ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ގިނަ މީހުން އެއްކޮށްގެން ކެމްޕެއިން ޖަލްސާތަކާއި އެއްވުންތައް ނުބާއްވައި އޮންލައިން ޕްލެޓްފޯމުތަކުން ކެމްޕެއިން ކުރަން އިންތިހާބާ ބެހޭ ގައިޑްލައިންގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހިމަނައިފި އެވެ.
އެޗްޕީއޭ އިން އަދި އާއްމުނުކުރާ ގައިޑްލައިންގައި ބުނީ ތާއީދު ހޯދުމުގެ ހުރިހާ ހަރަކާތެއް ކެންޑިޑޭޓުން ކުރިއަށް ގެންދަން ވާނީ އެތަނުން އާއްމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގައި އިންތިހާބު ބާއްވާއިރު އެ ބަލި ފެތުރުން ކޮންޓްރޯލްކުރަން ހަރުކަށި ފިޔަވަޅުތަކަކަށް އަމަލުކުރަން އެ ގައިޑްލައިންގައި ވަނީ ލާޒިމުކޮށްފަ އެވެ. އިންތިހާބު އިއްޔެ އިއުލާންކުރުމާ އެކު ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވައިފަ އެވެ.
ކެންޑިޑޭޓުންނަށް ތާއީދު ހޯދަން ރަށްރަށަށް ދަތުރުކުރާ ނަމަ ކަރަންޓީނުގެ އުސޫލަށް ތަބާވާން ޖެހޭނެ ކަމަށް ގައިޑްލައިންގައިވެ އެވެ. މާނައަކީ މާލެ އިން މީހުން ގޮސް ރަށްރަށުގައި ކެމްޕޭން ހަރަކާތެއް ބޭއްވޭނީ ކަރަންޓީނުގެ 10 ދުވަހުގެ މުއްދަތު ހަމަވެ، ބަލި ފެތުރުމުގެ ފުރުސަތު ނެތް ކަން ކަށަވަރުވުމުންނެވެ.
އަދި ގައިޑްލައިންގައި އެޗްޕީއޭ އިން ލަފާ ދީފައި އޮތީ ގޭގެ އަށް ގޮސްގެން ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ބަދަލުގައި އޮންލައިން ޕްލެޓްފޯމްތައް އިހްތިޔާރު ކުރުމަށެވެ. ނަމަވެސް ގޭގެއަށް ޒިޔާރަތް ކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 2 މީހުންނަށް ވުރެން ގިނައިން ނުދިއުމަށާއި މާސްކު އަޅައިގެން ތިބުމަށާއި ގައިދުރުކަން ބެހެއްޓުމަށްވެސް ބުނެފައި ވެއެވެ.