twitterviber whatsapp telegramfacebookyoutube instagram
28th March 2024

އީޔޫ އާއި ޑަބްލިއުއެޗްއޯ ގުޅިގެން ރާއްޖެއަށް 19 މިލިއަން ރުފިޔާގެ އެހީ

ނަބީލާ އިސްމާޢީލް
Jan 6, 2021

ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއަށް އެއް މިލިއަން ޔޫރޯގެ އެހީ ދީފިއެވެ.

މި އެހީގެ ދަށުން ރާއްޖެއިން މި ބައްޔާ ދެކޮޅަށް ކުރާ މަސައްކަތަށް ބޭނުންވާ ބޭހާއި، ހުޅުމާލޭ މެޑިކަލް ފެސިލިޓީ އަދި ރީޖަނަލް ކޮވިޑް ފެސިލިޓީތަކަށް ބޭނުންވާ އިކުއިޕްމަންޓާއި، އާރްއާރްޓީގެ މަސައްކަތްތައް ހަލުވި ކުރމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން ރީޖަނަލް އައިސީޔޫއެއް ގާއިމްކޮށް ކިވިޑް19 ބަލިމީހުންނަށް ބޭނުންވާ ފަރުވާ ދިނުން އަވަސްވެ، އައިސޮލޭޝަނަށް އަދި އައިސީޔޫ އަށް ގެންދާ ބަލިމީހުންނަށްދޭ ހިދުމަތް ހަރުދަނާ ކުރެވޭނެ ކަމަށް އީޔޫ/ޑަބްލިއުއެޗްއޯ އިން ނެރުނު ބަޔާނުގައި ބުންޏެވެ.

ޑަބްލިއުއެޗްއޯ އާއި އީޔޫއިން ވެދީފައިވާ މި އެހީ އާއި ގުޅޭގޮތުން ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ޑަބްލިއުއެޗްއޯގެ ފަރާތުން ހެލްތު މިނިސްޓްރީއާއެކު ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށާއި، ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގައި ޑަބްލިއުއެޗްއޯ އާއި އީޔޫ އަދި އަވަށްޓެރި ގައުމުތަކުން ދެމުންދާ އެހީތެރިކަމުން މުހިންމު ދައުރެއް އަދާކުރަމުންދާ ކަމަށެވެ.

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ދުނިޔޭގެ އެކި ޖަމިއްޔާތަކާއި ގައުމުތަކުން އަންނަނީ މެދުނުކެނޑި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ޑަބްލިއުއެޗްއޯ އިން އަދި އީޔޫ އިން ރާއްޖެއަށް ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355