twitterviber whatsapp telegramfacebookyoutube instagram
6th May 2024

ރިސޯޓްތަކާއި ރާއްޖޭން ބޭރުގައި ވޯޓް ފޮށި ބަހައްޓަން ދަތިތަކެއް އެބަހުރި: އީސީ

ނަބީލާ އިސްމާޢީލް
Dec 14, 2020

އަންނަ މާޗުމަހުގެ ތެރޭގައި ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ފޮށި ބަހައްޓަން ދަތިތަކެއް އެބަހުރިކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.

އޮންލައިން ނިއުސް ސަންއަށް ދިން އިންޓަވިއުއެއްގައި ޝަރީފް ވިދާޅުވީ އެހެން އިންތިހާބުތަކާ ހިލާފަށް މިފަހަރު ބާއްވާ ލޯކަލް ކައުންސިލު އިންތިހާބުގައި ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބެހެއްޓޭނެތޯ މިހާރު އޮތީ ސުވާލު އުފެދިފަ ކަމަށެވެ. އަދި އެފުރުސަތު ފަހިވާނެ ކަމެއް އީސީގެ ރައީސްއަށްވެސް ޔަގީނެއް ކަމަށެވެ.

އަދި ޕެންޑެމިކް ތެރޭގައި ރިސޯޓުތަކުގައި ފޮށި ބެހެއްޓޭނެތޯވެސް ސުވާލު އުފެދޭ ކަމަށް ޝަރީފު ވިދާޅުވި އެވެ. ރިސޯޓުތަކުގެ ވެރިން އެ ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން ބޭނުން ނުވާ ނަމަ އެކަމަށް މަޖުބޫރު ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެހެން ވެއްޖެ ނަމަ ރިސޯޓުތަކުގައި އުޅޭ ފަރާތްތަކަށް އެހެން ރަށަކަށްގޮސް ވޯޓުލުމުގެ ފުރުސަތު ތަވަސްކޮށްދޭން ޖެހޭނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ކޮވިޑްގެ ހާލަތުގައި އަންނަ ކައުންސިލް އިންތިހާބު ބާއްވަން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށެވެ. އަދި އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިނާއެކު ކުރިއަށް ދާން ގިނަ ތައްޔާރީތަކެއް ވާން ޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ޕެންޑެމިކުގައިވިޔަސް ވޯޓުލާން ރެޖިސްޓްރީކޮށްފައި ތިބި އެންމެންނަށް ވޯޓުލެވޭނެ ގޮތް ހަމަޖައްސައި ދިނުމަކީ އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ޒިންމާއެއް ކަމަށެވެ. އަދި އެއްވެސް ފަރާތަކުން ހަދާފައި އޮތް ގާނޫނަކުން ނުވަތަ ރެސްޓްރިކްޝަނަކުން ވޯޓުލާން ނުދެވޭ ކަމަށްވާނަމަ އެއީ ބަލަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355