ކޮވިޑް-19ގެ ހާލަތުގައި ހާއްސަ ހުއްދައިގެ ދަށުން ކުރުމުއްދަތަށް އަތޮޅު ތެރެއަށް ދިއުމުގެ ހުއްދަ ދޫކުރާ އުސޫލުގައި ސިޔާސީ ހަރަކާތްތައް ހިންގުމަށް ނުދެވޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން އިއްޔެ އާންމުކުރި "ކޮވިޑް19ގެ ހާލަތާ ގުޅިގެން އާންމު ހިދުމަތްތައް ފޯރުކޮށްދިނުމަށް އެއްރަށުން އަނެއްރަށަށް ދަތުރުކުރުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު"ގައި ބުނާގޮތުން ހަތް ހާލަތެއްގައި ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ރަށްރަށަށް ދެވޭނެ އެވެ.
އެޗްޕީއޭއިން ބުނީ ކޮވިޑް-19 ގެ ކޮމިޔުނިޓީ ސްޕްރެޑް އޮތް ރަށަކުން އެހެން ރަށަކަށް ގޮސް އެރަށުގައި ކޮންމެހެން ދޭންޖެހޭ ހިދުމަތްތަކާއި (ޔުޓިލިޓީސް، ބޭންކުގެ ޚިދުމަތްފަދަ) އެކިއެކި މަޝްރޫއުތަކުގެ މަސައްކަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ބޭނުންވާ ކަމަށެވެ.
އެ ގޮތުން ހިދުމަތް ދިނުމަށް ފަސް ދުވަހަށް ވުރެން ގިނަ ނުވާ ގޮތަށް ރަށްރަށަށް ދަތުރު ކުރެވޭނެ ހަތް ހާލަތުގެ ތެރޭގައި ހިމެނެނީ ކޭބަލް އަދި މީޑިއާ ނެޓްވޯކްގެ ހިދުމަތް ދިނުމަށް، ބޭންކްގެ ހިދުމަތައް، ވޯޓާ ސަޕްލައި، ކަރަންޓުފަދަ ޔުޓިލިޓީ ހިދުމަތްތައް، ސިއްހީ ހިދުމަތްދޭ ތަންތަނުގެ ކަންތައްތައް ބެލުމާއި ވަގުތީ ގޮތުން ދޭންޖެހޭ ހިދުމަތްތައް، މެއިންޓެނަންސް މަސައްކަތްތައް، ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން ރަށްރަށުގައި ހިންގާ އެކިއެކި މަޝްރޫއާގުޅޭ މަސައްކަތްތައް އަދި މި ނޫންވެސް އާންމު ހިދުމަތްތަކާގުޅޭ އެހެނިހެން މަސައްކަތްތައް ހިމެނެ އެވެ.
އެޗްޕީއޭ އިން އާންމުކުރި އުސޫލުގައި، ސިޔާސީ ހަރަކާތްތައް ހިންގުމަށް ރަށްރަށަށް ދެވިދާނެ ކަމަށް ބުނެފައެއް ނުވެ އެވެ.
މި ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކަރަންޓީނުވުމުކާ ނުލާ މިފަދަ މަސައްކަތްކުރާ ފަރާތްތަކަށް ފަސް ދުވަހަށްވުރެ
ގިނަ ނޫން މުއްދަތަކަށް ރަށްރަށަށް ދާނަމަ އެޗްޕީއޭގެ ހުއްދަ ބޭނުންވާނެ އެވެ.
އެޗްޕީއޭއިން ބުނީ ކައުންސިލުގެ ޒިންމާ އާންމު ޚިދުމަތްތަކާއި މުހިންމު މަސައްކަތްތައް ކުރުމަށް މާލެއިން ރަށްރަށަށްދާ ފަރާތްތަކަށް މަސައްކަތްތައް ކުރުމަށް މަގުފަހިކޮށްދޭން ޖެހޭ ކަމަށެވެ. އަދި އުސޫލާ ހިލާފު ވާ ފަރާތްތަކާމެދު މޯލްޑިވްސް ޕޮލިސް ސާވިސަސް އާއި ގުޅިގެން ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.