twitterviber whatsapp telegramfacebookyoutube instagram
3rd March 2021

ގާނޫނީ ކޮލަމް: ވަޒީފާދެނީ ބިދޭސީއަކަށް ތޯއެވެ؟

Jan 14, 2021

ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބަލާއިރު ބިދޭސީ މުވައްޒަފުންނަކީ ހުރިހާ ދާއިރާއެއްގައިވެސް މަސައްކަތްކުރާ ބައެކެވެ. ނަމަވެސް ބިދޭސީންނަށް ވަޒީފާ ދިނުމުގައި ޢަމަލުކުރަނީ، ޤާނޫނާ ޤަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ތޯއެވެ؟ ވަޒީފާއިން ވަކިކުރާނަމަވެސް ވަކިކުރަނީ، އުޞޫލާއި އެއްގޮތަށް ތޯއެވެ؟ މި ކަންތައްތަކުގައި ބިދޭސީ މުވައްޒަފުންނަށް ލިބެންޖެހޭ ޙައްޤުތައް ލިބޭތޯއެވެ؟ މިއީ ބިދޭސީން ވަޒީފާގައި ގެންގުޅޭ ފަރާތްތަކަށް ކޮންމެހެން އެނގެންޖެހޭ މަޢުލޫމާތެވެ. ވީމާ، މިކަންތައްތަކަށް ޤާނޫނީ ނަޒަރަކުން ބަލާލަމާތޯއެވެ.

ބިދޭސީންނަށް ވަޒީފާ ދިނުން

ވަކި ވަޒީފާއެއްގެ މަޤާމަށް ހޮވަނީ ބިދޭސީއެއްނަމަ، އެފަރާތަކަށް ވަޒީފާ ލިބުނުކަމުގެ ލިޔުމެއް ނުވަތަ "ލެޓަރ އޮފް އެޕޮއިންޓްމަންޓް" އެއް، އެފަރާތެއް ރާއްޖެ އައުމުގެކުރިން ހަވާލުކުރަންވާނެއެވެ. ސަބަބަކީ، މި ލެޓަރ އޮފް އެޕޮއިންޓްމަންޓް އަކީ ވަޒީފާދޭ ފަރާތާއި ބިދޭސީ މުވައްޒަފާއި ދެމެދު ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރެވެންދެން، ވަޒީފާގެ އެއްބަސްވުން ކަމުގައި ބެލޭނެ ލިޔުމަށް ވާތީއެވެ. މިއާއިއެކު ބިދޭސީ މުވައްޒަފަކު ވަޒީފާ ދިނުމަށްފަހު ރާއްޖެ ގެންނަ ކަމުގައިވާނަމަ، ރާއްޖެ އައުމާއެކު ވީ އެންމެ އަވަހަކަށް އެފަރާތާއެކު ވަޒީފާގެ އެއްބަސްވުމެއްގައި ސޮއިކޮށް ވަޒީފާގެ ބަޔާނެއް ދޭންވާނެއެވެ.

ބިދޭސީއަކަށް ވަޒީފާ ދެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ދޫކުރާ ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާ ހޯދުމަށްފަހު، ދައްކަންޖެހޭ ފީތައް ދައްކާ، އެކަމަށް ބޭނުންވާ އެންމެހާ ހުއްދަތައް ހޯދުމަށްފަހުގައެވެ. ހަމައެހެންމެ، ދިވެހިރާއްޖޭގައި މަސައްކަތެއް ކުރުމަށް ބިދޭސީން ގެނެވޭނީ، މަސައްކަތްކުރުމުގެ ހުއްދަ ނުވަތަ "އެމްޕްލޯއިމަންޓް އެޕްރޫވަލް" އެއް ހޯދުމަށްފަހުގައެވެ. މި ހުއްދައަކީ ކޯޓާގެ މުއްދަތު ހަމަވަންދެން ދޫކުރެވޭ ހުއްދައެކެވެ. ހަމަމިއާއެކު ބިދޭސީއަކު ގެންނަ ކަމުގައިވާނަމަ، މިނިސްޓްރީގައި ޑިޕޮސިޓެއް ބަހައްޓައި، އެފަރާތްތަކުގެ ހުރުން ނުވަތަ "އެކޮމޮޑޭޝަން"، ކަނޑައެޅިފައިވާ އުޞޫލުގެ ތެރެއިން ހަމަޖެހިފައި ހުންނަންވާނެއެވެ.

ބިދޭސީން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުން

ބިދޭސީއަކަށް ވަޒީފާ ލިބިގެން ރާއްޖޭގައި މަސައްކަތްކުރާނަމަ، އެފަރާތަކަށް ރާއްޖޭގައި ހެދިފައިވާ ހުރިހާ ޤާނޫނާ ޤަވާއިދަކަށް ޢަމަލު ކުރަންޖެހޭނެއެވެ. އަދި އެފަރާތެއް މަސައްކަތް ކުރަންޖެހޭނީ، ވަޒީފާދޭ ފަރާތާއި ދެމެދު ވެވިފައިވާ އެއްބަސްވުމާއި އެއްގޮތްވާގޮތުގެ މަތިންނެވެ.

ބިދޭސީންނަށް ލިބިދޭ އެހެނިހެން ޙައްޤުތައް

ޢާންމު އުޞޫލުގެ ދަށުން، ވަޒީފާގައި އުޅޭ ދިވެހި މުވައްޒަފުންނަށް ލިބިގެންވާ ގިނަ އިނާޔަތްތަކާއި ޙައްޤުތަކެއް ބިދޭސީ މުވައްޒަފުންނަށްވެސް ލިބިގެންވެއެވެ. އެގޮތުން އެފަރާތްތަކަށް ޙައްޤުވާ މުސާރައާއި، އިނާޔަތްތަކާ އަދި ޗުއްޓީތައް ލިބިގެންވެއެވެ. މިގޮތުން ބިދޭސީންނަށް މުސާރައާއި އިނާޔަތް ދޭންވާނީ، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގުމުގެ ހުއްދަ ލިބިފައިވާ ބޭންކެއްގައި، އެ ބިދޭސީ މުވައްޒަފެއްގެ ނަމުގައި ހުޅުވިފައިވާ ބޭންކް އެކައުންޓް މެދުވެރިކޮށެވެ. އެކައުންޓެއް ނެތްކަމުގައިވާނަމަ، އެ ފަރާތެއްގެ ނަމުގައި އެކައުންޓެއް ހުޅުވުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ. ހަމައެހެންމެ ވަޒީފާއާއި ގުޅިގެން ކުރިމަތިވާ މައްސަލައެއް ހައްލުނުކުރެވިއްޖެނަމަ، ވަޒީފާ ޓްރައިބިއުނަލަށް ހުށަހަޅައިގެން މައްސަލަ ހައްލުކުރުމުގެ ޙައްޤު ބިދޭސީ މުވައްޒަފަށް އަދި ވަޒީފާދޭ ފަރާތަށް ލިބިގެންވެއެވެ.

ޤާނޫނާއި ކުށް

ކޯޓާ ހޯދުމެއް ނެތި ނުވަތަ ކޯޓާގެ މުއްދަތު ހަމަވުމުން އިތުރުކުރުމެއް ނެތި، ބިދޭސީއަކު ލައްވާ މަސައްކަތްކުރުވުމަކީ މަނާކަމަކެވެ. ހަމައެހެންމެ، ބިދޭސީ މުވައްޒަފަށް ލިބިދޭންޖެހޭ މުސާރައާއި އެހެނިހެން ޙައްޤުތަކުން މަޙްރޫމްކުރުމާއި، އެމްޕްލޯއިމަންޓް އެޕްރޫވަލް ނުހޯދައި ވަޒިފާގައި ބިދޭސީ މަސައްކަތްތެރިއެއް ގެންގުޅުމަކީވެސް މަނާކަމެކެވެ.

ނިންމުން

ބިދޭސީއަކަށް ވަޒީފާދޭނަމަ، ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އެކަންކަން ކުރިއަށް ގެންދިއުމަކީ، ވަޒީފާދޭ ފަރާތަށްވެސް އަދި ވަޒީފާ ލިބޭ ފަރާތުގެވެސް ޙައްޤުތައް ކަށަވަރު ކުރެވިގެންދާނެ ކަމެކެވެ. އަދި ފަހުން ދިމާވެދާނެ ޤާނޫނީ މައްސަލަތަކުން ސަލާމަތްވާނެ ކަމެކެވެ.

އާޓިކަލް ލިޔުނީ ޞަބްރިޔަތު ޙުސައިން

އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިންއަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355