އެއް ފަހަރު ބޭނުން ކޮށް އުކާލާ ޒާތުގެ ޕުލާސްޓިކު މަރުހަލާތަކަކަށް ބަހާލައިގެން ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމާއި ބޭނުން ކުރުން މަނާކުރާ ގޮތަށް އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވާފައިވާއިރު، އަންނަ އަހަރުން ފެށިގެން މަނާ ކުރާ 12 ބާވަތެއް އާއްމު ކޮށްފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށާއި ވިޔަފާރިތަކަށް އަސަރު ކޮށްފައިވާއިރު އަންނަ އަހަރު ޕްލާސްޓިކްގެ ގިނަ ބާވަތްތައް އެއްފަހަރާ އެތެރެ ކުރުން މަނާ ކުރުމުގެ ބަދަލުގައި، އެކި މަރުހަލާތަކަށް ބަހާލައިގެން އެކި މުއްދަތުތަކުގައި ސިންގަލް-ޔޫސް ޕްލާސްޓިކް މަނާ ކުރުމުގެ ފުރުސަތު ދިނުމަށް، މަޖިލީހުން ވަނީ މިމަހު އިތުރު އިސްލާހެއް ގެންނަން ފާސްކޮށްފައި އެވެ.
ރައީސްގެ ގަރާރަކުން ރާއްޖެއަށް އެތެރެކުރުން މަނާވާ، އެއް ފަހަރު ބޭނުން ކޮށް އުކާލާ ޒާތުގެ ޕުލާސްޓިކުގެ 12 ބާވަތެއް ވަނީ ހިމަނާފަ އެވެ.
އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން މަނާވާ ޕްލާސްޓިކްގެ ތެރޭގައި ހިމެނެނީ ދިޔާތަކެތި ބޯން ބޭނުންކުރާ ޕްލާސްޓިކް ހޮޅި، ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު، ބާޒާރުކުރުމަށް ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު، ޕްލާސްޓިކްގައި ބަންދުކޮށްފައި އިމްޕޯޓްކުރާ ސުޕާރީ، 250 އެމްއެލްއަށް ވުރެ ކުޑަ ސިންގަލް ޔޫސް ކޮފީ ތަށި، ޕްލާސްޓިކް ދަނޑިކޮޅު ލާފައިހުންނަ ކަފަބުރު، 50 އެމް އެލްއަށް ވުރެން ކުދި ސޭމްޕޫ އަދި ސައިބޯނި ފުޅި، ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށް ވުރެ ކުދި ޕެޓު ފުޅި (ފެނާއި ލުއި ބުއިން ހިމެނޭ ގޮތަށް) މި އެވެ.
އެ ލިސްޓުގައި 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރުން މަނާކުރެވޭ ޕްލާސްޓިކްގެ ބާވަތްތައް ވެސް ހިމަނައިފަ އެވެ.
މިގޮތުން، 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯނަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅުގެ އިތުރުން، 50 މިލިލީޓަރާއި 200 މިލިލީޓަރާ ހަމައަށް ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި ހިމެނެ އެވެ.
މީގެ އިތުރުން، 2023 ވަނަ ޑިސެމްބަރު މަހުން ފެށިގެން ރާއްޖެއަށް އިމްޕޯޓުކުރާ އެއް ލީޓަރާއި އެއަށް ވުރެ ކުދި ޕެޓު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ވެސް އެތެރެކުރުން މަނާވާނެ އެވެ.
އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމާއި އަދި ބޭނުންކުރުން 2023 ގެ ނިޔަލަށް ހުއްޓާލުމަށްޓަކައި އެންވަޔަރަންމަންޓް މިނިސްޓްރީ ވަނީ "ސިންގަލް ޔޫޒް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން" އެއް އެކުލަވާލާފައެވެ. މީގެ އިތުރުން ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ)ގެ "ޖަޒީރާ ދިރިއުޅުން" ބައިގެ "ކުންޏަކީ ވަސީލަތަކަށް ހެދުން" މި ދާއިރާގެ ދަށުން އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު މަދުކުރުމުގައި އަމަލުކުރާނެ ސިޔާސަތުތައް ވަނީ ކަނޑައަޅާފައެވެ.