twitterviber whatsapp telegramfacebookyoutube instagram
24th April 2024

ގުދުރަތީ ޕާރކްތައް ބަލާލުމަށް ކޮންމެ ދުވަހު ކުމުންދޫއަށް އެތައް ބަޔަކު!

- ޕާރކްތައް ހެދީ ރައްޔިތުން ހިލޭ ސާބަހަށް
- ދުވާލަކު 200-300 މީހުން ޒިޔާރާތްކުރޭ

ޚަދީޖާ އާދަމް
Jan 9, 2021

ކޮވިޑްގެ ބަލިމަޑުކަމުގައި އެންމެ ރަށުގެ ތާށިވެފައި ތިިބި ދުވަސްތަކަކީ ރަށްރަށުގެ ރައްޔިތުންގެ އެއްބައިވަންތަކަމާއި ޒުވާނުންގެ ހިތުގައި ރަށަށް ދެވިފައިވާ ލޯބި ވަޒަންކޮށްލެވުނު ދުވަސްވަރެކެވެ. ރައްޔިތުންގެ ހިތްހަމަޖެހުމާއި އުފަލަށް އެންމެން އެކުގައި ހިތްއުފާކޮށް ވަގުތު ހޭދަކުރުމަށް ރަށްރަށުގެ އެކި ހިސާބުތަކުގެ ހެދުނު ޕާކުތަކާއި މައިޒާންތައް މިކަމުގެ ހެއްކަކަށް ފުދެއެވެ.

މީގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވެނީ ރަށުގެ ގުދުރަތީ މުހިއްމު ވަސީލަތެއް ބޭނުންކޮށް ކުމުންދޫގެ ޒުވާނުން ގާއިމްކުރި ނޭޗާ ޕާކެވެ. މީގެން ކުރިން ކުމުންދޫއަކީ މީހުން ދަތުރުގޮސް އުޅޭ ރަށެއް ނޫނެވެ. ކުޅުދުއްފުށީ މީހުންވެސް އެންމެ ގިނައިން ގޮސްއުޅެނީ ރީތި މޫދާއި ބީޗު ހުރި ހަނިމާދޫ، ނޮޅިވަރަންފަރު، ކެލާ، ވަށަފަރު، ނާވައިދޫ އަދި ފުނަދޫ ފަދަ ރަށްތަކަށެވެ. އެކަމަކު މިއަދު އެ މަންޒަރު މިއޮތީ ވަރަށް ބޮޑަށް ބަދަލުވެފައި މިހާރު ކުޅުދުއްފުށީ މީހުން ދަތުރު ދާނަމަ ލިސްޓްގައިވެސް އެންމެ ފުރަތަމަ އޮންނަނީ ކުމުންދޫ އެވެ. މިކަމުގެ ހެއްކަކީ ކޮންމެ ދުވަހަކު އެތަކެއް ބައެއް ކުޅުދުއްފުށިން ކުމުންދޫއަށް ދަތުރު ދިޔުމެވެ.

ކުޅުދުއްފުށިން ނޫނަސް އެރަށުގެ ގުދުރަތީ ޕާރކްތައް ބަލާލުމަށް ގިނަބަޔަކު މިހާރުވެސް ޒިޔާރަތް ކުރަމުންދާއިރު، ނިމިގެން މިދިޔަ ބޮޑު ބަންދުގައި މިއަހަރު މުޅި މި ބޮޑު ތިލަދުންމަތީގައިވެސް ކުމުންދޫހާ "ބިޒީ" ރަށެއް ނެތެވެ.

ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު ކޭއޯއަށް ވިދާޅުވީ މި ބަންދުތެރޭގައި އެރަށް ގާތްގަނޑަކަށް ދުވާލެއްގެ މައްޗަށް 300-200 ދެމެދު މީހުން ޒިޔާރަތް ކުރާކަމަށެވެ. އަތޮޅުގެ ބޭރުން ނ، ރ އަދި ބ އަތޮޅު ހިސާބުންވެސް އެރަށުގެ ޕާކުތައް ބަލާލަން މީހުން ޒިޔާރަތްކޮށް ފައިވާކަމަށް އަމީން ވިދާޅުވި އެވެ.

މީގެ އިތުރުން ކުޅުދުއްފުއްޓަށް ބޭސްފަރުވާ ހޯދުމަށް އަންނަ އަތޮޅުން ބޭރުގެ ގިނަ ރައްޔިތުންގެ ލިސްޓުގައިވެސް ކުމުންދޫ ބަލާލަށް ދިއުން އޮތީ ހިމެނިފައެވެ. މިއީ ރާއްޖޭގެ އެކި ހިސާބުތަކުން ކުމުންދޫ ހިތްގައިމު ޕާކުތަކަށް އޮތް ލޯބި ފެނިގެންދިޔަ ހެއްކެކެވެ.

ރަށަށް ޒިޔާރަތް ކުރާ ގިނަފަރާތްތަކުގެ އެންމެ މަގުބޫލް މަންޒިލަކަށް ވަނީ އެރަށުގެ ނޭޗާ ޕާރކް، ވެހިސަރާ އެވެ. އެރަށުގެ ކުޅީގައި ގާއިމްކޮށްފައިވާ މި ހިތްގައިމު ޕާކުގެ އިތުރުން އެރަށު ގާގޮޅު ސަރަހައްދަށް ދެވޭގޮތަށް ހަދާފައިވާ މަގަކީވެސް ގިނަބަޔަކު ބަލާލަން ބޭނުންވާ ސަރަހައްދެކެވެ.

މީގެ އިތުރުން ރަށުގެ ހެދިފައިވާ ސަންސެޓް ބީޗު އަދި ދަތުރު މައިޒާނަކީވެސް ރަށަށް ޒިޔާރަތް ކުރާ ފަރާތްތަކުން ބަލާނުލައި ނުދާނެ ތަންތަނެވެ.

އަމީން ވިދާޅުވި ވެހިސަރާއާއެކު ރަށުގައި 5 ޕާކެއް މިހާރުވެސް އޮންނާނެ ކަމަށާއި އަދި އިތުރު ޕާކުތަކުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށެވެ. އަދި ކައުންސިލްގެ މިއަހަރުގެ ބަޖެޓުގައި ހިމަނައިގެން ޕާކުތައް އިތުރަށް ތަރައްގީ ކުރާނެކަމަށާއި، ވެހިސަރާ ހިމެނޭ ސަރަހައްދުގެ އީއައިއޭ ހެދުންވެސް ބަޖެޓުގައި ހިމެނިފައިވާކަމަށެވެ.

ވެހިސަރާ ސަރަހައްދަކީ މިހާރު ހިމާޔަތްވެސް ކޮށްފައިވާ ސަރަހައްދެކެވެ. އެތަން މިހާރުވެސް ބަލަހައްޓަނުން އަންނަނީ ކުމުންދޫ ކައުންސިލާއި އެރަށު ކުރެވި ޖަމިއްޔާއިންނެވެ. ވެހިސަރާއަކީ ކުރެވި ޖަމިއްޔާގެ ރަށުން ހިންގާ ޒީރު ސްޕޯޓްސް އިން އިސްނަގައިގެން ތަރައްގީ ކުރި ޕާކެކެވެ.

މީގެ އިތުރުން އަމީން ވިދާޅުވީ ރަށް އިތުރަށް އިޝްތިހާރުކުރުން ފަދަ ކަންކަންވެސް ކައުންސިލުން މިއަހަރު ކުރަމުން ދާނެކަމަށެވެ.

މިކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުންވެސް އަމީން ފާހަގަކުރެއްވިއެވެ. އެގޮތުން ރަށަށް އަންނަ ފަރާތްތަކަށް ތަންތަން ދައްކާލުމަށް އެރަށުގެ ރައްޔިތުންގެ ފަރާތުން ލިބޭ ސަޕޯޓާއި މެހެމާނުނަށް ކިޔާ ހޫނުމަރުހަބާއި ދައްކާ ހިތްހެޔޮކަމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށް އަމީން ވިދާޅުވިއެވެ. މީގެ އިތުރުން ރަށަށް ޒިޔާރަތް ކުރާ ފަރާތްތަކުން ތަންތަނަށް ގެއްލުން ނުވާގޮތަށް ކަންކަން ކުރުމަށް އެދޭ ކަމަށާއި ޕާކުތައް ބަލާލަން މީހުން ގެންދާއިރު ތަން ހަޑިނުވާގޮތަށް ކަންކަންކުރުމަށް ރައްޔިތުންނަށްވެސް އިރުޝާދު ދީފައިވާނެކަމަށް އަމީން ވިދާޅުވި އެވެ.

ކޮވިޑްގެ ބަލިމަޑުގެ ތެރޭގައިވެސް މި އަހަރު މިވީ ކުމުންދޫއަށް ވަރަށް ކާމިޔާބު އަަހަރަކަށެވެ. އެރަށުން މި ދައްކައިދިނީ ގުދުރަތީގޮތުން އަހަރެމެންނަށް ލިބިފައިވާ ވަސީލަތްތައް ބޭނުންކޮށްގެން ރަށްކުރިއެރުވިދާނެ ކަމުގެ މިސާލެކެވެ. މިއީ ރަށަށް އާމްދަނީ ވަންނާނެ މަގެކެވެ.

އެރަށަކީ ގާމަތި ރަށެއް ނަމަވެސް އެންމެ ގިނަ މީހުން ޒިޔާރަތް ކުރި ރަށުގެ ރެކޯޑް މި ފަހަރު ކުމުންދޫއިން އަތުލީ ރީތި ބީޗްތަކާއި ގޮނޑުދޮށްތަކުން ނޫނަސް ރަށް ގުުދުރަތީ ގޮތުން ރީތި ރަށަކަށް ހެދިދާނެކަން ދައްކައިދެމުންނެވެ. ރަށަށް ލިބިފައިވާ މިފަދަ ވަސީލަތްތައް ބޭނުން ހިފުމުގެ މުހިއްމުކަަން އިހްސާސްކޮށްްދެމުންނެވެ. ބޭނުންވަނީ އެކުވެރިކަމާއި އެއްބަހެއް ކިޔައިގެން އެކުގައި މަސައްކަތް ކުރުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355