އިނގިރޭސިވިލާތުން ފެނުނު ކޮރޯނާވައިރަސްގެ އާ ސްޓްރެއިނާ ގުޅިގެން އެ ގައުމުގައި ބަލި ކޮންޓްރޯލް ވުމެއްނެތި ފެތުރެމުން ދިއުމާއެކު، އެކަމުން ރާއްޖެއަށް އޮތް ނުރައްކާ ދެނެގަނެ ފިޔަވަޅުތައް ހަރުދަނާ ކުރަމުންދާކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ.
ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރުގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤު ވިދާޅުވީ، އިނގިރޭސިވިލާތުގައި ފެތުރެމުންދާ ވައިރަސްގެ މައުލޫމާތުތައް ރާއްޖެއިންވެސް ގާތުން ބަލަމުންދާ ކަމަށެވެ. އެގޮތުން މިހާރު ހުރި ފިޔަވަޅުތައް އިތުރަށް ތަންފީޒު ކުރުމާއި، ފިޔަވަޅުތައް ހަރުދަނާ ކުރުމުގެ މަސައްކަތްތައް ކުރަމުންދާކަން ނަޒްލާ ވިދާޅުވި އެވެ.
ނަޒްލާ ވިދާޅުވީ އާ ބާވަތެއްގެ ވައިރަސްއެއް ފެތުރެމުންދާކަމަށް ވާހަކަ ދެކެވޭ މި ދަނޑިވަޅުގައި މި ވައިރަސްއިން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކަށްވެސް ހާއްސަ ސަމާލުކަމެއް ދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ.
"މިކަމާއި ގުޅިގެން މިހާރު ހުރި ފިޔަވަޅުތައް އިމްޕްލިމެންޓޭޝަން ރަނގަޅުކުރުމާއި، އަދި ފިޔަވަޅުތަކަށް ސަމާލުކަންދީ އެކަންކަން ތަންފީޒުކުރެވޭ މިންވަރު އިތުރުކުރުމުގެ މަސައްކަތް ކުރިއަށްއެބަދޭ" ނަޒްލާ ވިދާޅުވިއެވެ.
އިނގިރޭސި ވިލާތުން ފެނިފައިވާ މިވައިރަހުގެ ބާވަތާގުޅޭ މައުލޫމާތު ޑަބްލިއުއެޗްއޯއިންވެސް ދީފައިވާކަން ފާޖަހަގަކުރައްވަމުން ނަޒްލާ ވިދާޅުވީ ޓެކްނިކަލް ޓީމުން އެކަމުގެ މަޝްވަރާތައް އިތުތުރަށް ކުރިއަށްގެންދާކަމަށެވެ.
އެހެންކަމުން މިފަދަ ކަންކަމާއި ގުޅިގެން ހާއްސަކޮށް ފަތުރުވެރިން އަންނަ ތަންތަނުގައި މިހާރުހުރި ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް ފަތުރުވެރިންނަށް ހިދުމަތްދިނުމުގައި ކަންކަން ގާތުންބަލައި މޮނިޓަރ ކުރުމަކީ މުހިއްމުކަމެއްކަމަށް ނަޒްލާ ވިދާޅުވިއެވެ.
އިނގިރޭސިވިލާތުން ފެނިފައިވާ ވައިރަސްގެ މި އައު ސްޓްރެއިން ވައިރަސްގެ އަސްލަށްވުރެ އަވަސް މިނުގައި ފެތުރެމުން އަންނަ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރެއެވެ. އެހެންނަމަވެސް ވައިރަސްއަށް މި އައި ބަދަލުގެ ނުރައްކާތެރިކަމުގެ މިންވަރު އަދި މިހާތަނަށް ހޯދިފައެއްނުވެއެވެ.
އިނގިރޭސިވިލާތުގައި މި އާ ސްޓްރެއިން ހަލުވިކަމާއެކު ފެތުރެމުންދާތީ ބައެއް ޤައުމުތަކުން މިހާރު ވަނީ އެ ޤައުމަށް ކުރާ ދަތުރުތައްވެސް ހުއްޓާލާފައެވެ. އެގޮތުން އިނގިރޭސިވިލާތަށް ކުރާ ދަތުރުތައް ހުއްޓާލި ޤައުމުތަކުގެ ތެރޭގައި ސައުދީއަރަބިއާ އަދި ނެދަރލޭންޑްސް ހިމެނެއެވެ.