twitterviber whatsapp telegramfacebookyoutube instagram
27th April 2024

ގާނޫނީ ކޮލަމް: ބަންޑާރަ ގޯއްޗެއް ވިއްކަން ބޭނުންވީތަ؟

Jan 7, 2021
1

ބިމުގެ މައްސަލައަކީ ރާއްޖޭގައި ބޮޑު މައްސަލައެކެވެ. ބިމާއި ގުޅޭ މައްސަލަތަކުގެ ތެރެއިން، ބިން ވިއްކުމަކީ ގިނައިން ހިނގާ މުޢާމަލާތެކެވެ. ގިނަ ފަރާތްތަކުން ދެކޭގޮތުގައި އެމީހެއްގެ ނަމުގައި އޮތް ގޯއްޗެއް، އެހެން މުދަލެކޭ އެއްގޮތަށް ތިމާ ބޭނުން ފަރާތަކަށް ބޭނުންގޮތަކަށް ވިއްކާލެވިދާނެއެވެ. އެއީ ބަންޑާރަ ބިމެއްވިޔަސްމެއެވެ. މި ކުށްހީގެ ސަބަބުން، ޤާނޫނީގޮތުން އެތައް މައްސަލަތަކެއް ކުރިމަތިވެއެވެ. ވީމާ ޤާނޫނީގޮތުން ބަންޑާރަ ގޯއްޗެއް ވިއްކުމަށް ބަލާލަމާތޯއެވެ.

ބަންޑާރަ ގޯތި އަމިއްލަކުރުން

ސަރުކާރުން، މީހުން ދިރިއުޅުމަށް ދޫކުރާ ގޯއްޗަކީ ބަންޑާރަ ގޯއްޗެވެ. ބަންޑާރަ ގޯއްޗެއް އަމިއްލަ ގޯއްޗަކަށްވާނީ އަމިއްލަކުރަން ދައްކަންޖެހޭ އަގު، ސަރުކާރަށް ދެއްކުމަށްފަހު އަމިއްލަކުރުމުންނެވެ. ބަންޑާރަ ގޯއްޗަކުން ބައެއް، ނުވަތަ ބަންޑާރަ ގޯއްޗެއް އެއްކޮށްވެސް އަމިއްލަ ކުރެވިދާނެއެވެ. ބަންޑާރަ ގޯއްޗެއް އަމިއްލަ ކުރެވޭނީ، ބަންޑާރަ ގޯތި އަމިއްލަކުރުމަށް ސަރުކާރަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްފަހުގައެވެ. މި ފައިސާ، އެކީ އެއްފަހަރާ ނުވަތަ ބަހާލައިގެން ސަރުކާރަށް ދެއްކިދާނެއެވެ. ބަންޑާރަ ގޯއްޗެއް ލިބިފައިވާ ފަރާތަކުން އެ ގޯއްޗެއް އަމިއްލަކުރަން ބޭނުންވާނަމަ އެކަމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭނީ، އެބިން އޮތް ސިޓީއެއްގެ ނުވަތަ ރަށެއްގެ ކައުންސިލަށެވެ. އަދި ބިން އަމިއްލަކުރުމަށް ދައްކަންޖެހޭ ފައިސާ ދައްކަންޖެހޭނީ، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ އަށެވެ.

އެކިފަހަރުމަތިން އަގު އަދާކޮށްގެން ބިން އަމިއްލަކުރުން

އެކިފަހަރުމަތިން އަގުއަދާކޮށް ބިން އަމިއްލަކުރުމަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ 20 އަހަރު ދުވަހެވެ. މިގޮތަށް އެކިފަހަރުމަތިން އަގުއަދާކޮށް ބިން އަމިއްލަކުރާ ޙާލަތުގައި އަގުދެއްކުމުގެ ކަންކަން ކުރިއަށްގެންދަންވާނީ، ގޯތި އަމިއްލަކުރާ ފަރާތް އަދި ސަރުކާރުގެ ކަމާބެހޭ މުއައްސަސާއާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި މިއެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާނަމަ، ފައިސާ ބަލައިގަންނާނީ އެފަހަރަކަށް ދައްކަންޖެހޭ ފައިސާގެ އަދަދަށް 5 އިންސައްތަ އިތުރުކޮށްގެންނެވެ. މިގޮތަށް އެކި ފަހަރުމަތިން އަގު ދައްކާ ޚަލާސްކުރާ ޙާލަތުގައި، އަގު އަދާކުރާ މުއްދަތު 5 އަހަރަށްވުރެ އިތުރުވާނަމަ، ގޯތި އަމިއްލަކުރުމަށް ކަނޑައަޅާ ރޭޓަށް އަންނަ ބަދަލުތަކާ އެއްގޮތަށް އެގޯތި އަމިއްލަ ކުރުމަށް ދައްކަންޖެހޭ އަގަށް ބަދަލު އަންނާނެއެވެ.

މިއާއެކު ވިސްނާލުން މުހިންމު އަނެއް ނުކުތާއަކީ، އެކި ފަހަރުމަތިން އަގު އަދާކޮށް ގޯތި އަމިއްލަ ކުރުމަށްޓަކައި ސަރުކާރަށް ދައްކާ ފައިސާއަކީ އަނބުރާ ލިބޭނެ ފައިސާއެއް ނޫންކަމެވެ. ނަމަވެސް ވަކިވަރަކަށް ފައިސާ ދެއްކިފަހުން ގޯތީގެ ވެރިފަރާތް ނިޔާވެއްޖެނަމަ، އެގޯތީގެ ބިން ލިބޭ ފަރާތްތަކަށް އެގޯތި އަމިއްލަކުރުމަށްޓަކާ ނުދެއްކިވާ ފައިސާ ދައްކައި، އެގޯތި އަމިއްލަ ކުރުމުގެ ފުރުޞަތު ދެވޭނެއެވެ.

ރަޖިސްޓްރީކުރުން

އަމިއްލަކުރަން ސަރުކާރަށް ދައްކަންޖެހޭ އަގު ދައްކާ ނިމުމުން، ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ބާޠިލުކޮށް "އަމިއްލަބަންޑާރަ" ގޯއްޗެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދޭނެއެވެ. ބަންޑާރަ ގޯއްޗަކުން އަމިއްލަކުރީ އެގޯތީގެ ބައެއް ކަމުގައިވާނަމަ، އެ ރަޖިސްޓްރީގައި ބަންޑާރަ ބައިގެ ބޮޑުމިނާއި އަމިއްލަ ބައިގެ ބޮޑުމިން އެނގެން އޮންނަންވާނެއެވެ. އަމިއްލަ ބަންޑާރަ ބިމެއްގައި ހިމެނޭ އަމިއްލަ ބަޔަށް ވަކި ރަޖިސްޓްރީއެއް ހަދައިދޭނެއެވެ. ގޯތި ރަޖިސްޓްރީ ކުރުމަށް ހުށަހަޅާނީ އެބިން އޮތް ސިޓީއެއްގެ ނުވަތަ ރަށެއްގެ ކައުންސިލަށެވެ.

އަމިއްލަ ކުރުމަށްފަހު ބިން ވިއްކުން

ބަންޑާރަ ގޯއްޗެއް އަމިއްލަ ކުރުމަށްފަހު ވިއްކޭނީ ހަމައެކަނި ކޯޓު މެދުވެރިކޮށެވެ. އަދި ގޯތި ވިއްކަން އެދޭ މީހާއާއި، އެމީހަކު ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހުން ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެހިފައި އޮންނަންވާނެއެވެ.

ދިރިއުޅޭނެ އެހެން ތަނެއް ހުރިކަމަށް ކަނޑައަޅާނީ، ކޮންމެ މައްސަލައަކަށް ވަކިން އެމައްސަލައަކާ ގުޅުންހުރި އެހެނިހެން ކަންތައްތަކަށް ބެލުމަށްފަހު ޝަރީޢަތުންނެވެ. މިގޮތުން ބަލާނެ ކަންތައްތަކަކީ:

• އެމީހެއްގެ ނުވަތަ އެމީހެއްގެ ފިރިމީހާގެ ނުވަތަ އަނބިމީހާގެ ނަމުގައި ގޯތި ވިއްކަންއެދޭ މީހާއާއި، އެމީހަކު ޝަރުޢީގޮތުން ބަލަންޖެހޭ މީހުން
ދިރިއުޅޭނެ އެހެންތަނެއް އޮތުން؛
• އެމީހެއްގެ ދަރިއެއްގެ ނަމުގައި އެފަދަ ތަނެއް އޮވެ، އެތަނެއްގައި އެމީހަކު ދިރިއުޅުމުގެ ކަންތައްތައް ހަމަޖެހިފައިވުން؛
• އެމީހެއްގެ އަތުގައި ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެއްސުމުގެ މާލީ ތަނަވަސްކަންހުރުން؛ އަދި
• ރާއްޖެއިން ބޭރުގެ އެހެން ޤައުމެއްގައި އެމީހެއްގެ ނަމުގައި ބިމެއް ނުވަތަ އިމާރާތެއް ނުވަތަ ފްލެޓެއް ހުރުން.

ގޯތި ގަންނަ ފަރާތަކީ ދިވެހި ރައްޔިތެއްކަމުގައިވުން ނުވަތަ ސައްތައިން ސައްތަ ދިވެހިން ޙިއްޞާވާ، ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ކަމުގައި ވާންވާނެއެވެ. ނުވަތަ ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ސައްތައިން ސައްތަ ދިވެހިންގެ ޖަމިއްޔާއެއް ނުވަތަ ޖަމާޢަތެއް ކަމުގައި ވާންވާނެއެވެ. ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ވިއްކާނަމަ، ވިއްކާ އަގުގެ 15 އިންސައްތަ ޓެކްސްގެ ގޮތުގައި ވިއްކާ ފަރާތުން ސަރުކާރަށް ކުރިން ދައްކަން އޮތް ކަމުގައިވިޔަސް، އިންކަމް ޓެކްސް ޤާނޫނުގެ ދަށުން މިހާރު ސަރުކާރަށް އެއްވެސް ޓެކުހެއް ދައްކާކަށް ނުޖެހޭނެއެވެ.

ނިންމުން

ހަނދާނުގައި ބަހައްޓަންވީ ކަމަކީ، ގޯއްޗެއް ވިއްކުމަކީ ޝަރީޢަތުން ނޫންގޮތަކަށް ކޯޓުން ބޭރުން ނިންމޭނެ މުޢާމަލާތެއް ނޫންކަމެވެ. އަދި އެފަދައިން ކޯޓުން ބޭރުން ނިންމިކަމުގައިވިޔަސް، އެއީ ޤާނޫނީގޮތުން އެއްވެސް ބުރަދަނެއް ހުރި ގަނެވިއްކުމެއް ނޫންކަމެވެ. އަދި އެގޯތީގެ މިލްކުވެރިކަމެއްވެސް ބަދަލެއް ނުވާނެކަމެވެ.

އާޓިކަލް ލިޔުނީ ޠާހިރާ ޢުމަރު

އަލްއުސްތާޛާ ޠާހިރާ ޢުމަރަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355