twitterviber whatsapp telegramfacebookyoutube instagram
18th April 2024

"ބަދަހި ހިރަފުސް 2020" ނަމުގައި ފުޓްބޯޅަ މުބާރާތެއް ފަށައިފި

Dec 15, 2020

ކުޅުދުއްފުށީ ހިރަފުސް ފުޓްބޯޅަ ޓީމުން އިންތިޒާމް ކޮށްގެން "ބަދަހި ހިރަފުސް 2020" ނަމުގައި ފުޓްބޯޅަ މުބާރާތެއް ހިރަފުސް ދަނޑުގައި ފަށައިފިއެވެ.

މިމުބާރާތަކީ އެދަނޑަށް ކުޅެންދާ ކުޅުންތެރިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި، ހިރަފުސް ޓީމުން އިންތިޒާމްކޮށް ކުރިއަށްގެންދާ މުބާރާތެއްކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.

ޖުމްލަ 5 ޓީމަށް ބަހާލައިގެން ކުރިއަށްގެންދާ މިމުބާރާތުގައި ކުޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ހިރަފުސް ދަނޑަށް ކުޅެންދާ ކުޅުންތެރިންނަށެވެ. މީގެ އިތުރުން ޓީމު ވަރުކުރުމަށް ކޮންމެ ޓީމަކަށް އިތުރު 2 ކުޅުންތެރިން ހޯދުމުގެ ފުރުސަތު ކޮންމެޓީމަކަށްވެސް ދީފައިވެއެވެ.

މިމުބާރާތުގައި ވާދަކުރާ ޓީމުތަކަކީ ސުކައުޓެން، މައި ޕެޓް، އެފް.ސީ ވިގަނި، ރެނދަން، އަދި ހުދަންބަރެވެ. މިއީ 11 އަސައިޑް މުބާރާތެކެވެ.

އިންތިޒާމްކުރާ ފަރާތުން މައުލޫމާތު ދެއްވާގޮތުގައި "ބަދަހި ހިރަފުސް 2020" މިމުބާރާތް ހާއްސަކުރެވިފައިވަނީ، ދިވެހިރާއްޖޭގެ ހީވާގި މަސްވެރިންނަށެވެ. މަސްވެރިންގެ ދުވަސްކަމުގައިވާ 10 ޑިސެންބަރު 2020 ގައި ފަށާފައިވާ މިމުބާރާތުގެ ފައިނަލްމެޗު ކުޅުމަށް ހަމަޖެހިފައިވަނީ 23 ޑިސެމްބަރު 2020 ގައެވެ. މުބާރާތުގެ ޝަރަފްވެރި މެހެމާނުންގެ ގޮތުގައި ފެނިގެންދަނީ ހީވާގި މަސްވެރިންވެރިންނެވެ.

މިމުބާރާތުގައި މިހާތަނަށް 4 މެޗު ކުޅެފައިވާއިރު ފުރަތަމަ މެޗުގައި ސުކައުޓެން އަދި މައި ޕެޓް ބައްދަލުކުރިމެޗު 5 ލަނޑު 3 ލަޑުން ކާމިޔާބުކުރީ މައި ޕެޓް އެވެ. ދެވަނަ މެޗުގައި އެފް.ސީ ވަގަނި ފަސޭހަކަމާއެކު ރެނދަންގެ މައްޗަށް 7 ލަނޑު 1 ލަނޑުން ކުރިހޯދިއެވެ.

ލަނޑުގޯންޏެއް ފެނިގެންދިޔަ 3 ވަނަމެޗުގައި ހުދަންބަރުގެ މައްޗަށް މައި ޕެޓުން ކުރިހޯދީ 10 ލަނޑު 1 ލަނޑުންނެވެ. އަދި 4 ވަނަ މެޗުގައި ބައްދަލުކުރީ ރެނދަން އަދި ސުކައުޓެން އެވެ. މިމެޗު 5 ލަނޑު 1 ލަނޑުން ކާމިޔާބު ކުރީ ސުކައުޓެން އެވެ.

ހިރަފުސް ފުޓްބޯޅަ ޓީމަކީ ޒުވާނުންގެ މެދުގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާ އަދި އިޖުތިމާއީ ގިނަހަރަކާތްކަތުގައި ބައިވެރިވަމުން އަންނަ ޓީމެއްކަން ފާހަގަކުރެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355