ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމް ޓިކެޓްގައި ކުޅުދުއްފުށި ސިޓީގެ ހުޅަނގު އުތުރު ދާއިރާގެ ކައުންސިލް މެމްބަރުކަމަށް ވާދަކުރާ ފާރޫގުގެ ނަން އަނބުރާ ނަގައިފި އެވެ.
ފާރޫގުގެ ނަން އަނބުރާ ނެގިކަން ކޭއޯއަށްވެސް އޭނާ ވަނީ ޔަގީންކޮށްދެއްވާފަ އެވެ. ނަން ނެގިކަން އިއުލާންކުރައްވާ ސޯޝަލް މީޑިއާގައި ފާރޫގު ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، ނަން ނެގީ ލާމަރުކަޒީ ނިޒާމަކީ ޕީޕީއެމް ދަންނަ ނިޒާމަކަށް ނުވުމާއި އެ ޕާޓީ މިހާރު ހިންގުމުގައި ހުރި ދޯހަޅި ކަމުން ކަމަށެވެ.
އެމްޑީޕީއަށް ތާއިދުކުރައްވަމުން ލިޔުއްވާފައިވަނީ ގަބޫލުކުރާގޮތުގައި ކުޅުދުއްފުށީގެ ތަރައްގީއަށް އެންމެ ބާރު ދުވެލި ލިބޭނީ އެމްޑީޕީގެ ލާމަރުކަޒީގެ ނިޒާމުގެ ތެރެއިންކަމަށްވާތީ ކަމަށެވެ.
ޕީޕީއެމްގައި އުޅުމުގެ ކުރިން ފާރޫގު އެންމެ ފުރަތަމަ މަސައްކަތްކުރެއްވީވެސް އެމްޑީޕީގައި އެވެ. ފުރަތަމަ ދައުރުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވައިގެން ކުޅުދުއްފުށީ ކައުންސިލްގެ މެމްބަރުކަންވެސް ފާރޫގްކުރެއްވި އެވެ. އެ ދައުރުގައި ފާރޫގު އަދާކުރެއްވީ ކައުންސިލްގެ ނައިބު ރައީސް މަގާމެވެ.