twitterviber whatsapp telegramfacebookyoutube instagram
19th April 2024

ގާނޫނީ ކޮލަމް: ޖިނާއީ ކުށެއްގެ ސަބަބުން ބޭންކް އެކައުންޓް ފްރީޒް ކުރެވިދާނެތަ؟

Jan 21, 2021

ޖިނާއީ ކުށެއްގެ ތަހްޤީޤުގައި ހުންނަ މީހެއްގެ އެކައުންޓް މޮނިޓަރ ކުރެވިދާނެތޯއެވެ؟ ނުވަތަ ފްރީޒް ކުރެވިދާނެތޯއެވެ؟ އަދި ފްރީޒްކުރެވުނު ކަމުގައިވިޔަސް، އެމީހަކަށް ނޭނގި ފްރީޒްކުރުމުގެ ބާރު ޤާނޫނު ތަންފީޒުކުރާ އިދާރާއަށް ލިބިގެންވޭތޯއެވެ؟ އަދި މިފަދައިން ހިފަހައްޓާފައިވާ އެކައުންޓެއް އަނބުރާ ހޯދުމަށް، ކުށުގެ ތުހުމަތުގައިވާ ފަރާތަށް ކުރެވޭނެކަމަކީ ކޮބައިތޯއެވެ؟ މިއީ އެނގުން މުހިއްމު މަޢުލޫމާތަކަށް ވީހިނދު، މިކަމަށް ޤާނޫނީ ނަޒަރަކުން ބަލާލަމާތޯއެވެ.

އެކައުންޓް މޮނިޓަރ ކުރެވޭނެ ޙާލަތްތައް

ޖިނާއީ ބައެއް ކުށްތަކަކީ އެކުށެއް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭނެ ކުށެވެ. މިފަދަ ކުށެއް ކޮށްފައިވާ މިހާއާއި، އެ ކުށެއް ކުރުމުގައި ބައިވެރިވެފައިވާ މީހާއާއި، އެ ކުށެއް ކުރަންއުޅޭކަމުގެ މަޢުލޫމާތު ލިބިފައިވާ މީހާ އަދި އެ ކުށެއްގެ މަންފާ ސީދާގޮތެއްގައި ނުވަތަ ނުސީދާގޮތެއްގައި ލިބިފައިވާ މީހާގެ އެކައުންޓް މޮނިޓަރ ކުރެވިދާނެއެވެ. އަދި ޖިނާއީ ބޮޑު ކުށެއް ކޮށްގެން މަންފާއެއް ހޯދަންއުޅޭ މީހެއްގެ ބޭންކް އެކައުންޓްވެސް މޮނިޓަރ ކުރެވިދާނެއެވެ. މިސާލަކަށް، މަސްތުވާތަކެތި ވިއްކައިގެން އެކަމުން މަންފާއެއް ލިބިގަތުމުގެ މަގުމަތީގައިވާ މީހެއްގެ ބޭންކް އެކައުންޓް މޮނިޓަރ ކުރެވިދާނެއެވެ.

އެކައުންޓް މޮނިޓަރ ކުރުމަށް ޤާނޫނު ތަންފީޒުކުރާ އިދާރާއިން ޢަމަލުކުރާނެގޮތް

ބޭންކް އެކައުންޓް މޮނިޓަރކުރަން ޤާނޫނު ތަންފީޒުކުރާ އިދާރާއިން، ކޯޓު އަމުރަކަށް އެދޭނެއެވެ. ކޯޓު އަމުރަކަށް އެދުމުން، އެކައުންޓްގެ ވެރިފަރާތުގެ ނަމާއި، އެކައުންޓުން ހިންގާފައިވާ މުޢާމަލާތްތަކުގެ ތަފްސީލު ފޯރުކޮށްދިނުމަށް އެދި އެކައުންޓްހުރި ބޭންކަކަށް ނުވަތަ މާލީ އިދާރާއަކަށް އަންގާނެއެވެ. މިފަދައިން އެކައުންޓްގެ ވެރިފަރާތަށް އެނގޭގޮތަށްވެސް ނުވަތަ ނޭނގޭގޮތަށްވެސް އަމުރު ނެރުމުގެ ބާރު ޤާނޫނު ތަންފީޒުކުރާ އިދާރާއަށް ލިބިގެންވެއެވެ. މިސާލަކަށް، ބެންކެއްގެ އެކައުންޓެއް މޮނިޓަރ ކުރުމަށް އަމުރަކަށް އެދިއްޖެނަމަ، އެ ބޭންކް އެކައުންޓަކުން ކޮށްފައިވާ މުޢާމަލާތްތަކުގެ ތަފްސީލު އެންގުމަށް ކޯޓުން އެ ބެންކަށް އަންގާނެއެވެ.

އެކައުންޓްގައިވާ ފައިސާ ހިފެހެއްޓުން ނުވަތަ މުޢާމަލާތްކުރުން ހުއްޓުވޭނެ ޙާލަތްތައް

ކޯޓު އަމުރެއްގެ ދަށުން މޮނިޓަރ ކުރެވެމުންދާ އެކައުންޓަކުން ޖިނާއީ ބޮޑު ކުށެއް ކުރާކަން ފާހަގަވާނަމަ، އެ އެކައުންޓެއްގައިވާ ފައިސާ ވަކި މުއްދަތެއް ވަންދެން ހިފެހެއްޓުމުގެ ނުވަތަ އެ ފައިސާއިން ވަކި މުއްދަތެއް ވަންދެން މުޢާމަލާތްކުރުން ހުއްޓުވުމުގެ އަމުރަކަށް ޤާނޫނު ތަންފީޒުކުރާ އިދާރާއިން ކޯޓުގައި އެދެވިދާނެއެވެ. މިސާލަކަށް، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށުގެ ތުހުމަތުކުރެވިގެން މީހެއްގެ އެކައުންޓް މޮނިޓަރ ކުރެވެމުން ދަނިކޮށް، އެ އެކައުންޓުން ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށް ކުރަމުންދާކަން ފާހަގަކުރެވިއްޖެނަމަ، އެ އެކައުންޓެއްގައިވާ ފައިސާއިން މުޢާމަލާތްކުރުން ހުއްޓުވުމަށް ކޯޓު އަމުރަކަށް އެދެވިދާނެއެވެ.

ހިފަހައްޓާފައިވާ އެކައުންޓްގައިވާ ފައިސާ ބަލަހައްޓާނެ ފަރާތް

އެކައުންޓެއްގައިވާ ފައިސާއިން މުޢާމަލާތްކުރުން ހުއްޓުވާފައިވާނަމަ އެ މުޢާމަލާތްކުރުން ހުއްޓުވި ފައިސާއެއް ބަލަހައްޓަމުން ގެންދާނީ، އެ އެކައުންޓް ނިސްބަތްވާ މާލީ އިދާރާއަކުން ނުވަތަ މުޢާމަލާތްކުރުން ހުއްޓުވިއިރު އެކައުންޓެއްގައިވާ ފައިސާ ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ފަރާތަކުންނެވެ. އެކައުންޓެއްގައިވާ ފައިސާ ހިފެހެއްޓުމުގެ އަމުރެއް ނެރެފިނަމަ، އެ ފައިސާއެއް ބަލަހައްޓާނީ ޤާނޫނު ތަންފީޒުކުރާ އިދާރާގެ ބެލުމުގެ ދަށުންނެވެ.

އެކައުންޓް މޮނިޓަރ ކުރުން ނުވަތަ ހިފެހެއްޓުން ނިމުމަކަށް ގެނައުން

އެކައުންޓް މޮނިޓަރ ކުރުމަށް ނުވަތަ ފައިސާ ހިފެހެއްޓުމަށް ކޯޓުން ނެރުނު އަމުރުގެ މުއްދަތު ހަމަވުމުން، ޤާނޫނު ތަންފީޒުކުރާ އިދާރާއިން މުއްދަތު އިތުރުނުކުރާނަމަ، އެ އަމުރުގެ މުއްދަތު ހަމަވުމުން މޮނިޓަރ ކުރުން ނުވަތަ ފައިސާ ހިފެހެއްޓި ހިފެހެއްޓުން ނިމުމަކަށް އަންނާނެއެވެ. ކޯޓު އަމުރުގެ މުއްދަތު ހަމަނުވިނަމަވެސް، ކޯޓު އަމުރު ހޯދި ބޭނުން ޙާސިލްވެއްޖެނަމަ ނުވަތަ މޮނިޓަރ ކުރުމުގެ ނުވަތަ އެކައުންޓް ހިފެހެއްޓުމުގެ ބޭނުން ފިލައިގޮސްފިނަމަ، އެ އަމުރު ބާޠިލުކުރުމަށް ޤާނޫނު ތަންފީޒުކުރާ އިދާރާއިން ކޯޓުގައި އެދެންވާނެއެވެ. އެކައުންޓްގައިވާ ފައިސާ ހިފަހައްޓާފައިވާ ހިފެހެއްޓުން ނިމުމަކަށް ގެނައުމަށް، ކުށުގެ ތުހުމަތުކުރެވޭ މީހާ ނުވަތަ އެކަމުގެ މަސްލަޙަތު އޮތް ތިންވަނަ ފަރާތަކަށް ކޯޓަށް ހުށަހެޅިދާނެއެވެ.

ނިންމުން

އެކައުންޓެއްގައިވާ ފައިސާ ހިފެހެއްޓުން ވެގެންދާނީ، އެ އެކައުންޓެއްގެ ވެރިފަރާތަށާއި އެފަރާތުގެ ޢާއިލާއަށް އެކަމުން މާލީ ދަތިތަކެއް ކުރިމަތިވެދާނެ ކަމަކަށްވާއިރު، އެފަދައިން އެކައުންޓެއް ހިފެހެއްޓެނީ ކޮން ޙާލަތްތަކެއްގައިކަން އެނގިތިބުމަކީ މުހިއްމު ކަމެކެވެ.

އާޓިކަލް ލިޔުނީ ޠާހިރާ ޢުމަރު

އަލްއުސްތާޛާ ޠާހިރާ ޢުމަރަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355