twitterviber whatsapp telegramfacebookyoutube instagram
19th April 2024

ޤާނޫނީ ކޮލަމް: ކުށެއްގެ ތުހުމަތުގައި ބަންދުކުރީތޯއެވެ؟

Dec 31, 2020

ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުކުރެވޭ ކޮންމެ މީހަކީވެސް، އެހެން މީހުންނެކޭ އެއްފަދައިން ޙައްޤުތަކެއް ލިބިގެންވާ ބައެކެވެ. އަދި އެ ބަޔަކާމެދު ޢަމަލުކުރުމުގައި ވަކި އުސޫލުތަކާއި ޙައްޤުތަކެއް ކަނޑައެޅިފައި އޮތުމަކީ ލާޒިމްކަމެކެވެ. ކޮންމެކަމަކީވެސް ކަނޑައެޅިފައިވާ ޤާނޫނާއި، ޤަވައިދާ އަދި އިޖުރާޢަތްތަކުގެ ޙުދޫދުގެ ތެރެއިން ކުރެވެން ވާނެކަންކަމެވެ.

އެހެންކަމުން، ކުށެއްގެ ތުޙުމަތުގައި ބަންދުކުރެވޭ ފަރާތަކަށް ލިބިދޭންޖެހޭ ޙައްޤުތަކަށް ބަލާލަމާތޯއެވެ.

ބަންދުކުރުން

"ބަންދުކުރުން" ކަމަށް ބުނެފައި އެވަނީ، މީހަކު ހައްޔަރުކުރުމަށްފަހު އޭނާ ހައްޔަރުކޮށްގެން ގެންދެވުނު މަރުކަޒުގައި އެވަގުތު ހުރި އިސް އޮފިސަރު، އޭނާ ހައްޔަރުކޮށްފައި ބެހެއްޓުމަށް ކަނޑައެޅުމުން ނުވަތަ ހައްޔަރުކުރެވިފައިވާ މީހާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކުރުމުން، ފަނޑިޔާރަކު އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުންނެވެ. އެހެންކަމުން އެފަދަ ނިންމުމެއްގެ ސަބަބުން، ތަޙުޤީޤުގެ މަރުޙަލާގައި ބަންދުކޮށްފައި ބެހެއްޓުމަށް ނިންމިއްޖެނަމަ، އެބަންދުގެ މުއްދަތުގައި ހުންނަންވާނީ ފުލުހުންގެ ބެލުމުގެ ދަށުގައިވާ ކަސްޓޯޑިއަލް ޖަލެއްގައެވެ. އެހެންނަމަވެސް، ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުކުރުމަށް އަމުރެއް ނެރެފިކަމުގައިވާނަމަ، ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ ރިމާންޑް ޖަލަކަށް އެފަރާތެއް ބަދަލުކުރެވިގެންދާނެއެވެ.

ހައްޔަރުކުރުމާއެކު ލިބިދެންޖެހޭ ޙައްޤުތައް

ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހާ ހައްޔަރުކުރެވޭއިރު، ފުލުހުން ދޭ ޤާނޫނީ އިންޒާރުގައި ބަޔާންކޮށްފައިވާ ޙައްޤުތައް އޭނާ ބަންދުގައި ހުންނަ މުއްދަތުގައިވެސް ލިބިދެވޭނެއެވެ. މިސާލަކަށް، ބަންދުގައިވާ ފަރާތަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު މަޢުލޫމާތެއް ނުދީ ހަނުހުރުމުގެ ޙައްޤު ލިބިގެންވެއެވެ. ހަމައެހެންމެ، ހައްޔަރުކުރެވޭތާ 24 ގަޑިއިރުތެރޭގައި ޢާއިލާ މީހަކަށް ގުޅުމަށް ފޯންކޯލްކުރުމުގެ ފުރުސަތު ލިބެންވާނެއެވެ.

މީގެއިތުރުން، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ ކޮންމެ މީހަކަށްމެ، ބަންދުކުރެވޭތާ 24 ގަޑިއިރުތެރޭ ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް، ޝަރީޢަތުން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމުގެ ޙައްޤު ލިބިގެންވެއެވެ. މިގޮތުން ބަންދުކުރެވޭ މީހާ ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންކަން ނުވަތަ ނޫންކަން ކޯޓުން ކަނޑައެޅުމުގައި، މައްސަލައިގާ ހިމެނޭ ދެފަރާތުން ހުށަހަޅާ ކަންތައްތަކަށް ފަނޑިޔާރު ރިޢާޔަތްކުރަންވާނެއެވެ.

އަސާސީ ޙައްޤުތައް

ކޮވިޑް-19 ގެ ޙާލަތުގެ ސަބަބުން، ޢާއިލީ ބައްދަލުވުންތައް މިވަގުތަށް މެދުކެނޑިފައި ވީނަމަވެސް، ޢާންމު އުސޫލުގެ ތެރެއިން ބަންދުގައިވާ ކޮންމެ މީހަކަށްވެސް އެމީހެއްގެ ޢާއިލާ މީހުންނާ ބައްދަލުކުރުމުގެ ޙައްޤު ލިބިގެންވެއެވެ. އަދި އެފަރާތްތަކަށް ގުޅައި ފޯނުން ވާހަކަދެއްކުމުގެ ޙައްޤުވެސް ލިބިގެންވެއެވެ. އަދި ވަކީލެއް ހޯދުމުގެ ފުރުޞަތު ލިބުމާއި، ވަކީލުންނާއި ގުޅުމާއި އަދި ބައްދަލުކުރުމުގެ ޙައްޤުވެސް އެފަރާތްތަކަށް ލިބިގެންވެއެވެ. ހަމައެހެންމެ، ސިއްޙީ ފަރުވާ ލިބުމުގެ ޙައްޤަކީވެސް ބަންދުކުރެވިފައިވާ ކޮންމެ މީހަކަށްމެ ލިބިގެންވާ ޙައްޤެކެވެ. މީގެއިތުރުން އަސާސީ ޙައްޤުތަކުގެ ތެރޭގައި ހިމެނޭ ކެއިން ބުއިމާއި، ނިދުމާއި އަދި ސާފުތާހިރުވުމުގެ އިންތިޒާމްތައް ހަމަޖެހި، އެކަންކަން އެފަރާތްތަކަށް ލިބެންވާނެއެވެ.

އިނާޔަތުން މަޙުރޫމްވުން

ބަންދުގައި ހުންނަ މުއްދަތުގައި ބަންދުކުރެވިފައިވާ މީހާ، ކަނޑައެޅިފައިވާ އުސޫލާއި ޚިލާފަށް ޢަމަލުކުރާނަމަ ޖަލުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ނުވަތަ ބަންދުގައިވާ މީހާ އިސްލާހު ކުރުމުގެގޮތުން، އެފަރާތަކަށް ލިބިގެންވާ އިނާޔަތްތައް ކަނޑާލުމުގެ ބާރު ކަސްޓޯޑިއަލްއަށް ލިބިގެންވެއެވެ. އެގޮތުން، ވަކި މުއްދަތަކަށް ފޯނުކޯލުގެ ފުރުސަތު ހިފެހެއްޓިދާނެއެވެ. މިގޮތަށް އެ ޙައްޤު ހިފެހެއްޓޭ ކަމުގައިވާނަމަ، ބަންދުގައިވާ ފަރާތަށް ލިޔުމުން ތަފްސީލު ހަވާލުކުރެވެންވާނެއެވެ.

ނިންމުން

ބަންދުކުރުމުގައި ގެންގުޅެންވާނެ އުސޫލަކީ، ބަންދުވުން ފިޔަވައި އިތުރު އަދަބެއް އެމީހުންނަށް ނުދިނުމާއި، އެމީހުންނަށް ލިބިދޭންޖެހޭ އެހެން އަސާސީ ޙައްޤެއް ނިގުޅައިނުގަތުން ކަމުގައިވާއިރު، ބަންދުގައި ހުންނަ މުއްދަތުގައިވެސް އެމީހުންގެ ޙައްޤުތައް ރައްކާތެރި ކުރެވެންވާނެއެވެ. އަދި މި ޙައްޤުތަކަކީ ކޮބައިކަން ދެނެގަނެ، އެއަށް އަހުލުވެރިވުމަކީ މުހިންމުކަމެކެވެ.

އާޓިކަލް ލިޔުނީ ޞަބްރިޔަތު ޙުސައިން

އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިނަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355