ހދ ކުމުންދޫގެ ނޭޗާރ ޕާކް ނުވަތަ ވެހިސަރާ ސަރަހައްދުގެ ކޮންސެޕްޓް ޑިޒައިންއާއި އެންވާރަމެންޓަލް އިންސްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުމުންދޫ ކައުންސިލުން އިއުލާނުކޮށްފި އެވެ.
މިސަރަހައްދަކީ ކުމުންދޫ ރިވައިވަލް އިނިޝިއޭޓިވް (ކުރެވި) ޖަމިއްޔާއާއި އެ ޖަމިއްޔާގެ ދަށުން އުފެދިފައިވާ ޓީމެއްކަމުގައިވާ ޒީރު ސްޕޯޓްސް ކުލަބުގެ އިސްނެގުމާއެކު އެރަށު ކަނޑޫފަލުގައި ތަރައްގީކޮށްފައިވާ ނޭޗާރ ޕާކެކެވެ.
ފެންގަނޑު މެދުގައި ހިތްހަމަ ޖައްސާލުމަށް މަޑުކޮށްލުމަށް ހަޓަކާއި އަދި ހަޓަށް ދިޔުމަށް 60 ފޫޓު ދިގުމިނުގެ ފާލަމެއް މިތާގައި ހަދާފައިވާއިރު ކަނޑޫފަލުގެ ފެންގަނޑު ހުރަސް ކުރުމަށް 12 ފޫޓްގެ ބުރިޖެއްވެސް އަޅާފައިވެ އެވެ. އުނދޯއްޔާއި ލަކުޑި ބެންޗްތައް ވެސް އެތަނުގެ ބެހެއްޓިފައި ހުރިއިރު އެތަން ތަރައްޤީ ކޮށްފައިވަނީ ކުޅީގެ ހިތްގައިމުކަން ބަލައިލުމަށް ކެނޯވެސް ދުއްވާލެވޭ ގޮތަށެވެ.
ކުމުންދޫ ކައުންސިލުން ނެރުނު އިއުލާނުގައިވާ ގޮތުން އެ މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެއް 13 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހުގެ 13:00 ގައި އެ އިދާރާގައި އޮންނާނެ އެވެ.
ބިޑުހުށަހެޅުމަށް ރަޖިސްޓްރީ ކުރުން ކުރިއަށް ދާނީ 02 ސެޕްޓެމްބަރ 2021 ން ފެށިގެން 09 ސެޕްޓެމްބަރ 2021 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރު 12:00 އަށް ކަމަށް އެކައުންސިލުން ހާމަކުރެ އެވެ.
އެ މަސައްކަތަށް ބިޑު ހުށައެޅޭނީ ހަމައެކަނި އެ އިދާރާގައި ރަޖިސްޓްރީކުރާ ފަރާތް ތަކަށް ކަމަށާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 20 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހުގެ 13:00ގައި އެ އިދާރާގައި ކަމަށްވެސް އެކައުންސިލުން ހާމަކޮށްފައިވެ އެވެ.
އެކައުންސިލުން އިތުރަށް ބުނީ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެ ކަމަށާއި މީގެއިތުރުން އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަން ވާނެ ކަމަށެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި އެ ކައުންސިލުން ބުނެފައިވެ އެވެ.
ރަޖިސްޓްރީ ކުރަން އެދޭފަރާތްތަކުން ކައުންސިލަށް ދުރުވެގެން ނުވަތަ ކައުންސިލްގެ އީމެއިލް އެޑްރެސް: [email protected] އަށް އީމެއިލްއެއް ފޮނުވައިގެން ވެސް ރަޖިސްޓަރީ ވެވޭނެ އެވެ.