twitterviber whatsapp telegramfacebookyoutube instagram
25th April 2024

އެވިޑު ކޮލެޖުން ޔުނިވަސިޓީ އޮފް ވެސްޓް ލަންޑަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

Oct 26, 2022

އެވިޑު ކޮލެޖުން ޔުނިވަސިޓީ އޮފް ވެސްޓަން ލަންޑަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެވިޑު ކޮލެޖުގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޮލެޖުގެ ޗެއާމަން އަބްދުﷲ މުޝްތާގް ރަޝާދު އެވެ. ޔުނިވަސިޓި އޮފް ލަންޑަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކޮލެޖުގެ ވައިސް ޗާންސެލާ ޕްރޮފެސަރު ޕީޓާ ޖޯން އެވެ.

އެއްބަސްވުމުގައި ސޮއި ކުރައްވައި ވާހަކަ ދައްކަވަމުން މުޝްތާގު ވިދާޅުވީ މިއަދަކީ އެވިޑު ކޮލެޖަށްވެސް އަދި މުޅި ރާއްޖެއަށްވެސް ވަރަށް އުފާވެރި އަދި ވަރަށް ތާރީހީ ދުވަހެއް ކަމަށެވެ. އެގޮތުން ލަންޑަންގެ މި ޔުނިވަސިޓީއާއެކު މި ވެވުނު އެއްބަސްވުމުގެ ސަބަބުން އެވިޑު ކޮލެޖުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަނގަޅުކުރުމަށް މަސައްކަތް ކުރަން މުހިންމު ފުރުސަތެއް ލިބިގެންދާނެ ކަމަށެވެ.

މުޝްތާގު ވިދާޅުވީ މީގެ ކުރިންވެސް މި ޔުނިވަސިޓީ އާއެކު އެއްބަސްވުމެއްގައި ސޮއި ކުރި ނަމަވެސް މި ސޮއިކުރި އެއްބަސްވުމަކީ އިތުރު ގިނަ ކަންތައްތަކެއް ހިމެނޭ ގޮތަށް ސޮއިކުރެވިގެންދިޔަ އެއްބަސްވުމެއް ކަމަށެވެ. މީގެ ސަބަބުން ރާއްޖޭގެ އެހެނިހެން ދާއިރާތަކަށް މީހުން ތަމްރީނުކުރުމަށްޓަކައި އެވިޑު ކޮލެޖުން މި ޔުނިވަސިޓީއާއެކު ޝާމިލުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ޔުނިވަސިޓީ އޮފް ވެސްޓް ލަންޑަން އަކީ ލަންޑަން ޔުނިވަސިޓިގެ 2023ގައި ރޭންކު ކުރެވިފައިވާ ތަނެއް. މަޝްހޫރު ޔުނިވަސިޓީއަކާއެކީގައި އަޅުގަނޑުމެން މަސައްކަތް ކުރަން ލިބުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގަ އެވިޑު ކޮލެޖުން މިހާރު ކިޔަވަމުންދާ ދަރިވަރުންނަށްވެސް އެތަކެއް މައުލޫމާތުތަކެއް ފަހިވެގެންދާނެ މަސައްކަތެއް." އޭނާ ވިދާޅުވިއެވެ.

މުޝްތާގު ވިދާޅުވީ އެމްކިއުއޭ ގަބޫލުކުރާ އިތުރު ތިން ޕްރޮގުރާމެއް ފެށުމަށް އެވިޑު ކޮލެޖުން ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން މާސްޓާސްގެ ޕްރޮގުރާމަކާއި ބެޗްލާސްގެ ދެ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ފައިނޭންސާއި ބިޒްނަސް ދާއިރާއިން ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން ކައިރި މުސްތަގުބަލެއްގެ ތެރޭގައި ގާނޫނީ ދާއިރާ އާއި އެޑިއުކޭޝަން ދާއިރާ އަދި އޭވިއޭޝަން ދާއިރާއިންވެސް ތަފާތު ޕްރޮގުރާމުތަކެއް ކުރިއަށް ގެންދާނެ ކަމަށް މުޝްތާގު ވިދާޅުވިއެވެ. ރާއްޖޭގެ އެކި ހިސާބުތަކަށް އެވިޑު ކޮލެޖުގެ ހިދުމަތްތައް ފުޅާކުރެވިގެންދާ ދަނޑިވަޅެއްގައި، މިހާރުވެސް އެ ކޮލެޖުން ކުރާ މަސައްކަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ޔުނިވަސިޓީ އޮފް ވެސްޓް ލަންޑަންގެ އެއްބަސްވުމާއެކު ފަހި ފުރުސަތެއް ލިބިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ބޭރުގެ ފަރާތްތަކާ ގުޅުމުން އެ ފަރާތްތަކުން ކިޔަވައިދިނުމަށް ބޭނުންކުރާ އުކުޅުތައް ދަސްވެގެންދާނެ ކަމަށާއި މިކަމުގެ ސަބަބުން ގިނަ ފައިދާތަކެއް އެ ކޮލެޖުގައި ކިޔަވާ ދަރިވަރުންނަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެވިޑު ކޮލެޖުން އަބަދުވެސް ބޭނުންވަނީ މުޖުތަމައުއަށް ފެންވަރު ރަނގަޅު މީހުން ބިނާ ކުރުން ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔުނިވަސިޓި އޮފް ލަންޑަންގެ ވައިސް ޗާންސެލާ ޕްރޮފެސަރު ޕީޓާ ޖޯން ވިދާޅުވީ އެވިޑު ކޮލެޖާއެކު މިފަދަ އެއްބަސްވުމެއްގައި ސޮއި ކުރެވުނީތީ އުފާ ކުރައްވާ ކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ގާބިލު ދަރިވަރުން އުފެދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355