ބ. ގޮއިދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ. މިއަދު އެރަށުގައި އެކަމަށްޓަކާ ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ ޗެއާމަން އަހުމަދު މައޫސޫމާއި މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ.
އެމްޑަބްލިއުއެސްސީން ބުނީ އެ މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ގޮއިދޫއަށް ގެނެސް ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އަދި އެ މަޝްރޫއުގެ ފެނުގެ ނިޒާމް ބެލެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގްގެ 31 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާކަަމަށްވެސް ބުންޏެވެ.
އެ މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން ގޮއިދޫގައި 15.9 ކިލޯ މީޓަރުގެ ދިގު ފެންހޮޅީގެ މައި ނެޓްވޯކު ގާއިމްކޮށް އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތްކޮށް ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބަހައްޓައި ފެން ރައްކާކުރުމަށްޓަކައި 300 ކިއުބިކް މީޓަރުގެ ދެ ތާނގީ ބަހައްޓަން ނިންމާފައިވާކަމަށްވެސް އެމްޑަބްލިއުއެސްސީން މައުލޫމާތުދެ އެވެ.
ނަރުދަމާ ނިޒާމްގެ މަސައްކަތުގެ ދަށުން ގޮއިދޫގައި 8.7 ކިލޯމީޓަރުގެ ދިގު ނަރުދަމާ ނިޒާމްގެ މައި ނެޓްވޯކް ގާއިމްކޮށް 1.1 ކިލޯމީޓަރުގެ ޕަންޕިން ލައިން އަޅައި ތިން ޕަންޕިން ސްޓޭޝަނާއި އެއް ސީ އައުޓް ފޯލް ގާއިމްކުރަން ވަނީ ނިންމައިފައެވެ.
އޭގެ އިތުރުން ގޭގޭގައި ޖަންކްޝަން ބަހައްޓައި ނަރުދަމާ ކަނެކްޝަން ގުޅައިދީ އެގެތަކަށް ނަރުދަމާގެ ނިޒާމްގެ ހިދުމަތް ފޯރުކޮށްދޭނެއެވެ.އަދި ފެނާއި ނަރުދަމާ ނިޒާމް ބެލެހެއްޓުމަށް ބޭނުންވާ ޖެނެޜޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލްކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ނިންމައިފައެވެ.
ގޮއިދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް 22 މަސްދުވަހުން ހިންގާ މަޝްރޫއަށް 46.3 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ބެލެވޭކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.