އެވިޑް ކޮލެޖާއި ބުރުނާއީގެ ސުލްތާން ޝާރިފް އަލީ އިސްލާމިކް ޔުނިވާސިޓީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
ދެހާސް ހަތް ވަނަ އަހަރު ހުޅުވިސުލްތާން ޝާރިފް އަލީ އިސްލާމިކް ޔުނިވާސިޓީ އަކީ ބުރުނާއީގެ ދެވަނަ ގައުމީ ޔުނިވާސިޓީ އެވެ. އަދި އެ ޔުނިވާސިޓީ އަކީ އެ ގައުމުގެ ފުރަތަމަ އިސްލާމިކް ޔުނިވާސިޓީ އެވެ.
އެވިޑް ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓަރ އަލީ ރަޝީދު ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު މި ސޮއިކުރެވުނު އެމްއޯޔޫއަކީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ.
އެކި ދާއިރާތަކުގައި ގުޅިގެން މަސައްކަތް ކުރަން އެވިޑް ކޮލެޖާއި ބުރުނާއީގެ ސުލްތާން ޝާރިފް އަލީ އިސްލާމިކް ޔުނިވާސިޓީއާ ދެމެދު މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާއިރު އެވިޑް ކޮލެޖުގެ ފަރާތުން ސޮއި ކުރެއްވީ އެ ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދު އެވެ. ސުލްތާން ޝާރިފް އަލީ އިސްލާމިކް ޔުނިވާސިޓީގެ ފަރާތުން ސޮއި ކުރެއްވީ އެ ޔުނިވާސިޓީގެ ޑޮކްޓަރ ހާޖީ ނޯރާފަން ބިން ހާޖީ ޒައިނަލް ރެކްޓާ އެވެ.
އެ އެއްބަސްވެވުނު ކަންކަމުގެ ތެރޭގައި ދެ ފަރާތް ގުޅިގެން ދިރާސާ ކުރުމުގެ މަސައްކަތް ކުރުން ހިމެނޭ ކަމަށެވެ. އެންމެ އިސްކަމެއް ދީގެން ފަށާނީވެސް ދިރާސާގެ މަސައްކަތް ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން، އެ އެމްއޯޔޫގެ ދަށުން ދެ ޔުނިވާސިޓީ ގުޅިގެން ދަރިވަރުން އަދި ސްޓާފުންގެ އެގްސްޗޭންޖް ޕްރޮގްރާމު ހިންގާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެ އެކްސްޗޭންޖު ޕްރޮގްރާމުގެ ދަށުން އެވިޑްގެ ކިޔަވާ ކުދިންނަށް ވަކި މާއްދާތަކެއް ހަދަން ސުލްތާން ޝާރިފް އަލީ އިސްލާމިކް ޔުނިވާސިޓީއަށް، އަދި އެ ޔުނިވާސިޓީގެ ދަރިވަރުން އެވިޑަށް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.
އަދި އެ އެމްއޯޔޫގެ ދަށުން ޔުނިވާސިޓީގެ ޕްރޮފެސަރުން ކުރު މުއްދަތަކަށް އެވިޑް ކޮލެޖަށް ގެނެވޭނެ ކަމަށްވެސް އަލީ ރަޝީދު ވިދާޅުވި އެވެ. އަދި އެވިޑްގެ ސްޓާފުންނަށް އެ ޔުނިވާސިޓީއަށް ގޮސް ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން ދެ ފަރާތް ގުޅިގެން ޖޮއިންޓް އެކެޑެމިކް ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
އަލީ ރަޝީދު ވިދާޅުވި ގޮތުގައި މިއަދު އެމްއޯޔޫގައި ސޮއި ކުރުމާއެކު ދެ ފަރާތް ގުޅިގެން މަސައްކަތް ކުރުން ވަނީ ފެށިފަ އެވެ.