twitterviber whatsapp telegramfacebookyoutube instagram
19th May 2024

މިފްކޯއިން މިހާތަނަށް 845 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވޭ

Dec 26, 2020

މިއަހަރުގެ މިހާތަނަށް މިފްކޯ މެދުވެރިކޮށް މަސްވެރިންނަށް 845 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއެއްގައި އިސްމާއިލް ވިދާޅުވީ މަސް ގަންނަ ކުންފުނިތަކުގެ ތެރެއިން މިހާރުވެސް މަސްވެރިންނަށް އެންމެ ރަނގަޅު އަގެއް މަސްވެރިންނަށް ދެމުންއަންނަނީ މިފްކޯއިންކަމަށާއި ކޮވިޑާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދު އަޑިއަޅާލާފައިވާ ދުވަސްވަރެއްގައި ވެސް މަންފާ އިތުރުކުރުމަށް މިފްކޯއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.

އިސްމާއިލް ވިދާޅުވީ، މިއަހަރުގެ މިހާތަނަށް މަސްވެރިންގެ އަތުން 47000 ޓަނުގެ މަސްގަނެ 845 މިލިއަން ރުފިޔާ މިފްކޯއިން މަސްވެރިންނަށް ދޫކޮށްފައިވާކަމަށެވެ.

މަސްވެރިންގެ އަތުން މިފްކޯއިން މަސް ގަންނަމުންދަނީ އެއިރެއްގައި ދުނިޔޭގެ ބާޒާރުގައި އަގުތައް ހުންނަ ގޮތަށް ބެލުމަށްފަހުގައެވެ. މިހާރު މިފްކޯއިން މަސްގަންނަމުން ދަނީ މަސް ކިލޯއެއް 16 ރުފިޔާއަށެވެ.

މިފްކޯގެ މިވަގުތުގައި ހުރި ކެޕޭސިޓީއަށް ބެލުމަށްފަހު މަސްވެރިންނަށް އައިސް ދެމުންއަންނަކަމަށާއި އަންނަ އަހަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސް ޕްލާންޓްތައް ގާއިމްވެގެންދިއުމުގެ ސަބަބުން މަސްވެރިންގެ މި ކަންބޮޑުވުމަށްވެސް ހައްލު ލިބިގެންދާނެކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯއަށް މި ހިސާބަށް އާދެވުނީ ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެކުގައިކަން ފާހަގަކުރައްވައި އިސްމާއިލް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އަމާޒަކީ މިފްކޯ އަމިއްލަ ފައިމައްޗަށް ތެދުވެ ޒުވާން މަސްވެރިން ބޭނުންވާ ކަހަލަ ކުންފުންޏަކަށް ހެދުންކަމަށެވެ.

މިފްކޯއަކީ އެސްޓީއޯގެ 99.99 އިންސައްތަ ހިއްސާ އާއި އެސްޓީއޯގެ ސަބްސިޑަރީއެއް ކަމަށްވާ އެލައިޑް އިންޝުއަރެންސްގެ 0.01 އިންސައްތަ ހިއްސާވާ ކުންފުންޏެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355