނޑު)ގެ ތެރެއިން ނެގޭ ސާމްޕަލް ހިމެނެއެވެ. އަދި ހަމައެހެންމެ، ޖިންސީ ގުނަވަނާއި އެގުނަވަނުގެ ވަށައިގެންވާ ސަރަޙައްދުން ނެގޭ އިސްތައްޓާއި، އަނގަ ފިޔަވައި ހުޅުވިފައި ހުންނަ ގުނަވަންތަކުން ނެގޭ ސްވަބް ސާމްޕަލް، ކަށީގެ މަދު (ބޯންމެރޯ) އަދި ސޮފްޓް ޓިޝޫވެސް ހިމެނޭނީ، ހަށިގަނޑުގެ އެތެރެއިން ނެގޭ ސާމްޕަލްގެ ތެރޭގައެވެ.

ޖިނާއީ ބޮޑުކުށެއް ނުވަތަ ޖިންސީ ކުށެއް ކޮށްފިކަމަށް ތުޙުމަތުކުރެވިގެން ބަންދުކުރެވިފައިވާ މީހެއްގެ ރުހުމާއެކު ސަބްއިންސްޕެކްޓަރ އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދައާއިއެކު ހަށިގަނޑުގެ އެތެރެއިން ސާމްޕަލް ނެގިދާނެއެވެ. ރުހުންނެތްނަމަ، ނެގޭނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި މިފަދަ ސާމްޕަލެއް ނަގަންވާނީ، ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރެއް ނުވަތަ ޞިއްޙީ އެހީތެރިއެއްގެ އެހީގައެވެ.

އިނގިލީގެ ނިޝާން

އިނގިލީގެ ނިޝާނުގެ ތެރޭގައި، އަތާއި ފައިގެ ހުދުހަމަށްވާ ބަޔާއި، އަތާއި ފައިގެ އިނގިލިތަކާއި، އަތާއި ފައިގެ އިނގިލިތަކަށް ނުވާ އަތްތިލައާއި ފައިތިލައިގެ ހުދުހަމުގެ ބަޔާއި، އަތްތިލައާއި ފައިތިލައިގެ ހަމުގެ ޕެޓަރން ފްރިކްޝަން ރިޖް އަދި އެހިސާބުގެ ހަމުގައި ހުރި ސިފަތަކާއި ނިޝާން ހިމެނޭނެއެވެ. ނަމަވެސް ހަށިގަނޑުގެ ބޭރުން އަދި އެތެރެއިން ނެގޭ ސާމްޕަލްގެ ތެރޭގައި އިނގިލީގެ ނިޝާން ނުހިމެނެއެވެ.

މިގޮތުން ބަންދުގައި ހުންނަ މީހެއްގެ އިނގިލީގެ ނިޝާން، އެމީހެއްގެ ރުހުމާއެކު ނެގިދާނެއެވެ. ރުހުމާއެކު އިނގިލީގެ ނިޝާން ނެގިކަމުގައިވިޔަސް، ރުހުންދިންކަން ލިޔުމުން އެނގެން އޮންނަންވާނެއެވެ. އަދި އިނގިލީގެ ނިޝާން ދިނުމަށް ދެކޮޅުހަދާނަމަ، ސަބްއިންސްޕެކްޓަރ އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދައާއިއެކު ޤާނޫނީ އިންޒާރު ދިނުމަށްފަހު އަދި އިނގިލީގެ ނިޝާން ނަގަނީ ކޮންބޭނުމެއްގައިކަން ބުނުމަށްފަހު، ބަންދުގައި ހުންނަ މީހާގެ އިނގިލީގެ ނިޝާން ނެގިދާނެއެވެ. އަދި މިއިޖުރާއަތުތައް ފުރިހަމަކުރިކަން ލިޔުމުން އެނގެން އޮންނަންވާނެއެވެ.

މަރުވެފައިވާ މީހެއްގެ ހަށިގަނޑުން ސާމްޕަލްނެގުން

ކުށަކާ ގުޅިގެން ނުވަތަ ޝައްކު އުފެދޭފަދަ ގޮތެއްގައި މީހަކު މަރުވެއްޖެނަމަ ނުވަތަ މަރުވެފައިވާ މީހެއްގެ ހަށިގަނޑު ލައްގައިފިނަމަ، އޭނާއަކީ ކާކުކަން ދެނެގަތުމަށާއި، މަރުވުމަށް ދިމާވި ސަބަބާއި، މަރުވުމުގައި ޖިނާއީ ކުށެއް ހިނގާފައިވާކަން ބަލާ، ހަށިގަނޑުން ކުށަކާއި ގުޅޭ ހެއްކެއް ހޯދުމަށް، ކޯޓު އަމުރެއް ނެތި އެމީހެއްގެ ހަށިގަނޑުން ސާމްޕަލް ނެގިދާނެއެވެ.

ނިންމުން

ފުރިހަމަގޮތުގައި ޖިނާއީ ތަޙްޤީޤެއް ކުރުމަށްޓަކައި ސާމްޕަލް ނެގުމަކީ މުހިންމު ކަމަކަށްވާއިރު، އިޖުރާއަތާއި އެއްގޮތަށް ސާމްޕަލް ނެގުމަކީ، ޝަރީޢަތަށް ޤަބޫލުކުރެވޭނެ ހެކި ހޯދުމަށް ކޮންމެހެން ލާޒިމުކަމެކެވެ.

އާޓިކަލް ލިޔުނީ ޠާހިރާ ޢުމަރު

އަލްއުސްތާޛާ ޠާހިރާ ޢުމަރަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355