twitterviber whatsapp telegramfacebookyoutube instagram
19th April 2024

މޯލްޑިވް ގޭހުން ކޭއާރުއެޗުގައި އޮކްސިޖަން ޕްލާންޓެއް ބަހައްޓައިފި

އަބްދުލް ވާހިދު ޙަސަން
Dec 28, 2020

އުތުރުގެ މައި ހޮސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މޯލްޑިވް ގޭހުން އޮކްސިޖަން ޕްލާންޓެއް ބަހައްޓާ މިއަދު ހިދުމަތް ދޭން ފަށައިފި އެވެ.

ކޭއާރުއެޗުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްލާންޓް ހުޅުވައިދެއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބުދުލް ލަތީފެވެ.

މިއީ އަތޮޅުތެރޭގައި ގާއިމުކުރެވުނު ފުރަތަމަ މެޑިކަލް ގޭސް ޕްލާންޓްކަން ފާހަގަކުރައްވަމުން މޯލްޑިވް ގޭހުގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރު އަލީ އިކްރާމް ވިދާޅުވީ، މި ހިދުމަތް ޑީސެންޓްރަލައިޒް ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ނިންމެވީ ކޮވިޑްގެ ހާލަތުގައި މާލެއިން އަތޮޅުތަކަށް ތަކެތި ސަޕްލައި ކުރުމަށް ކުރިމަތިވި ދަތިތަކާހެދި، މިހިދުމަތަކީ ކޮންމެހެންވެސް ސަރަހައްދީ ބޮޑެތި ހޮސްޕިޓަލްތަކުން ލިބެން ހުންނަ ޖެހޭނެ ހިދުމަތަކަށްވާތީ ކަމަށެވެ.

މިއީ ކުރިންވެސް ގާއިމުކުރެވިފައި ހުންނަ ޖެހޭނެ ހިދުމަތްތަކެއް ނަމަވެސް އޭރު މިދުމަތް ހުރީ ހަމައެކަނި މާލެ ސަރަހައްދުކަމަށާއި އޭރު ކުރަން ޖެހިފައި ހުރި ކަންކަން ވިޔަސް އޭރު ނުކުރެވިފައިވާ މިކަމަށް އިސްކަން ނުދެވުމުން ކަމަށެވެ. އިކްރާމް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ މިހިދުމަތް ޑީސެންޓްރަލައިޒްކޮށް ބޮޑެތި ސަރަހައްދުތަކަށް ފުޅާކުރުން ކަމަށެވެ. އެގޮތުން ދެކުނުގައި އައްޑޫ ސިޓީގައި އާއި ލ އަދި ގދ ތިނަދޫގައި މި ހިދުމަތް ފަށާނެކަމަށް ވިދާޅުވި އެވެ.

ހަރަދަށް ބެލިކަމުގައިވިޔަސް މިއީ ވަރަށް ބޮޑުކުރިއެރުމެއް ކުރިއެރުމެއްކަން ފާހަގަކުރައްވަމުން އިކްރާމް ވިދާޅުވީ ތިލަފުށިން 700 ރުފިޔާއަށް ވިއްކާ ގޭސް ސިލިންޑަރު ކުޅުދުއްފުއްޓާ ހަމައަށް ގެންނެވޭއިރު 2000 އެއްހާ ރުފިޔާ ހަރަދުވާނެކަމަށެވެ. އެހެންނަމަވެސް މިއަދު ހުޅުވިގެން މިދިޔަ ގޭސް ޕްލާންޓްގެ ސަބަބުން އެހަރަދުތައް އެކޮށް ހުއްޓިގެންދާނެކަން ފާހަގަކުރެއްވި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ގޯތިތެރޭގައި ހުޅުވި މި ގޭސް ޕްލާންޓުން އުތުރުގެ ތިން އަތޮޅަށް ބޭނުންވާ އޮކްސިޖަން އުފެއްދޭނެ އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާއޫދު (ޑޭވިޑް) ވިދާޅުވީ، ހޮސްޕިޓަލްގެ މައިގަނޑު އެއް އަމާޒަކީ ރައްޔިތުންނާ އެންމެ ގާތުން ހިދުމަތް ދިނުން ކަމަށެވެ. މިސަރުކާރުގައި ހޮސްޕިޓަލަށް އަންނަމުންދާ ކުރިއެރުންތަކަށް އަލިއަޅުވާލައްވަމުން ވިދާޅުވީ މިއީ މިއަހަރު ނިމުމުގެ ކުރިން ހޮސްޕިޓަލްގެ ކުރިއެރުމަށް އިތުރުވި އާ ބޮޅެއްކަމަށެވެ.

ޑޭވިޑް ވިދާޅުވީ މިއަދު ހުޅުވިގެން މިދިޔަ މި ޕްލާންޓްގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ޑޭވިޑް އެންމެ ބޮޑަށް ފާހަގަކުރެއްވީ، އޮކްސިޖަންގެ ކޮލިޓީ ރަނގަޅުވުމެވެ.

"ތިލަފުށިން ކުޅުދުއްފުއްޓަށް {އޮކްސިޖަން} ގެންނައިރު އެމްއެފްޑީއޭ ކަނޑައަޅާ އެންމެ މަތީ ސްޓޭންޑެޑްގައި ހަގީގަތުގައި ނުއެއް ގެނެވޭ. އެހެންކަމުން މިއަދު ހުޅުވުނު މި ޕްލާންޓާއެކުގައި އެމްއެފްޑީއޭ ކަނޑައަޅާ އެންމެ މަތީ ސްޓޭންޑެޑްގަ، ޕިއުރިޓީ ލެވެލް އެންމެ މައްޗަށް ރީޗްވާގޮތުގައި ރައްޔިތުންނަށް އޮކްސިޖަން ފޯރުކޮށްދޭން ފެށިގެންދާނެ." ޑޭވިޑް ވިދާޅުވި އެވެ.

މިކަމުގެ ސަބަބުން ރައްޔިތުންނަށް އެތަކެއް ގޮތުގައި ސިއްހީ ފައިދާ ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

ޑޭވިޑް ވިދާޅުވީ ބަލި މީހުންނަށް އޮކްސިޖަން ނުދެވި ހުސްވެދާނެތީ ބިރުން އުޅެން ޖެހޭ ހާލަތުވެސް މަދުން ނަމަވެސް ކުރިމަތިވެފަ ހުރިކަމަށާ ނަމަވެސް މިއަދު ހުޅުވިގެން މިދިޔަ އޮކްސިޖަން ޕްލާންޓާއެކު ބޮޑު ހިތްހަމަޖެހުމެއް ލިބިގެންގޮސްފައިވާކަމަށެވެ.


ސިއްހީ ހިދުމަތްތަށް ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރައްވައި އޭނާ ވަނީ ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހަށާއި ހެލްތް މިނިސްޓަރަށް އަދި ނައިބު ރައީސް ފައިސަލް ނަސީމަށާއި ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމަށް ޝުކުރުއަދާކުރައްވާފަ އެވެ. އަދި މަޖިލިސް މެމްބަރުގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކުރައްވައި އެ ފަރާތްތަކަށްވެސް ޑޭވިޑް ޝުކުރު އަދާކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި ކުޅުދުއްފުށީގެ މުވައްސަސާތަކުގެ ވެރިންނާއި ވެމްކޯ އަދި ހޮސްޕިޓަލްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355