މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ބޭނުންކުރާ ލޮނުފެނުން މަސްފިނިކުރާ ނިޒާމު (އާރުއެސްޑަބްލިޔު) ސިސްޓަމްތަކުން ޑިއުޓީ މައާފް ކުރުމަށް ނިންމައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ އެ ސިސްޓަމުން ޑިއުޓީ މާފުކުރަން ބޭނުންވާ ފަރާތްތަކުން "ޑިއުޓީ މާފް ކުރުމަށް އެދޭ ފޯމް" އާއި އިންވޮއިސް އިކޮނޮމިކް މިނިސްޓްރީއަށް ހުށަހެޅުމުން ޑިއުޓީ މާފްކޮށްދޭނެ ކަމަށެވެ.
އާރުއެސްޑަބްލިޔު ސިސްޓަމަކީ މިފަހަކަށް އައިސް ރާއްޖޭގެ މަސްވެރިން މަހަށް ނިކުންނަ ދަތުރުތަކުގައި، އައިސް ހޯދުމަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން، މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ގާއިމް ކުރަމުން އަންނަ ސިސްޓަމެކެވެ. އަދި މަސް ދޯނިފަހަރުން ބާނާ މަސް ކިރެންދެން ތާޒާކަންމަތީ ދޯނިފަހަރުގައި ބެހެއްޓޭނެ ގޮތަށް ފަރުމާކުރެވިފައިވާ ނިޒާމެކެވެ.
އެ ސިސްޓަމުން ޑިއުޓީ ކަނޑާލުމުން މަސްވެރިކަމުގެ ސިނާއަތު އިތުރަށް ތަރައްގީ ކުރަން އިތުރު ލުޔެއް ލިބިގެންދާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.