twitterviber whatsapp telegramfacebookyoutube instagram
17th May 2024

އިންޖިނޭރުކަން ކިޔެވުމުގެ ފުރުސަތު އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުގައި!

Jan 6, 2021

ކުޅުދުއްފުށީގައި ހުންނަ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ކެމްޕަހަކީ މާލެއިން އުތުރުގައި އިންޖިނޭރުކަމުގެ ދާއިރާއިން ތަފާތު ކޯސްތައް ހިންގާ ހަމައެކަނި ކެމްޕަސްއެވެ. މި ކެމްޕަސްގައި ހިންގާ އިންޖިނޭރުކަމުގެ ބައެއް ކޯސްތަކަކީ އަތޮޅުތެރޭގެ އެހެން އެއްވެސް ރަށެއްގައި ހިންގާ ކޯސްތަކެއްވެސް ނޫނެވެ.

ކުޅުދުއްފުށީ ކެމްޕަސްގެ އިންޖިނޭރިންގް ކޯސްތަކަކީ ދިގު، އަދި ފަޚުރުވެރި މާޒީއެއް އޮތް ކޯސްތަކެކެވެ. އަދި އެއީ ކެމްޕަސްގެ ފެށުމާއިވެސް ގުޅިފައިވާ ކޯސްތަކެކެވެ. މިގޮތުން އެންމެ ފުރަތަމަ އިންޖިނޭރިންގް ކޯސްތައް ހިންގަން ފަށާފައިވަނީ މީގެ ތެއްތިރީސް އަހަރުކުރިން، ރޫރަލް ޔޫތު ވޮކޭޝަނަލް ޓްރެއިނިން ސެންޓަރު (އާރްވައިވީޓީސީ)ގެ ނަމުގައި ހިންގި ޓްރެއިނިންގް ސެންޓަރުގައެވެ. މިއަދު ކެމްޕަސްގައިވަނީ އިންޖިނޭރުކަމުގެ ތަމުރީނުތަކަށް ބޭނުންވާ މެޝިނަރީތަކާއިއެކު ވޯކްޝޮޕްތައް ގާއިމުކޮށްފައެވެ.

މި އަހަރުގެ ފެބްރުއަރީމަހު ފަށާ ޔުނިވަސިޓީގެ ފުރަތަމަ ޓާމުގައި، ކުޅުދުއްފުށީ ކެމްޕަސްގައި ފެށުމަށް ހަމަޖެހިފައިވާ އިންޖިނޭރުކަމާއި މަސައްކަތްތެރިކަމާއި ގުޅުންހުރި ކޯސްތަކުގެ ތެރޭގައި އެޑްވާންސްޑް ސެޓްފިކެޓް ފެންވަރުގެ އިންޖީން ރިޕެއަރ އެންޑް މެއިންޓަނަންސް ކޯހަކާއި، ސެޓްފިކެޓް 3 ގެ ފެންވަރުގެ އިންޖީން ރިޕެއަރ އެންޑް މެއިންޓަނަންސް ކޯހެއް ހިމެނެއެވެ. މިއީ މެރިން އެންޖިނިއަރިންގް ދާއިރާގެ ދެކޯހެވެ.

މީގެ އިތުރުން، އެޑްވާންސްޑް ސަޓިފިކެޓް ފެންވަރުގެ އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އެންޖިނިއަރިންގް ކޯހެއްވެސް ފެށުމަށް ހަމަޖެހިފައިވެއެވެ.

ސެޓްފިކެޓް 3 ގެ ފެންވަރުގެ ކޯސްތަކުގެތެރެއިން ސެޓްފިކެޓް 3 އިން ވެލްޑިންގް އެންޑް ޝީޓްމެޓަލް ކޯހަކީ ވެލްޑިންކުރާށާއި މެޓަލް ޝީޓުން ތަކެތި ހެދުމުގެ މަސައްކަތް ދަސްކުރަން ފަށައިގަންނަން އެންމެ އެކަށީގެންވާ ކޯހެވެ. އަދި ސެޓްފިކެޓް 3 އިން އިލެކްޓްރޯޓެކްނިކަލް ޓެކްނޮލޮޖީ ކޯހަކީ، ކަރަންޓްވަޔަރުކުރަން ދަސްކޮށްދޭ އަދި އެ ރޮނގުން ނަގަންބޭނުންވާ ހުއްދަތައް ނެގުމަށް މަގުފަހިވާ ކޯހެކެވެ.

ކެމްޕަސް ދަނާލު: ހިތްފަސޭހަ ހިޔާވަހި

އިންޖިނޭރިންގް ކޯސްތަކަކީ އެހެން ބައެއް ކޯސްތަކާއި ތަފާތުކޮށް، ވޯކްޝޮޕްގައި އަމަލީ ތަޖުރިބާއާއި އެއްކޮށް ފުލްޓައިމްކޮށް ކުލާހަށް ހާޒިރުވެގެން ކިޔަވައިދޭގޮތަށް ހިންގާ ކޯސްތަކެކެވެ. ނަމަވެސް ކުޅުދުއްފުށި ނޫން ރަށްރަށުގެ ކުދީންނަށް ކެމްޕަސްގެ ގޯތިތެރޭގައިވާ ދަނާލުގައި، ވަރަށް ކުޑަ ޚަރަދެއްކޮށްގެން، ވަރަށް ހަމަޖެހިލައިގެން ދިރިއުޅެމުން ކިޔެވުމުގެ ފުރުސަތުއޮވެއެވެ.

ކުޅުދުއްފުށީ ކެމްޕަސްގައި މި އަހަރުގެ ފުރަތަމަ ޓާމުގައި ތަފާތު ފެކަލްޓީތަކުން ތަފާތު ދާއިރާތަކުގެ ޖުމްލަ ސާޅީހަށްވުރެ ގިނަ ކޯހަށް ފުރުސަތުހުޅުވާލާފައިވެއެވެ.

މިއަހަރުގެ ފެބްރުއަރީ މަހު ޔުނިވާރސިޓީގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކާއިބެހޭ މައުލޫމާތު ޔުނިވާރސިޓީގެ ވެބްސައިޓުން ލިބެންހުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355