twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކުޅުދުއްފުށީގެ ހިތްގައިމުކަން މަރާލަނީ ހަސަދަވެރި ދެކޮޅުވެރިކަމުން!

ޚަދީޖާ އާދަމް
Feb 5, 2021
8

ކޮވިޑާއެކު އަހަރެމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް ގެނުވިއެވެ. ޒާތީ ދިރިއުޅުމާއި އިޖުތިމާއީ ދިރިއުޅުމަށްވެސްމެއެވެ. އެންމެ ބޮޑަށް ބުނެދިން ފިލާވަޅަކީ އަމިއްލަ ނަފުސަށާއި ގުދުރަތަށް ބަހައްޓަން ޖެހޭ އަހަމިއްޔަތު ކަމެވެ. ރަށުގައި ބަންދުވެ، ގޭގައި ބަންދުވެގެން ވެސް ތިބެން ޖެހުމުން ކަންކަން މުޅިން ބަދަލުވެ، ދެކޭ ގޮތް ވެސް ބަދަލުވިއެވެ. އޭގެ މަލަމަތި ރަށްރަށުން ވަރަށް ބޮޑަށް އެބަ ފެނެއެވެ.

އެގޮތުން ރަށުގައި ހުސް ބިމެއް ނުވަތަ ރީތި ކުޅި، ފާ ފަދަ ތަނެއް ނޫންނަމަ ގޮނޑުކޮށްފައި އޮތް ބީޗެއް އޮތަސް އެތަން، ތަނަކަށް ހަދައިފިއެވެ. ރީތި ބީޗްތައް ރީތި ނަން ނަމުގައި ތަރައްގީކޮށް، ނޭޗާ ޕާކްތައް ހަދައިފިއެވެ. އެ ތަންތަނުން މީހުން ހުސް ނުވެއެވެ. މިއީ ވަރަށް ގިނަ ރަށްރަށުން ފެންނަން އޮތް ހިތްގައިމު މަންޒަރެވެ. އެކަމަކު، މީގެން ކަމެއް، މަންޒަރެއް މިއޮތް ބޮޑު ކުޅުދުއްފުށީ ސިޓީއިން ނުފެނެއެވެ.

ރޫހެއް ނެތް، ކުޅުދުއްފުށީގައި ނުހަނު ރީތި ދެ ކުޅި އެބައޮތެވެ. އާންމުކޮށް މޫދު އެރޭ ތިން ސަރަހައްދެއް އެބައޮތެވެ. މި ތަންތަނަށް ގޮސް އުޅޭ ޒުވާނުނެއް ވެސް މަދެއް ނޫނެވެ. ޒުވާނުންގެ އާބާދީ މި ރަށުގައި އެހާ ބޮޑު ވެސްމެއެވެ. ރަށުގައި މަދަނީ ޖަމިއްޔާތަކާއި ގްރޫޕްތައް ވެސް އެބަ އޮވެއެވެ. ނެތީ ހަމަ އެންމެ ކަމެކެވެ. ރޫހެވެ. ލީޑަރޝިޕެވެ. ކަމެއް ކުރުމަށް ނުކުމެ، އިސްނެގުމެވެ.

އެހެން ރަށްރަށާ ބަލާފަ ކުޅުދުއްފުށީގައި ވަސީލަތްތައް މާގިނައެވެ. އެހީ ލިބޭނެ ފުރުސަތުތައް ވެސް އެކި ކޮޅުކޮޅުމަތިން އެބަހުރިމެއެވެ. އެހެން ރަށްރަށުންވެސް މި ފަދަ ތަންތަން ހަދަނީ ޒުވާނުން އިސްވެ ކައުންސިލްގެ އެހީއާއެކުއެވެ. ބައެއް ރަށްރަށުގައި ޒުވާނުންނާއި ވިޔަފާރިތައް ގުޅިގެންނެވެ. ނޫނަމަ ދެންވެސް އެހެން ގޮތްގޮތުންވެސް އެހީ ހޯދައިގެން އެންމެ އެކުގައެވެ. ނަމަވެސް ކުޅުދުއްފުށީގައި ކައުންސިލްގެ އެހީ ހޯދުން ނުވަތަ ކައުންސިލާއެކު މަޝްވަރާކުރުން ސިފަވެފައި އޮންނަނީ ވަރަށް ދަށް ކަމެއްގޮތުގައެވެ. ރަށުގެ ބޮޑުންނާއި ޖަމިއްޔާތަކާއި ޒުވާނުންވެސް ވިސްނުމާއި ފިކުރުގެ ތަފާތު ދޫކޮށް މިފަދަ ރަށަށް ރީތި ނަން ލިބޭ ކަންކަމުގައި އެއްގަލަށް އަރަށް ދަސްކުރަން ވެއްޖެއެވެ.

މީގެ ވިއްސަކަށް ފަންސަވީހަކަށް އަހަރު ކުރިން ރަށުތެރެއިން ފެންނަމުންދިޔަ އެކުވެރިކަން އާލާ ކުރަން މި ނޫން ވަގުތެއް ދެން ނާންނާނެއެވެ.

ރަށުގެ ވެރިންގެ ގޮތުގައި އާއި އެހެން ވެސް ގޮތްގޮތުން ކިތަންމެ ގާބިލް، ކިވައިގެން ތިބި ޒުވާނުން ތިބި ނަމަވެސް މިފަދަ ކަންކަމުގައި ރަށާ މެދު ވިސްނާނުލާނަމަ، އެމީހުންގެ ފައިދާއެއް ރަށަކަށް ނުލިބޭނެއެވެ. ޒުވާނުންގެ ވިސްނުން ރަށުގެ އެއްބައިވަންތައްކަމާ، ގުޅިގެން އިޖުތިމާއި ކަންކަމުގައި އަތްގުޅާލައިގެން މަސައްކަތް ކުރުމާމެދު މެދު ނުވިސްނާނަމަ، ގާބިލް ކަމެއް ނެތެވެ.

އެހެން ރަށްރަށާ ހިލާފަށް ކުޅުދުއްފުށީ ސިޓީގައި މި ބުނާ ރޫހު ނޯންނަ އެންމެ ބޮޑު ސަބަބަކީ، ދެކޮޅުވެރިކަމެވެ. ހަގީގަތަކީ އެންމެ ދެކޮޅުވެރިކަން އޮންނަނީ ޒުވާނުންގެ މެދުގައި ކަމެވެ. އެކި ގްރޫޕުތަކަށް ބެހި އެއްބަކު ތަރައްގީކުރާ ތަނެއް އަނެއްބަޔަކު ހަލާކުކޮށްލުން ފަދަ ކަންކަން މަދުން ނަމަވެސް ފެނިފައި އެބަހުއްޓެވެ. ނުބައި މި ދެކޮޅުވެރިކަމުގެ ބަދަލުގައި އޮންނަންވީ ސުލްހަވެރި ވާދަވެރިކަމެވެ. އެއް ބަޔަކަށް ވުރެ ރަނގަޅަށް ނުވަތަ މޮޅަށް ރަށަށް ހިދުމަތެއް ކޮށް ދިނުމުގެ ވާދަވެރިކަމެވެ.

ގިނަ ފަހަރު މައްސަލާގައި ބެދި އަވަދި ވަނީ ރަށު ކައުންސިލެވެ. ކައުންސިލްގެ ނާގާބިލް ކަމަށް ބުނެ ހުރިހާ ކަމެއް ޖަހަނީ ކައުންސިލްގެ ބޮލަށެވެ. ރަށުގައި ހިންގާ މަޝްރޫއުތައް ފެށުމުގެ ކުރިން އެކަންކަމަށް މައުލޫމާތު ދިނުމަށް ބާއްވާ ޖަލްސާތަކަށް ހިޔާލު ފާޅުކުރަން ދާކަށްވެސް ގިނަ ފަހަރު ބޭނުމެއް ނުވެއެވެ. އާހިރުގައި އެ މަޝްރޫއެއް ނިމޭއިރު އެތަނުގައި އެންމެ ގާ ފުކެއްވެސް ރައްޔިތުން ބޭނުންވާ ގޮތަށް އޮންނަ ކަމަކަށް ނުވެއެވެ. އެކަމާއި އެންމެ ބޮޑަށް އަޑުއުފުލަނީ ސޯޝަލް މީޑީޔާގައި ޒުވާނުންގެ ސްޓޭޓަސްތަކެވެ. ޒުވާނުންގެ ޒިންމާ އަދާކުރާ ކޮފީ މޭޒުތަކެވެ. މި މޭޒުން އަދި މިކަމެއް ނުނިންމޭނެއެވެ. އެއަށްވުރެ ޒިންމާ ބޮޑުވެފައި، ޒިންމާދާރެވެ.

ޝައްކެއް ނެތެވެ. މިރަށުގައި މަޝްހޫރު ވެފައި އޮންނަނީ ފުޓްބޯޅާގައެވެ. ކޮވިޑްގެ ކުރީގެ އަހަރުތަކަށް ބަލާނަމަ ދެ މަހުން އެއްމަހު ގޮތަކަށް ކޮންމެވެސް ނަމެއްގައި މުބާރާތެއް އޮންނާނެވެ. މުބާރާތެއް އިއުލާނު ކުރުމާއެކު އެއްކަލަ ކޮފީމޭޒުމަތިން ތެދުވެ ޓީމެއް ހަދާލާނެއެވެ. ނަމަވެސް ރަށުގެ ބޮޑު މަގުގައި ގަހެއް އިންދާލަން ނުކުންނާނެ ހަމަ އެންމެ ބޮލެއްވެސް ނުފެންނާނެއެވެ. ކުޅުމަށް ދެވިފައިފާ ޝައުގުވެރިކަން ރަށުގެ އެހެންކަންކަމަށްވެސް ދޭންއެބަޖެހެވެ. ރަށުގެ އިޖްތިމާއީ ކަންކަމަށް ކުރިއަރުންވަން މަސައްކަތް ކުރަން އެބަޖެހެއެވެ. އަންނަ އޮތް ޖީލުތަކަށް އެއްބައިވަންތަކުގެ މިސާލު އަހަރެމެންނަށް ދެއްކޭނީ މިއަދު އުވެމުންމިދާ އެކުވެރިކަން އާލާކޮށްގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355