twitterviber whatsapp telegramfacebookyoutube instagram
19th April 2024

ބައިކް މޯލްޑިވްސްގެ "ޖޫނިއާ ސައިކްލިންގ ކޭމްޕް" ނިންމާލައިފި

ނަބީލާ އިސްމާޢީލް
Jan 9, 2021

ކުޑަކުދިންނަށް ހާއްސަކޮށްގެން ބައިކް މޯލްޑިވްސްއިން ކުރިއަށްގެންދިޔަ ޖޫނިއާ ސައިކްލިންގ ކޭމްޕް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ. މިކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ޑިސެމްބަރު މަހު 11 ން މި މަހު 08 ވަނަ ދުވަހުގެ ނިޔަލަށެވެ.

07 އަހަރާއި 15 އަހަރާއި ދެމެދު އުމުރުފުރައިގެ 33 ކުއްޖަކާއި އެކު މާލެ އަދި ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި ކޭމްޕަކީ މި އަހަރުގެ ފުރަތަމަ ޖޫނިއާ ސައިކްލިންގ ކޭމްޕެވެ.

ކޭމްޕްގެ ބައިވެރިންނަށް ތަމްރީން ދީފައިވަނީ ސައިކްލިންގ ފެޑްރޭޝަން އޮފް އިންޑިއާއިން ތަމްރީން ހޯދާފައިވާ މި ޖަމިއްޔާގެ ކޯޗުންނެވެ.

ކުޑަކުދީންގެ މެދުގައި ބައިސްކަލް ދުއްވުމުގެ ހުނަރު ތަރައްޤީކުރުމަށް ކުރިއަށް ގެންގޮސްފައިވާ މި ޙަރަކާތް އޮތީ ޑިސެމްބަރ މަހުގެ 11 އިން 8 ޖަނަވަރީ 2021 އަށް ކޮންމެ ހަފްތާއެއްގެ ހުކުރު އަދި ހޮނިހިރު ދުވަހުގެ ހެނދުނު 6:30 އިން 8:00އަށެވެ.

ބައިކް މޯލްޑިވްސްގެ ސެކްރަޓަރީ ޖެނެރަލް އަސްމާ ހަސަން ވިދާޅުވީ، މި ހަރަކާތަކީ ބައިސްކަލް ދުއްވަން ޝައުގުވެރިވާ ކުދީންނަށް އެ ހުނަރު ދަސްކޮށްދީ ތަރައްގީ ކުރުވުމާއިއެކު، އެކުދިންނަށް ރައްކާތެރި ކަމާއެކު އެއްތަނުން އަނެއްތަނަށް، ބައިސްކަލުގައި ދިއުމަށް ހޭލުންތެރި ކުރުވުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ސިލްސިލާކޮށް މިފަދަ ހަރަކާތްތަށް ކުރިއަށް ގެންދާކަމަށެވެ. މި ޖަމިއްޔާއިން މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ މައިގަނޑު އަނެއް މަޤްސަދަކީ ތިމާވެއްޓާއި ރައްޓެހި ގޮތެއްގައި ދިރިއުޅުމުގެ ވައްޓަފާޅި ގެންގުޅުމަށް ދަސްކޮށްދިނުމުގެ އިތުރުން ދުޅަހެޔޮ ސިއްހަގައި ކުދީން ބޭތިއްބުމެވެ.

މިއަހަރުގެ ޖޫނިއަރ ސައިކްލިންގ ކޭމްޕައްވެސް ހީނުކުރާވަރުގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި ކުރިއަށް އޮތްތާނގައި ވެސް މިފަދަ އިތުރު ހަރަކާތްތައް ކުރިއަށް ގެންދާނޭ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ބައިކް މޯލްޑިވްސް އަކީ، ބައިސްކަލުގެ ވަސީލަތް ބޭނުންކޮށްގެން ތިމާވެށި ހިމާޔަތް ކުރުމަށް ހޭލުންތެރިކަން އިތުރު ކުރުމާއެކު، ދުޅަހެޔޮ ސިއްހަތަކަށް ބައިސްކަލުގެ ބޭނުން ކޮށް، ކަސްރަތު ކުރުމުގެ އާދަ އަށަގެންނެވުމަށް، 2015 ވަނަ އަހަރު އުފެއްދި ޖަމިއްޔާއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355