twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކޮވިޑްގެ އާ ބާވަތް ރާއްޖެއަށް އައުމުގެ ފުރުސަތު ބޮޑު

ނަބީލާ އިސްމާޢީލް
Dec 31, 2020

ޔޫކޭގައި ފެތުރިގެންފައިވާ ކޮވިޑްގެ އާވައްތަރު "ޔޫކޯ ކޮވިޑް" ރާއްޖެއަށް އައުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށާ ހާލަތު ގޯސްވުމުގެ ފުރުސަތު ނުދިނުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި ގަދައަށް ހިފެހެއްޓުން މުހިންމު ކަމަށް ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެ އެވެ.

ރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ "ޔޫކޭ ކޮވިޑް" އާ ގުޅިގެން އިނގިރޭސިވިލާތުގައި ނުރައްކާތެރިކަން ބޮޑުވެ އެތަށް ބަޔަކަށް ބަލި ޖެހިފައިވާ ކަމަށެވެ. އަދި އެ ގައުމުގެ ހޮސްޕިޓަލްތައް ފުރިފައިވާ ކަމަށް ވިދާޅުވިއެވެ. އައު ވައިރަސް ރާއްޖެ އައުމުގެ ފުރުސަތުވެސް ވަރަށް ބޮޑުކަން ފާހަގަކުރައްވާ ނަޒްލާ ވިދާޅުވީ މިހާތަނަށް 21 ގައުމަކުން އައު ވޭރިއަންޓް ފެނިފައިވާ ކަމަށެވެ.

މީގެ ތެރޭގައި ގިނައީ އިނގިރޭސި ވިލާތަށް ދަތުރުކުރި މީހުން ހިމެނޭ ގައުމުތައްނަމަވެސް އެއްވެސް ދަތުރަކާ ގުޅުމެއްނެތް އެމެރިކާ މީހަކުވެސް އައު ބާވަތަށް ޕޮޒިޓިވްވެފައިވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް-19ގެ އާ ވެރިއަންޓް ގައިން ގަޔަށް ފެތުރުމުގެ ދުވެލި 70 ޕަސަންޓް އިތުރު ކަމަށް ސިއްހީ މާހިރުން ވަނީ ފާހަގަ ކޮށްފަ އެވެ. މި ބަލީގެ ވޭރިއަންޓް ކޮންޓްރޯލް ނުވާ މިންވަރަށް ފެތުރެމުންދާ ކަމަށް އެ ގައުމުގެ ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް ވެސް ވިދާޅުވެފައިވެއެވެ.

ރާއްޖެއާ އެންމެ ގާތުން އިންޑިއާއާއި ޕާކިސްތާނާއި ސިންގަޕޫރު ފަދަ ޤައުމުތަކުން ކޯވިޑް-19ގެ އައު ބާވަތް ފެނިފައިވާކަމަށާއި، މިބައްޔާގުޅޭގޮތުން ޓެސްޓްތަކާއި އިތުރުކަންކަން ބެލިވަރަކުން އިތުރު ތަންތަނުން ފެނުމުގެ ފުރުސަތު އޮތްކަން ޑރ.ނަޒްލާ މުސްތަފާ ފާހަގަކުރެއްވިއެވެ.

ނަޒްލާ ވިދާޅުވީ ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް އިތުުރުވެއްޖެނަމަ އިތުރު އެތައް މައްސަލަތަކެއް ކުރިމަތިވާނެ ކަމަށެވެ. އެގޮތުން ނޮން-ކޮވިޑް ބަލިތަކަށް ފަރުވާ ދިނުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާކަން ފާހަގަ ކުރެއްވިއެވެ. ނަޒްލާ ވަނީ ވެކްސިން ލިބި އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދެވެންދެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

އިނގިރޭސިވިލާތުން އަލަށް ފެނިގެން އުޅޭ ކޮވިޑްގެ އާ ވައްތަރާއި ގުޅިގެން ރިސްކް އެސެސްމަންޓެއް ވަނީ ހަދާފައެވެ. އަދި ރާއްޖެއިން ބައެއް ސާމްޕަލްތައް ބޭރަށް ފޮނުވާ ޖީންސް ސީކުއެންސީން ވަނީ ހަދާފައެވެ.

ކޮވިޑް-19 އަށް ވެކްސިނެއް ހޯދާ ބައެއް ގައުމުތަކުގައި ވެކްސިން ޖަހަމުންދާއިރު ރާއްޖެއަށް ވެކްސިން ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ވެކްސިން ގެނައުމަށްފަހު އެންމެ ފުރަތަމަ ވެކްސިން ދޭނީ ހެލްތް ކެއާ ވޯކަރުންނަށެވެ. އޭގެ ފަހުން ހައިރިސްކު މީހުންނަށާއި އުމުރުން 50 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ވަނީ ނިންމާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355