twitterviber whatsapp telegramfacebookyoutube instagram
17th April 2024

ގާނޫނީ ކޮލަމް: އާމްދަނީ ހޯދުމަށް ގޭގައި ކުރާ މަސައްކަތަށް ޓެކްސް ދައްކަންޖެހޭތަ؟

Dec 17, 2020
1

ގޭގައި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ، ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްގެން ކުރަންޖެހޭ މަސައްކަތެއްތޯއެވެ؟ އަދި އެފަދަ މަސައްކަތަށް ޓެކްސް ދައްކަން ޖެހޭނެތޯއެވެ؟ ޓެކުހަކީ ދެވޭ ޚިދުމަތެއް ނުވަތަ ކޮށްދެވޭ ކަމަކާއި ގުޅިގެން، ގަވަޢިދާ އެއްގޮތްވާ ގޮތުގެމަތިން ނަގާ އަގެއް، ފީއެއް ނުވަތަ ކުއްޔެއް ފިޔަވައި ދައުލަތަށް އާމްދަނީއެއް ހޯދުމުގެ ބޭނުމުގައި ފަރުދެއްގެ އަތުން، ޖަމާޢަތަކުން ނުވަތަ ޤާނޫނީ އެނޫންވެސް ޝަހުސަކުން ސަރުކާރަށް ނެގޭ ފައިސާއެވެ. އެހެންކަމަށްވާއިރު، ޓެކްސް ދައްކަންޖެހޭ ވިޔަފާރިތަކަކީ ކޮބާކަމާއި، ދައްކަންނުޖެހޭ ވިޔަފާރިތަކަކީ ކޮބާތޯ ބަލާލަމާތޯއެވެ.

ޓެކްސް ދައްކަންޖެހޭ ވިޔަފާރި

ކުންފުންޏެއް، ޕާރޓްނަޝިޕެއް، ކޯޕަރޭޓިވް ސޮސައިޓީއެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއަކަށްވިޔަސް، ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކުން ލިބޭ ފައިދާއިން ޓެކްސް ދައްކަން ޖެހޭނެއެވެ. އަދި ހަމައެހެންމެ، ރަޖިސްޓްރީކުރުން ލާޒިމް ކޮންމެ ވިޔަފާރިއަކުންވެސް، ޓެކްސް ދެއްކުމަކީ ލާޒިމުކަމެކެވެ. އެގޮތުން، އާމްދަނީ ހޯދުމުގެ ބޭނުމުގައި ކުރާ މުދާ ގަނެވިއްކުމުގެ މަސައްކަތާއި، ވިޔަފާރި އުސޫލުން ފައިދާއެއް ހޯދުމުގެ ނިޔަތުގައި ހިންގާ އުފެއްދުންތެރިކަމުގެ މަސައްކަތްތައް ނުވަތަ ފޯރުކޮށްދޭ ފަންނީ ޚިދުމަތްތަކުން ޓެކްސް ދައްކަން ޖެހޭނެއެވެ. މީގެއިތުރުން ނުއުފުލޭ މުދަލެއްގެ ވަކި ބައެއް ނުވަތަ ބައިތަކެއް ކުއްޔަށް ދޫކޮށްފައިވާނަމަ، އެ މުދަލަކުން ލިބޭ އާމްދަނީއިންވެސް ޓެކްސް ދައްކަން ޖެހޭނެއެވެ. މިސާލަކަށް، މަހު ކުއްޔަށް ދޫކޮށްފައިވާ ތަންތަނާއި، ގެސްޓް ހައުސްތަކުން ލިބޭ ފައިދާ ހިމެނިގެންދާނީ ނުއުފުލޭ މުދަލުން ނެގޭ ޓެކްސްގެ ގޮތުގައެވެ. އަދި 1000 އަކަފޫޓަށްވުރެ ބޮޑު ބިމެއްގައި ދަނޑުވެރިކަންކުރާނަމަ، އެވެސް ހިމެނިގެންދަނީ ރަޖިސްޓްރީ ކުރަންޖެހޭ ވިޔަފާރިއެއްގެ ގޮތުގައި ކަމުގައިވާތީ، އެކަމުން ލިބޭ އާމްދަނީއިންވެސް ޓެކްސް ދައްކަން ޖެހޭނެއެވެ.

ހަމައެހެންމެ، ވިޔަފާރީގެ އާމްދަނީއިންނާއި، އުފުލޭ މުދަލާއި ނުއުފުލޭ މުދާ ކުއްޔަށް ދޫކޮށްގެން ލިބޭ އާމްދަނީއިންނާއި، އިންޓަރެސްޓާއި އިކުއިޓީއާއި ޕެންޝަން އަދި ރިޓަރޔަމަންޓް ފައިދާއިންނާއި، ބެނެފިޝަރީންނަށް ލިބޭ އާމްދަނީއިންނާއި، ޓެކްނިކަލް ސާރވިސްއާއި ކޮމިޝަނާއި އަދި ރޮޔަލްޓީސްގެ ގޮތުގައި ލިބޭ ފައިދާއިންވެސް ޓެކްސް ނަގާނެއެވެ.

ޓެކްސް ދައްކަންނުޖެހޭ ވިޔަފާރި

ރަޖިސްޓްރީކުރަންޖެހޭ ވިޔަފާރިއެއްނަމަވެސް، ކުރާ ވިޔަފާރިއަކީ އަމިއްލަ ދިރިއުޅުމަށްޓަކާ އާމްދަނީ ހޯދުމުގެގޮތުން އަމިއްލައަށްކުރާ މަސައްކަތެއްނަމަ، އެމަސައްކަތެއް ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީކުރާކަށް ނުޖެހޭނެއެވެ. އެގޮތުން، އަމިއްލަ ގޭގައި ނުވަތަ އެއްތަނުން އަނެއްތަނަށްގޮސް މުދާ ވިއްކުން ނުވަތަ ފަންނީ ޚިދުމަތްތަކާއި އަދި އެނޫންވެސް އެހެން ޚިދުމަތެއް ދޭ ޙާލަތުގައި އެއީ ރަޖިސްޓަރ ކުރަންނުޖެހޭ ވިޔަފާރިއެއް ކަމަށްވާތީވެ، އެ ވިޔަފާރިން ޓެކްސް ދައްކާކަށް ނުޖެހޭނެއެވެ.

އެހެންނަމަވެސް، އެ ވިޔަފާރި ހިންގަނީ އެކަކަށްވުރެ ގިނަމީހުން ވަޒީފާގައި ގެންގުޅެގެން ކަމުގައިވާނަމަ ނުވަތަ އެކުރާ ވިޔަފާރި ހިންގަނީ މަސައްކަތްކުރާނެ ތަނެއް ޤާޢިމުކޮށްގެންނަމަ ނުވަތަ އިލެކްޓްރޯނިކް ޒަރީއާއިންނަމަ، ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީކޮށް ލިބޭ ފައިދާއިން ޓެކްސް ދައްކަންވާނެއެވެ. މިސާލަކަށް، އޮންލައިންކޮށް ނުވަތަ އިމްޕޯޓްކުރާ މުދާވިއްކުން ފަދަ ވިޔަފާރިތަކުގައި ޓެކްސް ދައްކަން ޖެހޭނެއެވެ.

ރަޖިސްޓްރީކުރުން

ޓެކްސް ދެއްކުމަށްޓަކައި، އެ ވިޔަފާރިއެއްގެ ނުވަތަ އެ ވިޔަފާރި ނިސްބަތްވާ ނުއުފުލޭ މުދަލެއްގެ ވެރިފަރާތުގެ ނަމުގައި މީރާގައި ރަޖިސްޓްރީ ކުރަންވާނެއެވެ. އެގޮތުން، ވިޔަފާރިކުރަން ފަށާތާ ނުވަތަ ވިޔަފާރި ރަޖިސްޓްރީކުރާތާ 60 ދުވަސް ތެރޭގައި މީރާގައި ރަޖިސްޓަރ ކުރަންވާނެއެވެ.

ނިންމުން

ރަޖިސްޓްރީ ކުރަންޖެހޭ ކޮންމެ ވިޔަފާރިއަކީ، ޓެކްސް ދައްކަންޖެހޭނެ ވިޔަފާރިއެކެވެ. އަދި ޓެކްސް ނުދެއްކުމަކީ ޤާނޫނީ ކުށަކަށްވާއިރު، ޓެކްސް ދައްކަންޖެހޭ ވިޔަފާރިއާއި ނުޖެހޭ ވިޔަފާރި ދެނެގަނެ، އެކަމަށް ހޭލުންތެރިވެ ތިބުމީ ފަހުން ދިމާވެދާނެ ގެއްލުމަކުން ސަލާމަތްވާނެ ކަމެކެވެ.

އާޓިކަލް ލިޔުނީ ޞަބްރިޔަތު ޙުސައިން

އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިންއަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355