ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާ އައިޖީއެމްއެޗު ގުޅިގެން ކުރިއަށް ގެންދިޔަ ކާޑިއޮލޮޖީ ކޭމްޕަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
ތިން ދުވަހަށް ކުރިއަށް ގެންދިޔަ މި ކޭމްޕުން 100 އަށް ވުރެ ގިނަ މީހުންނަށް ހިދުމަތް ދީފައިވާއިރު 30 އެކޯކާޑިއޮގުރަފީއާއި، 3 ހޮލްޓަރ އަދި 3 ޓީއެމްޓީ ވަނީ ހަދާފަ އެވެ. މި ކޭމްޕުގައި ބައިވެރިވުމަށް ޖުމްލަ 196 މީހުން ވަނީ ރެޖިސްޓަރ ކޮށްފައެވެ.
ކޭއާރުއެޗުގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވީ، ހޮސްޕިޓަލުން ވަކި ގަވަނިން ބޮޑީއެއްގެ ދަށުން ހިންގަން ފެށުމާއެކު އައިޖީއެމްއެޗުގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބެމުންދާ ކަމަށެވެ.
"ހޮސްޕިޓަލް ވަކި ގަވަނިން ބޮޑީއެއްގެ ދަށުން ހިނގަން ފެށުމާއެކު އަޅުގަނޑުމެންނަށް އައިޖީއެމްއެޗުގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް އެބަ ލިބޭ. މިހާރު ވެސް ވެއިޓް ލިސްޓް ކޮށްފައި އެބަ ތިބި ކާޑިއެކް ކޭމްޕަށް 104 މީހުން. ދެން އޮންނަ ކޭމްޕެއްގައި މި ކޭމްޕުގައި ހިދުމަތް ނުދެވުނު ފަރާތްތަކަށް އިސްކަން ދީގެން ކުރިއަށް ދާނީ. ކާޑިއޮލޮޖިސްޓެއް ދާއިމީ ގޮތެއްގައި ހަމަޖެއްސުމުގެ މަސައްކަތް މި ފެށޭ އަހަރުގެ ތެރޭގައި އަޅުގަނޑުމެން އަނެއްކާވެސް ކުރާނަން. އަދި ނާރުގެ ޑޮކްޓަރެއް ހޯދުމުގެ މަސައްކަތް ވެސް މި ދަނީ ކުރަމުން" އަހްމަދު ދާއޫދު
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކާޑިއޮލޮޖިސްޓެއްގެ ހިދުމަތް ލިބެމުން ނުދާތާ އެއް އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު މިއީ ރައްޔިތުންނަށް މާލެއަށް ދަތުރުކުރުމުގައި ގޮންޖެހުން ހުރި ދަނޑިވަޅެއްގައި ލިބުނު ވަރަށް ބޮޑު ލުއިފަސޭހަ ކަމެކެވެ.
މިހާރު ހޮސްޕިޓަލުގައި 27 ސްޕެޝަލިސްޓުން މަސައްކަތް ކުރާއިރު 19 މެޑިކަލް އޮފިސަރުން ދަނީ މަސައްކަތް ކުރަމުންނެވެ. ދާދި ފަހުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލގައި ވަނީ މުޅީން އަލަށް ކުޑަކަމުދާ ނިޒާމުގެ ބަލިތަކާ ބެހޭ ޑޮކްޓަރަކާއި ކިޑްނީ ބަލީގެ ޑޮކްޓަރެއް ހިދުމަތް ދޭން ފަށާފަ އެވެ.