ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ ކަނޑުމަހުން ނަގާ ޓެކްސް ކަނޑާލަން އިނގިރޭސި ވިލާތުން ނިންމައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް މިދިޔަ އަހަރު ކުރެއްވި ރަސްމީ ދަތުރުފުޅުގަ ވަނީ ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގަމުންއައި ޑިއުޓީ ކަނޑާލުމަށް ބާރުއަޅުއްވައި މަޝްވަރާތައް ބާއްވަވައިފަ އެވެ.
Great news for British shoppers and Maldivian fishermen. The UK is suspending tariffs on tuna, helping bring prices down in the UK while opening better market access for Maldivian tuna. A win for affordability and sustainable tuna, caught one fish at a time. 🎣🐟… pic.twitter.com/0rX1nbJaSC
— Nick Low (@NickDLow) May 20, 2026
އިނިގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރާއްޖޭގެ ކަނޑުމަހުން ނަގާ ޓެކްސް ކަނޑާލަން ނިންމިކަން ހާމަކުރައްވައިފަ އެވެ. އަދި އޭގެ ސަބަބުން އިނގިރޭސިވިލާތުގެ މީހުންނަށް ކުރިއަށް ވުރެ ހެޔޮ އަގުގައި މަސް ލިބޭނެކަން ވެސް ހައިކޮމިޝަނަރު ފާހަގަކުރެއްވި އެވެ.
އެ ނިންމުމަށް މަރުހަބާ ދަންނަވައި ރައީސް މުއިއްޒު އެކްސްގައި ވިދާޅުވީ ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގާ ޓެރިފް ކަނޑާލުމަކީ ދިވެހި މަހުގެ ބާވަތްތަކަށް އިނގިރޭސިވިލާތުގެ ބާޒާރުގައި ފުރުސަތުތައް ފަހިވެގެންދާނެ ކަމެއް ކަމަށެވެ. އަދި މި މުހިންމު ނިންމުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ކޮންސިއުމަރުންނަށް ލުއިތަކެއް ލިބިގެންދާނެ ކަމަށާއި މިއީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށްވެސް ބޮޑެތި ފައިދާތަކެއް ކުރާނެ ނިންމުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން މި ނިންމުމުގެ ސަބަބުން މަސްވެރިންގެ އާމްދަނީ ބޮޑުވެ، ރަށްފުށުގެ ދިރިއުޅުމުގެ ފެންވަރު މަތިވެ، ދެމެހެއްޓެނިވި ގޮތެއްގައި ބާނާ ދިވެހި ކަނޑުމަހަށް އިނގިރޭސި ބާޒާރުގައި އޮތް ފުރުސަތުތައް އިތުރަށް ފުޅާވެގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އިނގިރޭސިވިލާތަށް އެތެރެކުރާ ކަނޑުމަހުގެ އުފެއްދުންތަކުން ނަގަމުންދިޔަ 20 އިންސައްތައިގެ އިމްޕޯޓް ޓެރިފް، ކަނޑާލުމަށް އެ ޤައުމުގެ ސަރުކާރުން ނިންމައިފި.
— Min of Fisheries, Agriculture and Ocean Resources (@MFAORmv) May 20, 2026
ދިވެހިރާއްޖެއިން އަހަރަކު ގާތްގަނޑަކަށް 16.7 އާއި 18 މިލިއަން ޕައުންޑާ ދެމެދުގެ އަދަދަކަށް އިނގިރޭސިވިލާތަށް ކަނޑު މަސް… pic.twitter.com/YnKedcbBlD
ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ، ދެމެހެއްޓެނިވި އަދި ޒިންމާދާރު ގޮތުގައި ދޮށީގެ މަސްވެރިކަން ކުރާ ގައުމެކެވެ. އަދި ޓެރިފް ކަނޑާލުމަށް އިނގިރޭސިވިލާތުން މި ނިންމި ނިންމުމަކީ ދެމެހެއްޓެނިވި ވިޔަފާރިއާއި އިގުތިސާދީ ވިލުންތެރިކަމަށް ދެ ގައުމު ގުޅިގެން ކުރާ މަސައްކަތްތަކަށް ދަލީލުކޮށްދޭ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.




