twitterviber whatsapp telegramfacebookyoutube instagram
19th April 2024

ގާނޫނީ ކޮލަމް: އަނިޔާ ލިބުނު ގޮތާއިމެދު ޝައްކު ކުރެވެނީތޯއެވެ؟

Jan 28, 2021

ތަނަކަށް ތަދުވެގެން ޑޮކްޓަރަށް ދައްކަން އަންނަ މީހެއްގެ ފަރާތުން، ގެވެށި އަނިޔާ ލިބިފައިވާކަމުގެ ނިޝާންތަކެއް ފެނުނީތޯއެވެ؟ ނުވަތަ ހާނިއްކައެއްވެގެން ފަރުވާ ހޯދުމަށް އައިސް، ހާނިއްކަ ލިބުމަށް މެދުވެރިވި ސަބަބު ބަޔާންކުރަން ފަސްޖެހި ނުރަނގަޅު މަޢުލޫމާތު ދޭކަން ފާހަގަވީތޯއެވެ؟ މީހަކު ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ކަމުގެ ތުހުމަތު ކުރެވިއްޖެ ހިނދު، އޭނާގެ ޙިމާޔަތާއި ރައްކާތެރިކަމަށްޓަކައި އެކަން ފުލުހުންނާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ރިޕޯޓުކުރުމަކީ، އެކަން ފާހަގަކުރެވުނު ޞިއްޙީ ޚިދުމަތްތެރިއެއްގެ މައްޗަށް އޮތް ޒިންމާއެކެވެ. އެހެންކަމުން، ގެވެށި އަނިޔާގެ ޢަމަލެއް ހިނގަމުންދާކަން ނުވަތަ ހިނގައިފިކަން އެނގޭ ހިނދު، ޤާނޫނީ ގޮތުން ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތެރިންނާއި ފުލުހުންގެ ދައުރަކީ ކޮބާތޯ ބަލާލަމާތޯއެވެ.

ޞިއްޙީ ޚިދުމަތްތެރިންގެ ޒިންމާ

ޞިއްޙީ ޚިދުމަތްދޭ ފަރާތަކަށް ގެވެށި އަނިޔާގެ ޢަމަލެއް ހިނގާފައިވާކަމަށް އެއްވެސް ވަރަކަށް ޝައްކު ކުރެވިއްޖެނަމަ، އެކަން ލަސްނުކޮށް ފުލުހުންނަށް ހުށަހަޅަންވާނެއެވެ. މިފަދަ ޢަމަލެއް ހިނގައިފިކަން ފުލުހުންގެ ފަރާތުން ޞިއްޙީ ޚިދުމަތްތެރިއެއްގެ ސަމާލުކަމަށް ގެނައިކަމުގައި ވީނަމަވެސް ނުވަތަ ޞިއްޙީ ޚިދުމަތްތެރިއަކަށް އެފަދަ ކަމެއް ޝައްކު ކުރެވިއްޖެނަމަވެސް، ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ ކަމަށް ޝައްކުކުރެވޭ މީހާ އެގްޒެމިން ކުރެވެންއޮތް އެންމެމަތީ ދަރަޖައަކަށް އެގްޒެމިން ކުރުމަކީ، އެ ޞިއްޙީ ޚިދުމަތްތެރިއެއްގެ ޒިންމާއެކެވެ. އަދި އެފަރާތަށް އިތުރު އެހީ ހޯދޭނެ ގޮތްތަކަކީ ކޮބާކަން ބުނެދީ، ނަފްސާނީ އެހީ ނުވަތަ ކައުންސިލިން ހޯދުމަށް އެހީތެރިކަން ފޯރުކޮށްދޭން ވާނެއެވެ. ހަމައެހެންމެ ޖިސްމާނީ ނުވަތަ ޖިންސީ އަނިޔާއެއް ލިބިފައިވާ ފަރާތެއްނަމަ އެފަރާތެއް އެގްޒެމިންކޮށް، އެ އެގްޒެމިނޭޝަންގެ މައްޗަށް ބިނާކޮށް ލިޔުމުން ރިޕޯޓެއް ތައްޔާރުކުރުމަށްފަހު ފުލުހުންނާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ޙިއްޞާ ކުރަންވާނެއެވެ.

އިޖުތިމާޢީ ޚިދުމަތްތެރިންގެ ޒިންމާ

އިޖުތިމާޢީ ޚިދުމަތްތެރިންނަށްވެސް ގެވެށި އަނިޔާގެ ޢަމަލެއް ހިނގާފައިވާކަން ޝައްކުކުރެވިއްޖެނަމަ ނުވަތަ އެނގޭނަމަ، އެކަން ފުލުހުންނަށް ހުށަހެޅުމާއެކު އަނިޔާގެ ޝިކާރައަކަށްވީ މީހާއަށް އެހީ ހޯދޭނެ ތަފާތު ގޮތްތަކުގެ ލަފާދީ، އޭނާއަށް ނަފްސާނީ އެހީ ނުވަތަ ކައުންސިލިން ހޯދުމަށް އެހީތެރިކަން ފޯރުކޮށްދީ، އެންމެހައި ކަންކަމުގައި މަގުދައްކައި އެހީތެރިވެދޭން ވާނެއެވެ. އެގޮތުން، ޤާނޫނީ ގޮތުން ލިބިދޭ ޙައްޤުތަކާއި ފަރުވާ ތަފްސީލުކޮށް ބަޔާން ކޮށްދޭންވާނެއެވެ.

ހަމައެހެންމެ، ގެވެށި އަނިޔާގެ ހާދިސާއެއް ހިނގާފައިވާ ތަނަކަށް އިޖުތިމާޢީ ޚިދުމަތްދޭ ފަރާތެއް ފޮނުވައިދިނުމަށް ފުލުހުން އިދާރާއެއްގައި އެދިއްޖެ ހިނދެއްގައި، އެކަން ހަމަޖައްސައިދިނުމާއި އެތަނަށް މީހަކު ފޮނުވައިދިނުމަކީ އިޖުތިމާޢީ ޚިދުމަތް ފޯރުކޮށްދޭ ފަރާތުގެ ޒިންމާއެކެވެ. އެހެންނަމަވެސް އެ އިދާރާއަކުން މީހަކު ފޮނުވައިދެވެން ނެތް ޙާލަތެއްނަމަ، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން މީހަކު ފޮނުވައިދިނުމަށް އެދުމާއިއެކު، ފުލުހުންނަށް އެކަން އަންގަންވާނެވެ. މީގެއިތުރުން، އަނިޔާގެ ޝިކާރައަކަށްވީ މީހާއަށް އެހީތެރިވެދިނުމުގެ ގޮތުން، އަނިޔާ ލިބިފައިވާ މީހާ ރައްކާތެރިކަމުގެ މަރުކަޒަކަށް ނުވަތަ އެމީހެއް އިތުބާރުކުރާ ތިމާގެ މީހެއް ނުވަތަ އިތުބާރުކުރާ ރަޙުމަތްތެރިއެއްގެ ގެއަށް ގެންގޮސްދޭންވާނެއެވެ. އަދި ފުލުހުންނާ ގުޅިގެން ރައްކާތެރިކުރުމުގެ އަމުރު ތަންފީޛު ކުރެވެމުންދާކަން ކަށަވަރު ކުރަންވާނެ

ފުލުހުންގެ ޒިންމާ

ގެވެށި އަނިޔާގެ ޢަމަލެއް ހިނގައިފިކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބިއްޖެނަމަ، އެކަން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް އެންގުމަށާއި، އެކަން ބެލުމަށް އަދި އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ލަސްނުކޮށް މަސައްކަތް ފަށަންވާނެއެވެ. އެގޮތުން، އެ ޢަމަލެއް ހިނގިކަމަށް ތުޙުމަތުކުރެވޭ ތަނަށް ޙާޟިރުވެ އެކަމާ ގުޅޭ ހުރިހާ މަޢުލޫމާތެއް ސާފުކޮށް، ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާއަށް ޤާނޫނުގެ ދަށުން ލިބިދޭ ޙައްޤުތަކާއި، ލިބިދެވޭ ފަރުވާ އޭނާއަށް ތަފްޞީލުކޮށް ބަޔާންކޮށްދޭންވާނެއެވެ. ހަމައެހެންމެ، ޞިއްޙީ ފަރުވާ ހޯދަންޖެހޭފަދަ ކަމެއް ޖިސްމާނީގޮތުން ނުވަތަ ނަފްސާނީގޮތުން ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާއަށް ކުރިމަތިވެފައި ވޭތޯ ބެލުމަށްޓަކައި، ޞިއްޙީ ފަރުވާ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދޭންވާނެއެވެ. އަދި ޞިއްޙީ ފަރުވާ ދިނުމުގައި ހެކި ގެއްލިދާނެ ފަދަ ޢަމަލެއްކަމަށް ފުލުހުންނަށް ޤަބޫލުކުރެވޭ ކޮންމެކަމެއް ނުކުރުމަށް އެންގުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ. މީގެ އިތުރުން، އަނިޔާގެ ޝިކާރައަށްވީ ފަރާތަށާއި، ޢަމަލު ރިޕޯޓް ކުރިފަރާތަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމާއި، ކަން ހިނގާދިޔަގޮތުގެ ރިޕޯޓެއް ތައްޔާރުކުރަންވާނެއެވެ.

މައްސަލައާއި ގުޅުންހުރި އެންމެހައި ފަރާތްތައް ހޯދުމާއި، އެފަރާތްތަކާ ބައްދަލުކޮށް އެފަރާތްތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދުމާއި، ހެކިބަސް ހޯދަންޖެހޭ މީހުންގެ ހެކިބަސް ހޯދުމާއި، އަނިޔާގެ ޢަމަލު ހިންގި މީހާ ހައްޔަރުކުރަންޖެހޭ ޙާލަތުގައި ހައްޔަރުކުމާއި، މައްސަލައިގެ ތަޙުޤީޤު ނިންމައި، ދަޢުވާ ކުރެވިދާނެކަމަށް ޤަބޫލުކުރެވެން އޮތް މައްސަލަތަކުގައި ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވުމަކީވެސް ފުލުހުންގެ ޒިންމާއެކެވެ.

ނިންމުން

ގެވެށި އަނިޔާގެ ހުއްޓުވުމަށްޓަކައި އެ ޢަމަލުގެ ތަޙުޤީޤުގެ މަރުޙަލާގަޔާއި ޝަރީޢަތުގެ މަރުޙަލާގައި، ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާގެ މަޞްލަޙަތަށް އުނިކަމެއް ނާންނާނެ ގޮތުގެމަތިން އަދި އޭނާގެ މަޞްލަޙަތު ޙިމާޔަތްވެ ދެމިއޮންނާނެ ގޮތުގެމަތިން އެއްބާރުލުން ދިނުމަކީ، ފުލުހުންނާއި ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތެރިންގެ ޒިންމާއެކެވެ.

އާޓިކަލް ލިޔުނީ ޞަބްރިޔަތު ޙުސައިން

އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިންއަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355