ސިފައިންގެ އަސާސީ ތަމްރީން ކޯހެއްގެ ދަސްވެނިވުން ފާހަގަކުރުމަށް އުތުރުގެ ތިން ރަށެއްގައި ސިފައިންގެ ޝަރަފުގެ ހިނގާލުމާއެކު ހަވާ އަރުވަން ނިންމައިފި އެވެ. މިއީ އާންމުންނަށް ހުޅުވާލައިގެން ބާއްވާ މިފަދަ ފުރަތަމަ ހިނގާލުމެވެ.
މި ހިނގާލުން އޮންނާނީ ހއ. ދިއްދޫ، ހއ. އިހަވަންދޫ އަދި ހދ. ކުޅުދުއްފުށީގަ އެވެ. މި ޝަރަފުގެ ހިނގާލުމަކީ ޅ. މާފިލާފުށީގައި ތިން މަސް ދުވަހަށް ގެންދިޔަ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގައި ކުރިއަށްގެންދާ ހިނގާލުމެކެވެ.
އެގޮތުން ފުރަތަމަ ޝަރަފުގެ ހިނގާލުން އަންނަ ބުރާސްފަތި ދުވަހު އޮންނާނީ ކުޅުދުއްފުށީގައެވެ. ޖެހިގެން އަންނަ ހުކުރު ދުވަހު ދިއްދޫ އަދި ހޮނިހިރު ދުވަހު އިހަވަންދޫގައި ހިނގާލުން އޮންނާނެ އެވެ.
ހިނގާލުން އޮންނާނީ މި ތިން ރަށުގެ ބޮޑެތި މަގުތަކުގައި ހަވީރު 4:00-5:00 އާ ދެމެދުގަ އެވެ. އޭގެ އިތުރުން، އެ ދުވަސްތަކުގެ ރޭގަނޑު ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) ގެ ހެޔޮއެދުންތަކާ އެކު ހަވާއަރުވުން އޮންނާނެ އެވެ.
97 ދަރިވަރުން ބައިވެރިވި މި ކޯހުގެ ދަސްވެނިވުން އަންނަ އަންގާރަ ދުވަހު މާފިލާފުށީގައި ހުންނަ "ދަ ބޭސިކް ސްކޫލު"ގައި އޮންނާނެ އެވެ.
އެމްއެމްޑީއެފްގެ މީީޑިއާ އޮފިޝަލް މޭޖަ އިބްރާހިމް އާޒިމް ވިދާޅުވީ ރަށްރަށުގައި ތިބި މީހުންނަށް ޝަރަފުގެ ހިނގާލުންތައް ކައިރިން ބަލައިލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މި އަހަރުން ފެށިގެން ރާއްޖޭގެ އެކި ރަށްރަށުގައި އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން ބާއްވަން ނިންމާފައިވާ ކަމަށެވެ.
އަދި ކުރިއަށް އޮތް ތަނުގައި، އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން، އެ ކޯހުގެ ތަމްރީނުތައް ގެންދާ އެމްއެންޑީއެފް އޭރިއާއަކަށް ނިސްބަތްވާ ރަށްރަށުގައި ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.