twitterviber whatsapp telegramfacebookyoutube instagram
26th April 2024

ރީތި މިސްކިތް: ވަށައިގެންވާ ބަގީޗާގެ ޖާދޫ!

އަބްދުލް ވާހިދު ޙަސަން
Jan 22, 2021
2

މިސްކިތުގެ ވަށައިގެން ވަނީ ތަފާތުއެކި މާމެލާމެލީގެ ގަސްތަކެވެ. މުޅި ސަރަހައްދުގައި ފެހިކަމާއި އާރޯކަމެވެ. މިސްކިތުގެ ގޯތިތެރެއަށް ވަނުމާއެކު ރީތި ބަގީޗާގެ ހިތްގައިމުކަން ފެނި، ނުތަނަވަސްކަން ފިލުވާލައި މީހާ ތާޒާކޮށްލަ އެވެ. މިއީ ހދ ނޮޅިވަރަންފަރުގެ ތައުބާ މިސްކިތެވެ.

މި މިސްކިތްތަކީ ތަފާތު، ރީތި ފަރުމާއަކަށް ބިނާކޮށްފައިވާ ވަރަށް ފުރިހަމަ މިސްކިތެވެ. 2019 ވަނަ އަހަރު ހުޅުވި މި މިސްކިތް، އެރަށުގެ ވިޔަފާރިވެރިއެއް ކަމަށްވާ އަލީ ރަޝީދުގެ ހަރަދުކޮށް އިމާރާތްކުރި މިސްކިތެކެވެ.

މި ރަށަށްދާ ކޮންމެ މީހަކުވެސް މި މިސްކިތުގެ ފުރިހަމަކާއި ރީތިކަމުގެ ވާހަކަ ދައްކަ އެވެ. އެއީ، ތަފާތު ފަރުމާއަކަށް ހުރުމަކުން އެކަންޏެއް ނޫނެވެ. މިސްކިތުގެ ގޯތިތެރޭގައި ހައްދާފައިވާ ބަގީޗާއަކީ މީހުން ހިތްކިޔާ މައިގަނޑު އެއް ސަބަބެވެ. މިއީ ރާއްޖޭގައި ހުރި އެންމެ ހިތްގައިމު ރީތި މިސްކިތޭ ވެސް ބުނެވިދާނެއެވެ.

އެރަށުގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކު ވިދާޅުވީ، މިސްކިތުގެ ފުރިހަމަކާއި ރީތިކަން އެންމެ ގިނަ ބަޔަކު ސިފަ ކުރަނީ ވަށައިގެންވާ ފެހި ބަގީޗާއިން ކަމަށެވެ. ބަގީޗާ ހައްދާފައި އޮތް ގޮތުންވެސް އެއީ ވަރަށް ބަލައިގެން ވަކި އުސޫލެއްގެ ތެރެއިން ހައްދާފައިވާ ބަގީޗާއެއްކަން އެނގެ އެވެ. އޭނާ ވިދާޅުވީ، މިސްކިތް އިމާރާތްކުރަން ފެށުމާއެކު ބަގީޗާ ހައްދަން ފަށާފައިވާ ކަމަށާއި އެކަން ފުރަތަމަ ވެސް ފެށީ މިސްކިތް، އިމާރާތްކުރި އަލީ ރަޝީދުކަމަށެވެ.

މިސްކިތުގައި ގަސް ބަގީޗާ ހައްދަން ފެށުނު ސަބަބު ކިޔައިދެއްވަމުން އަލީ ރަޝީދު ވިދާޅުވީ، މިސްކިތް ހެދިއިރު ވިސްނުން ހުރީ އޭސީ ކުރުމުގެ ބަދަލުގައި ގިނަ ދޮރުތައް ލައި މިސްކިތް ވައި ވަންނާނެހެން ހެދުމަށް ކަމަށެވެ. އެހެންވެ ބަގީޗާ ހައްދަން ފެށީ މިސްކިތުގެ ތެރެ ފިނިކުރުމަށް ކަމަށް އަލީ ރަޝީދު ވިދާޅުވި އެވެ. ބޮޑު ފެންޑާއެއް މިސްކިތުގައި ލުމުގެ ބޭނުމަކަށްވީވެސް މިސްކިތް ވީހާވެސް ހޫނުން ދުރުކޮށް ފިނިކޮށް ބޭއްވުމަށް ކަމަށެވެ.

"ގަސް ހައްދާލީމަ ސަރަހައްދު ފިނިވާނެ. މިސްކިތްތެރެ ފިނިކޮށްފައި ބޭނުމަށް އެވަރަށް ގަސް ހެއްދީ." ވިޔަފާރިވެރިޔާ އަލީ ރަޝީދު ވިދާޅުވި އެވެ.

މިސްކިތުގެ ގޯތިތެރޭގައި ކާޕެޓް ވިނަ ހެއްދީވެސް ވެލިގަނޑު ނުވަތަ ގާ އަތުރާފައި ހުންނައިރު ވާ ހޫނު މަޑުކުރުމަށެވެ. އަލީ ރަޝީދު އެ މަސައްކަތް ފެށިނަމަވެސް މިހާރު އެކަމުގައި މަސައްކަރްކުރަނީ އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ. ދެ މުވައްޒަފުން މަސައްކަތްކުރާ އެ މިސްކިތުގައި ގަސް ހެއްދުމުގެ މަސައްކަތުގައި މިހާރު އުޅެނީ އެތަނުންގެ މުވައްޒަފުން ކަމަށާއި އެ މީހުން ވަރަށް ރީތިކޮށް ޝައުގުވެރިކަމާއެކު ގަސްތައް ބަލައްޓައި ކޮށައި ހަދައިކަމަށް އޭނާ ވިދާޅުވި އެވެ. އަލީ ރަޝީދު ވިދާޅުވީ، މިހާރުވެސް ރަށްރަށުން ރީތި ގަސް ގެނެސް މިސްކިތުގައި އިންދާ ކަމަށާއި ވަރަށް ފަހުން ކުޅުދުއްފުށިންވެސް ގަސްތަކެއް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިސްކިތުގެ ފެންޑާ ބައިގައިވެސް ޕޮޓްގައި ރީތި މާގަސް ހައްދައިފައި ހުރިއިރު އެބައިގައި ގަސް އިންދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ. ވަކި ތަރުތީބަކަށް ފެންޑާގައި ގަސްތައް ބަހައްޓާފައިހުރިއިރު އެސަރަހައްދުވެސް ފެންނިގެންދަނީ ވަރަށް ހިތްގައިމުކޮށެވެ. އެ ސަރަހައްދުގައި އިތުރަށް މާ ގަސް އިންދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ އަލީ ރަޝީދު ވިދާޅުވި އެވެ.

ނޮޅިވަރަންފަރަކީ ގިނަ ބަޔަކު ޕިކްނިކް ހަދަންދާ ރަށެއް ނަމަވެސް މިއަދު އެރަށުގެ މި ނަލަ ހިތްގައިމު މިސްކިތް ބަލާލަންވެސް ގިނަ ބަޔަކު އެރަށަށް ޒިޔާރާތްކުރެ އެވެ. އެރަށުން ވާހަކަ ދެއްކި ބައެއް މީހުން މައުލޫމާތުދޭ ގޮތުގައި މިސްކިތުގެ ފަރުމާގެ އިތުރުން މިސްކިތުގެ ފެހި ބަޖީޗާ ބަލާލުމަށްވެސް މީހުން އެރަށަށް މިހާރު ގޮސް އުޅެ އެވެ.

"ކުރިން މީހުން އަންނަނީ ޕިކްނިކް ހަދާލާ މޫދު އެރިލަން. ރަށުތެރެއަށް ވަރަށް ނާރާނެ. އެކަމަކު މިހާރު އެގޮތަށް ޕިކްނިކް ހަދާލަން އަންނަ މީހުންވެސް މިސްކިތް ބަލާލުމަށް އާދޭ." އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އަލީ ރަޝީދު ވިދާޅުވީ، ވަރަށް ފަހުންވެސް މިސްކިތް ބަލާލުމަށް އަވައްޓެރި ދެ ރަށެއްގެ މިސްކިތެއްގައި މަސައްކަތްކުރާ ދެ މުވައްޒަފަކު އައިސް ބަޖީޗާގެ ރީތިކަމާއި ފެހިކަމުގެ ވާހަކަ ދެއްކި ކަމަށެވެ. އަދި އެ މީހުންނަށް އެރަށްރަށުގެ މިސްކިތުގައި އިންދުމަށް އެތަނުން ގަސް ގެންދިޔަކަށްވެސް އޭނާ ވިދާޅުވި އެވެ.

ފުރިހަމަ ރީތި މިސްކިތުގެ ވަށައިގެންވާ މި ބަގީޗާއިން މުޅި ސަރަހައްދަށް ދިރުން ގެނުވަ އެވެ. އެހާވެސް ހިތްގައިމެވެ. އެއްފަހަރާ 1200 މީހުންނަށް ނަމާދުކުރެވޭ މި މިސްކިތުގައި މޯޗަރީއެއް ހެދުމަކީވެސް އަލީ ރަޝީދު ބޭނުންވާ ކަމެކެވެ. އަދި އެކަމަށް އެދި އޭނާ ވަނީ ކައުންސިލްގައިވެސް އެދިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355