ކޮވިޑްގެ އާ ބާވަތެއް ޔޫކޭއިން ފެނުމާގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ހަފްތާއެއްގެ މުއްދަތައް ސައުދީގެ ބޯޑަރު ބަންދުކޮށް އެއްގަމު މަގުންނާއި ވައިގެ މަގުން އެ ގައުމަށް ކުރާ ދަތުރުތައް ހުއްޓާލުމަށް ސައުދީގެ އިންޓީރިއާ މިނިސްޓްރީން ހަމަޖައްސައިފި ކަމަށް ސައުދީ ޕްރެސް އެޖެންސީން ބުނެފިއެވެ.
އިނގިރޭސިވިލާތުން ކޮވިޑްގެ އާ ބާވަތެއް ފެނުމާއެކު ކެނެޑާއިންނާއި ޔޫރަޕްގެ ގައުމުތަކުންވެސް ވަނީ އިނގިރޭސިވިލާތާ އެ ގައުމުތަކާ ދެމެދު ކުރެވޭ ވައިގެ ދަތުރުތައް ހުއްޓާލާފައެވެ.
ސައުދީ ސަރުކާރުން ބުނީ މި ނިންމުމާއި އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ މީހުންނަށް އުމްރާއަށް ހުޅުވާލާފައިވާ ފުރުސަތުވެސް މި މުއްދަތުގެ ތެރޭގައި ބަންދުވާނެކަމަށެވެ.
ސައުދީ ސަރުކާރުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅާއި އެކު އެގައުމަށް މިމަހުގެ 8 ވަނަދުވަހުގެ ފަހުން ޔޫރަޕުން އެތެރެވި އެންމެން ދެ ހަފްތާއަށް އެކަހެރިވެ ތިބުމަށް ވަނީ އަންގާފައެވެ. އަދި ކޮންމެ ފަސް ދުވަހަކު ކޮވިޑަށް ޓެސްޓްކުރުމަށްވެސް ވަނީ އަންގާފައެވެ. އަދި ކޮވިޑްގެ އައު ވައިރަސް ފެތުރޭ ހިސާބަކުން މީގެ ތިންމަސްކުރިން ސައުދީއަށް އެތެރެވި މީހުންވެސް ކޮވިޑަށް ޓެސްޓްކުރުމަށް ވަނީ އަންގާފައެވެ.
ސައުދީ ސަރުކާރުން ބުނެފައިވަނީ، ހަފްތާއެއްގެ މުއްދަތައް އެ ގައުމުގެ ބޯޑަރު ބަންދު ކުރުމަށް ނިންމި ނިންމުން ހާލަތައް ބަލައި އިތުރު ކުރަން ޖެހުމަކީވެސް އެކަށީގެންވާ ކަމެއް ކަމުގައެވެ.
އެ ގައުމުގެ ބޯޑަރު ބަންދު ކުރި އިރު ކޮވިޑް ކޮންޓްރޯލް ކުރުމަށް ސައުދީ އަރަބިއްޔާގައި ވެކްސިން ދިނުމުގެ ޕްރޮގުރާމް މިމަހު ވަނީ ފަށާފަ އެވެ.