ރާއްޖޭގައި ކޮވިޑް-19 ކުރިމަތިވެގެން އައިއިރު މޯލްޑިވް ގޭހުގެ އޮކްސިޖަން ސްޓޯރޭޖަކީ ގާތްގަނޑަކަށް މިލިއަނެއްހާ ލީޓަރު ނަމަވެސް މިއަދު އެ އަދަދު އެތަށް ގުނައެއް އިތުރުކޮށްފައިވާކަމަށް މޯލްޑިވް ގޭހުގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރު އަލީ އިކްރާމް ވިދާޅުވެއްޖެ އެވެ.
އިކްރާމް މިހެން ވިދާޅުވީ، އެ ކުންފުނިން އަތޮޅުތެރޭގައި ގާއިމުކުރި ފުރަތަމަ މެޑިކަލް އޮކްސިޖަން ޕްލާންޓް ހުޅުވުމަށް ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އިކްރާމް ވިދާޅުވީ، އޮކްސިޖަންގެ މުހިންމުކަން އެންމެ ބޮޑަށް އެންގުނީ ކޮވިޑާ ހެދި ކަމަށާ ކޮވިޑް-19 ގެ ސަބަބުން ކުރިން ނޭނގޭ ބައިވަރު އެތަކެއްކަމެއް ދަސްވި ކަމަށެވެ.
ކޮވިޑް-19 ގެ ފެށިގެން އައިއިރު އޮކްސިޖަންގެ ސްޓޯރޭޖަކީ ގާތްގަނޑަށް މިލިއަނެއްހާ ލީޓަރު ވިޔަސް މިއަދު އެ އަދަދު އެތައް ގުނައެއް އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން އިކްރާމް ވިދާޅުވީ، މިއަދު އޮކްސިޖަންގެ ސްޓޯރޭޖަކީ 77 މިލިއަން ލީޓަރު ކަމަށެވެ. އެ ހާލަތަށް ގެނައީ ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހްކަމަށް އޭނާ ވިދާޅުވި އެވެ.
އަދި ކުރީގެ ހެލްތް މިނިސްޓަރު އަމީނާއި އެޗްއީއޯސީގެ މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކުގެ ބުރަ މަސައްކަތުން ކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.
މިއީ އަތޮޅުތެރޭގައި ގާއިމުކުރެވުނު ފުރަތަމަ މެޑިކަލް ގޭސް ޕްލާންޓްކަން ފާހަގަކުރައްވަމުން މޯލްޑިވް ގޭހުގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރު އަލީ އިކްރާމް ވިދާޅުވީ، މި ހިދުމަތް ޑީސެންޓްރަލައިޒް ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ނިންމެވީ ކޮވިޑްގެ ހާލަތުގައި މާލެއިން އަތޮޅުތަކަށް ތަކެތި ސަޕްލައި ކުރުމަށް ކުރިމަތިވި ދަތިތަކާހެދި، މިހިދުމަތަކީ ކޮންމެހެންވެސް ސަރަހައްދީ ބޮޑެތި ހޮސްޕިޓަލްތަކުން ލިބެން ހުންނަ ޖެހޭނެ ހިދުމަތަކަށްވާތީ ކަމަށެވެ.
މިއީ ކުރިންވެސް ގާއިމުކުރެވިފައި ހުންނަ ޖެހޭނެ ހިދުމަތްތަކެއް ނަމަވެސް އޭރު މިދުމަތް ހުރީ ހަމައެކަނި މާލެ ސަރަހައްދުކަމަށާއި އޭރު ކުރަން ޖެހިފައި ހުރި ކަންކަން ވިޔަސް އޭރު ނުކުރެވިފައިވާ މިކަމަށް އިސްކަން ނުދެވުމުން ކަމަށެވެ. އިކްރާމް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ މިހިދުމަތް ޑީސެންޓްރަލައިޒްކޮށް ބޮޑެތި ސަރަހައްދުތަކަށް ފުޅާކުރުން ކަމަށެވެ. އެގޮތުން ދެކުނުގައި އައްޑޫ ސިޓީގައި އާއި ލ އަދި ގދ ތިނަދޫގައި މި ހިދުމަތް ފަށާނެކަމަށް ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި ބެހެއްޓި އޮކްސިޖަން ޕްލާންޓުން އުތުރުގެ ތިން އަތޮޅުގެ ހޮސްޕިޓަލުތަކަށާއި ސިއްހީ މަރުކަޒުތަކަށް ފޯރުކޮށްދޭނެ އެވެ.